12 ނޮވެމްބަރ 2017 - 15:09

ދިރާގު ޓީވީއަށް ރީ ބްރޯޑްކާސްޓިން ލައިސަންސް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ދިރާގު ޓީވީ އަށް ރީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުު އެ ކޮމިޝަނުން ނިންމި ނިންމުމުގައިވަނީ ދިރާގަކީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާތީ ދިރާގަކީ ރީ ބްރޯޑްކާސްޓް ކުރުމުގެ ޝަރުތު ހަމަވާ ކުންފުންޏެއް ކަމަށެވެ.
ދިރާގަށް އެ ލައިސަންސް ދިނީ އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލުމުން ކަމަށްވާއިރު އެފަހަރު ލައިސަންސަށް އެދި ހުށަހެޅީ ދިރާގުން އެކަނި ކަމަށްވާތީ ދިރާގަށް ލައިސަންސް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް މި މަހުުގެ ހަ ވަނަ ދުވަހު އޭސީސީން ނިންމި ނިންމުމުގައިވެ އެވެ.
ދިރާގަށް ރީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވަނީ ޖެނުއަރީ، 2013 ގަ އެވެ. އެ ކުންފުންޏަށް ލައިސަންސް ދިނީ 10 އަހަރުގެ ދުވަހުގެ މުއްދަތަށެވެ. އެ ލައިސަންސްގެ ދަށުން ދިރާގުން މިިހާރު ވަނީ މުޅި ރާއްޖެއަށް ދިރާގު ޓީވީގެ ޚިދުމަތް ތައާރަފްކޮށްފަ އެވެ.