12 ނޮވެމްބަރ 2017 - 16:35

ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް "ޔޫފެސްޓް"ގެ ނަމުގައި ގިނަ ކުޅިވަރުތަކާ އެކު، ހުޅުމާލޭގައި ބޮޑު ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެ އިވެންޓް ބާއްވަނީ މަޝްހޫރު އިވެންޓް އޮގަނައިޒާ ބްލަކް އިންނެވެ. ބްލަކް އިން ބުނީ ޔޫފެސްޓް އޮންނާނީ ހުކުރު ދުވަހު ހެނދުނު 5:30 ން އެ ރޭގެ 12:00އާ ހަމައަށް ކަމަށެވެ.
ބްލަކްގެ އެސިސްޓެންޓް މެނޭޖާ މާކެޓިން އެންޑް ޕީއާރު އަލީ ޖިނާހް މުހައްމަދު ވިދާޅުވީ ޔޫފެސްޓްގެ ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާާލޭގެ ތަފާތު ސަރަހައްދުތަކުގައި ކަމަށެވެ. އަދި ވަރަށް ގިނަ، ތަފާތު ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިވެންޓްގެ ކޮންސެޕްޓް ރޭވިފަ ވަނީ ތީމް ޕާކެއްގެ އިހުސާސް ކުރެވޭ ގޮތަށް. އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުތަކުގެ ކުޅިވަރުތައް ކުޅެވޭނެ. ކުޅިވަރުތަކުގައި ބައިވެރިވާން ރެޖިސްޓްރީ ކޮށްލީމަ ނިމުނީ،" ޖިނާ ވިދާޅުވި އެވެ.
- ޔޯގާ ސެޝަން
- ބައިކް ރައިޑް
- ފުޓްސެލް ޓޯނަމެންޓް
- ސްކަވެންޖާ ހަންޓް
- ކިޑްސް ވޯޓާ ފައިޓް
- ސްޑޭންޑަޕް ޕެޑްލިން ރޭސް
- ޖެޓްސްކީ ރޭސް
- މަސް ބޭނުމުގެ މުބާރާތް
- ކުޑަކުދިންގެ ހަވީރު
- ވާޗުއަލް ރިއަލިޓީ ގޭމިން
- ކެއުމުގެ މުބާރާތަކާއި، ބާބެކިއު
- އޮބްސްޓެކަލް ކޯސް
- ޑީޖޭ ސެޝަނަކާއި، މިއުޒިކް ޝޯ
ޖިނާ ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުތަކުގައި ތަފާތު ބާވަތްތަކުގެ ކާނާ ލިބޭނެ ގޮތަށް ފުޑްކޯޓުތަކާއި، ވިޔަފާރި ކުރެވޭނެ މާކެޓްތައް ހުންނާނެ ކަމަށެވެ.
"މިއުޒިކް ޝޯގައި ރާއްޖޭގެ މަޝްހޫރުލަވަކިއުންތެރިން ބައިވެރިވާނެ. އަދި އިންޓަނޭޝަނަލް ލަވަކިއުންތެރިން ވެސް އަންނާނެ،" އޭނާ ވިދާޅުވި އެވެ.
މިއީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ ރަހަކާތަކަށް ވީނަމަވެސް، ހުރިހާ އުމުރުފުރަޔަކަށް ބައިވެރިވެވޭ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ޖިނާ ވިދާޅުވި އެވެ. އެހެންކަމުން، ބްލަކްގެ އެދުމަކީ ވީހާވެސް ގިނަ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވެ، އެންމެންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދިއުމެވެ.