ކެޓަލޯނިއާގެ އިންތިޚާބަށް ސްޕޭނުން ކެމްޕޭން ފަށަނީ
ކެޓަލޯނިއާގެ އިންތިޚާބަށް ސްޕޭނުން ކެމްޕޭން ފަށަނީ

ބާސެލޯނާ (ނޮވެމްބަރު 12) - ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޔޯ، ކެޓަލޯނިއާ އަށް ވަޑައިގެން އަންނަ މަހު ބާއްވާ އިންތިޚާބަށް ކެމްޕޭން ފައްޓަވަން ނިންމަވައިފި އެވެ.

މިއީ ކެޓަލޯނިއާގެ ސަރުކާރު އުވާލި ފަހުން އެ ސަރަހައްދަށް ރަޔޯ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އަނެއްކޮޅުން ކެޓަލޯނިއާގެ މިނިވަންކަމުގެ ލީޑަރުން ހައްޔަރުކުރުމާ ދެކޮޅަށް ބާސެލޯނާގައި ރޭ ވަނީ 750،000 މީހުން މުޒާހަރާކޮށްފަ އެވެ. މުޒާހަރާ އަށް ނުކުތް މީހުން ވަނީ ސްޕޭނުން ބަންދުކޮށްފައިވާ ކެޓަލޯނިއާ ސަރުކާރުގެ ކުރީގެ އަށް ވަޒީރުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. މުޒާހަރާ އަށް ނުކުތް މީހުން ވަނީ ބަންދުކޮށްފައި ވަނީ ސިޔާސީ ގައިދީން ކަމަށް ބުނެފަ އެވެ.

ކެޓަލޯނިއާ ސަރުކާރުގެ ވަޒީރުންގެ މައްޗަށް ވަނީ ބަޣާވާތުގެ ދައުވާ އުފުލައިފަ އެވެ. އެ މީހުންގެ ކުށަކީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމެވެ. ކެޓަލޯނިއާ ސަރުކާރުން މިނިވަންކަން އިއުލާންކުރީ އޮކްޓޯބަރު 1 ވަނަ ދުވަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓަށް ފަހު އެވެ. އެ ވޯޓު ނަގާފައި ވަނީ އެއީ ބާތިލް ވޯޓެއް ކަމަށް ސްޕޭނުގެ ދުސްތޫރީ ކޯޓުން އަންގައިފައި ވަނިކޮށެވެ.

ކެޓަލޯނިއާގެ ލީޑަރާއި އިތުރު ހަތަރު ވަޒީރަކު ވަނީ ސްޕޭނުގެ ކޯޓަށް ހާޒިރުވާން އެންގި އަމުރަށް ތަބާނުވެ ބެލްޖިއަމްގައި މަޑުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރުމަށް ސްޕޭނުގެ ހައި ކޯޓުން މިހާރު ވަނީ އަމުރު ނެރެފަ އެވެ.