12 ނޮވެމްބަރ 2017 - 13:09

ހެނޮއީ (ނޮވެމްބަރު 12) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަކީ ފަލަ، ކުރު މީހެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަލާމާތް ކުރައްވައިފި އެވެ.
ޓްރަމްޕުގެ އޭޝިއާ ދަތުރުފުޅުގެ ބޭނުމަކީ ހަނގުރާމައަކަށް މަގު ފަހިކުރުން ކަމަށް ނޯތު ކޮރެއާ އިން އިއްޔެ ވަނީ ބުނެފަ އެވެ. އަދި އެއީ މުސްކުޅިވެފައިވާ މޮޔައެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރައްދުގައި ޓްރަމްޕް ކުރެއްވި ޓްވީޓުގައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް އަކީ ފަލަ، ކުރު މީހެއް ކަމަށް އޭނާ ވިދާޅު ނުވާ އިރު އޭނާއާ ދިމާލަށް މުސްކުޅިއެކޭ ބުނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.
ޓްރަމްޕް ވަނީ އޭޝިއާގެ ގައުމުތަކުގެ މެދުގައި ޖެހިގެން އުޅޭ މައްސަލަތައް ހައްލު ކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ވެސް ހުށަހަޅުއްވައިފަ އެވެ. ވިއެޓްނާމުގެ ރައީސް ޓްރޭން ޑައި ގުއަންއާ ބައްދަލު ކުރައްވާ ޓްރަމްޕް ވިދާޅުވީ ސައުތު ޗައިނާ ކަނޑުގެ މައްސަލަ ހައްލު ކުރުމުގައި އޭނާ އަށް އެހީތެރިވެވިދާނެ ކަމަށެވެ.
"އަޅުގަނޑަކީ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ކަންކަން ހައްލު ކުރުމަށް ވަރަށް މޮޅު މީހެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ސައުތު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ޗައިނާގެ އިތުރުން ވިއެޓްނާމް، ފިލިޕީންސް، ޓައިވާން، މެލޭޝިއާ އަދި ބުރޫނާއީ އިން ވެސް ދަނީ ދައުވާ ކުރަމުންނެވެ.
ޓްރަމްޕުގެ އޭޝިއާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ފިލިޕީންސް އަށް މިއަދު ވަޑައިގަންނަވާނެ އެވެ.