13 ނޮވެމްބަރ 2017 - 07:08

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) ނުވަތަ ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އަށަގަތުމަކީ އަންހެނުންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ.
މި ޖަރާސީމުތައް ކުޑަކަމުދާ ނިޒާމުގެ ތެރެއަށް ދަތުރުކުރުމުން ސީރިއަސް އިންފެކްޝަންތައް ޖެހޭ ގޮތް މެދުވެރިވެ އެވެ. މިފަދަ އިންފެކްޝަނެއްގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، މޭނުބައިކުރުން، ހީކެރުވުން، ކުޑަކަމުދާއިރު ދިލަނެގުމާއި ތަދުވުން ހިމެނެ އެވެ.
ޔޫޓީއައިގެ މައްސަލަ ދިމާވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށް ވެސް މި މައްސަލަ ދިމާވެ އެވެ. ނަމަވެސް އަންހެނުންނަށް މި މައްސަލަ ދިމާވުން ނިސްބަތުން ގިނައީ އެވެ. އެހެންވެ މި މައްސަލަ ކުރިމަތިވެދާނެތީ އަންހެނުން މާ ބޮޑަށް ފަރުވާ ބަހައްޓަން ޖެހެ އެވެ.
ޔޫޓީއައިގެ ސަބަބުން ކިޑްނީ، ލިވާ، ރަހިމު، ބްލެޑާ ފަދަ ހަށިގަނޑުގައި އުފެދޭ ނަޖިސް ބޭރުކޮށްދީ ހަށިގަނޑުގެ ފިނިހޫނިމިން އެއްވަރެއްގައި ބަހައްޓައިދިނުމުގެ ޒިންމާ އުފުލާ ގުނަވަންތަކަށް ނޭދެވޭ އަސަރުތައް ކުރެ އެވެ. ގިނަގިނައިން އިންފެކްޝަން ޖެހޭ ނަމަ ކުޑަކަމުދާ ނިޒާމުގެ މަތީ ބަޔަށް އިންފެކްޝަން ޖެހޭ ނަމަ އެ ހިސާބުގައިވާ ކިޑްނީ، ރަހިމު އަދި ފެލޯޕިއަން ޓިއުބަށް ގެއްލުންވެ ދަރިމައިވުމަށް ދަތިތަކާ ކުރިމަތިވެދާނެ އެވެ. މި ހާލަތަށް ކިޔަނީ ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އެވެ. މި ބަލި ޖެހިއްޖެ ނަމަ ފެލޯޕިއަން ޓިއުބްސް ވަރަށް ބޮޑަށް ހަލާކުވެ އެވެ. އަދި ކިޑްނީ މައްސަލަތައް ދިމާވެ ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތްތަކަށް ބުރޫ އަރަ އެވެ.
ފިރިހެނުންނަށް ޔޫޓީއައި ޖެހުމުން ވެސް ދަރިން ހޯދުމަށް ދަތިވެ އެވެ. މިއީ ޖެނިޓޯ-ޔޫރިނަރީ ޓްރެކްޓްގައި އިންފެކްޝަން އުފެދުމުން ދިމާވާ ގޮތެކެވެ. ޕްރޮސްޓޭޓް ގްލޭންޑާއި އެނޫން ވެސް ރިޕްރޮޑަކްޓިވް ސްޓްރަކްޗާއަށް ޖަރާސީމުތައް ދަތުރުކުރުމުގެ ސަބަބުން ސްޕާމް ކައުންޓް ދަށްވެގެންނެވެ.
އިންޑިއާގެ ނިއު ދިއްލީގެ ފަސްޓް ސްޓެޕް އައިވީއެފް ކްލިނިކްގެ ކޮންސަލްޓަންޓް ފާޓިލިޓީ ޑރ. ޕްރީތީ ގުޕްތާ އިންޑިއަން އެކްސްޕްރެސް އަށް ވިދާޅުވެފައިވާ ގޮތުގައި ޔޫޓީއައި އިން ދިފާއުވުމަކީ އެންމެ ރަނގަޅު ގޮތެވެ. ވަރަށް ފަސޭހައިން އޭގެ ނުރައްކަލުން ސަލާމަތް ވެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫޓީއައި އިން ސަލާމަތްވާނެ ގޮތް
* ވީހާވެސް ގިނައިން ދިޔާ އެއްޗެހި ބޯށެވެ. އޭރުން ޖަރާސީމާއި ވިހަތައް ހަށިގަނޑުން ބޭރުވެގެން ދާނެ އެވެ. ކުޑަކަމުދާ އެއްޗެހީގައި ހުންނަ އެސިޑްކަން ފެނުގެ ސަބަބުން ކުޑަވެ ކުލަ ވެސް އަލިވެ އެވެ. ޔޫޓީއައި ޖެހިފައިވާ މީހަކަށް ދިލަ ނެގުމާއި ތަދުވުން ފަދަ ކަންތައްތައް ކުޑަވާނީ ފެން ގިނައިން ބުއީމަ އެވެ.
* ސާފުތާހިރުކަމަށް ސަމާލުކަން ދޭށެވެ. ޔޫޓީއައި ޖެހިފައިވާ މީހުން އާންމުން ވަންނަ ފާޚާނާ ބޭނުންނުކުރާށެވެ. ސަބަބަކީ އެހެން މީހުންގެ ގަޔަށް ބަލި އެރުމުގެ ފުރުސަތު ބޮޑުކަމުންނެވެ. ފާޚާނާކޮށްފައި ކުރިމަތި ފަރާތް ފޮހުމަށް ފަހު ފުރަގަސް ފޮހޭށެވެ. ސަބަބަކީ ކުރިން ފުރަގަސްފަރާތް ފޮހެފި ނަމަ ފުރަގަސްފަރާތުގައި ހުންނަ ބެކްޓީރިއާތައް ކުރިމައްޗަށް ވާސިލު ވެދާނެތީ އެވެ.
* ކުޑަކަމުދާން ޖެހިއްޖެ ނަމަ ހިފަހައްޓައިގެން ނުހުންނާށެވެ. ތަދުވާތީ ނުވަތަ ދިލަ ނަގާތީ ކުޑަކަމު ނުގޮސް ނުހުންނާށެވެ. ކުޑަކަމުދިއުމުން ވިހަތައް ބޭރުވުމުގެ އިތުރުން ބްލެޑާގައިވާ ވާންކަން ފިލާނެ އެވެ. އަދި ބަނޑުގެ ރިހުން ކުޑަވާނެ އެވެ.
* މާ ބާރު ޖަނގިޔާ ނުލާށެވެ. ހޫނުވާ ނަމަ ޖަރާސީމުތައް އިތުރުވާލެއް އަވަސްވާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް އެތެރެއިން ލާ އަންނަނުނު ބަދަލުކުރާށެވެ.
* ބޮޑުކަމު އަދި ކުޑަކަމު ގޮސް ސާފުވާއިރު މާ ބާރުގަދަ ވައްތަރުތަކުގެ ސައިބޯނި ބޭނުން ނުކުރާށެވެ. އެންޓިސެޕްޓިކް ކްރީމް، ފެމެނިން ހައިޖީން ސްޕްރޭ އަދި ހުދު ފުށް ކަހަލަ އެއްޗެހި އެއްގޮތަކަށް ވެސް ބޭނުން ނުކުރާށެވެ.
* ވިޓަމިން ސީ، ޒިންކް ގިނައިން ލިބޭ ކަހަލަ ކާނާ ނުވަތަ ގުޅަ ބޭސް ބޭނުންކުރާށެވެ. އޭރުން ކުޑަކަމުދާ ނަޖިހުގައި ޖަރާސީމު އުފެދުން މަދުވާނެ އެވެ.
* ޔޫޓީއައިގެ އަލާމާތްތައް ފެންނަން ފެށުމުން އަވަހަށް ޑޮކްޓަރަށް ދައްކާށެވެ. އެންޓިބައޮޓީކްސް އާއި އެނޫން ވެސް ބޭސްތައް ޑޮކްޓަރުން ވިދާޅުވާ ގޮތެއްގެ މަތިން ބޭނުން ކުރާށެވެ. ޔޫޓީއައިގެ އަލާމާތްތައް ފެންނަން ފެށުމުން އަޅާނުލާ ނުހުންނާށެވެ. ނޫން ނަމަ ފަހުން ކުއްޖަކު ހޯދަން އުނދަގޫ ވެދާނެ އެެވެ.
ޖިންސީ ގުޅުމުން ޖެހޭ ބަލިތަކާއި ޔޫޓީއައިއާ ބައެއް ފަހަރަށް އޮޅޭގޮތްވެ އެވެ. ޑޮކްޓަރަަށް ދައްކައިގެން ވެގެން އުޅޭ ގޮތް ބަލަން ޖެހެނީ އެހެންވެ އެވެ.