07 ޖުލައި 2016 - 07:34

އިސްތަށިގަނޑު ފަންކުރަން ސްޓްރެއިޓްނާ ބޭނުންކުރުމަކީ މިހާރު އަންހެން ކުދިން އާންމުކޮށް ކުރާ ކަމެކެވެ. އޮފީހަށް ނުވަތަ ބޭރަށް ދާން ތައްޔާރުވާއިރު އިސްތަށިގަނޑު އަވަހަށް ފަންކޮށްލައިގެން ދިއުމަކީ އާދަވެގެން ކޮށްލާ ކަމެކެވެ. ނަމަވެސް އިސްތަށިގަނޑު ދޮވެލުމަށް ފަހު ތެއް އިސްތަށިގަނޑުގައި ހޫނު ސްޓްރެއިޓްނާއެއް ބޭނުންކޮށްގެން ފަންކުރާ ނަމަ އިސްތަށިގަނޑު އަވަހަށް ހަލާކުވާނެ އެވެ.
އިސްތަށިގަނޑު ހޫނު ސްޓްރެއިޓްނާއަކުން ފަންކުރާއިރު އިސްތަށިގަނޑު ތެތް ނަމަ އިތުރަށް މޮއިސްޗަރައިޒްކޮށް ސްޓްރެއިޓްނާގެ ހޫނުކަމުން އިސްތަށިގަނޑު ސަލާމަތް ވާނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. ފްލެޓް އަޔަން ނުވަތަ ސްޓްރެއިޓްނާއެއް، އިސްތަށިގަނޑު ތެތްކޮށް ހުއްޓާ ޖައްސައިފި ނަމަ އިސްތަށިތައް ބުރިވެ ފައިބާނެ އެވެ.
"އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ހޫނު ފްލެޓް އަޔަނެއް ބޭނުން ނުކުރާތި. އެއީ ތެތް އިސްތަށި ފަސޭހައިން ދެމި ބުރިވާނެ،" ފްލައިގާލް ބިއުޓީ ބްރޭންޑްގެ ބާނީ ލިސާ އެބީ ބުނެފައިވެ އެވެ.
އެބީ ނަސޭހަތްތެރި ވަނީ އިސްތަށިގަނޑު ދޮވެލުމަށް ފަހު، ބްލޯ ޑްރަޔާއެއް ބޭނުންކޮށްގެން ރަނގަޅަށް ހިއްކާލުމަށް ފަހުގައި ނޫނީ އަޔަން ކުރަން ނުފެށުމަށެވެ.
"އިސްތަށިގަނޑުގައި ކުޑަ ނަމަވެސް ތެތްކަމެއް ހުންނަ ނަމަ އިސްތަށިގަނޑުގައި އަޔަން ޖައްސާއިރު ދުން އަރާނެ،" ހެޑް ސްޓްރޯންގް ސެލޮން ހިންގާ ކާލާ ކާޓާ ބުނެފައިވެ އެވެ.
"އެންމެ ކުޑަ ސްޓީމް ނުވަތަ ދުމުން ވެސް އެމީހެއްގެ އިސްތަށިގަނޑާއި ކަރު ނުވަތަ މޫނު 'ސްޓީމް ބާން' ވުން އެކަށީގެންވޭ،" އޭނާ ބުނެފައިވެ އެވެ.
އިސްތަށިގަނޑު ތެތްކޮށް ހުއްޓާ އަޔަން ކުރުމުން އިސްތަށިތައް އަނދައި ފައިބާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އިސްތަށިގަނޑުގެ ކޮޅުތައް ހަލާކުވެ 'ސްޕްލިޓް އިންޑް' ވުން އަވަސްވާނެ އެވެ. އަދި އިސްތަށިގަނޑު އަޔަން ކުރާވަރަކަށް ބުރިވެ ދެފަޅިވެ ކޮޅުތައް އިތުރަށް ހަލާކުވާނެ އެވެ.
ތަޖުރިބާކާރު ހެއާ ސްޓައިލިސްޓުން ނަސޭހަތްތެރި ވަނީ ސްޓްރެއިޓްނާ ޖެއްސުމުގެ ކުރިން އިސްތަށިގަނޑު ރަނގަޅަށް ހިއްކާލާށެވެ. އަދި "ހީޓް ޕްރޮޓެކްޓަންޓް" ތެލެއް ނުވަތަ ސީރަމެއް އުނގުޅާލުމަށް ފަހު ފަންކުރަން ފެށުމަށެވެ.