15 ނޮވެމްބަރ 2017 - 06:47

ސަންޖޭ ލީލާ ބާންސާލީއާ އެކު މަސައްކަތް ކުރަން އެންމެ އުނދަގޫވި އެކްޓަރަކީ ޝާހިދު ކަޕޫރު ކަމަށް އެ ފިލްމުގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.
ދީޕިކާ ބުނި ގޮތުގައި ބާންސާލީއާ އެކު މަސައްކަތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. "ޕަދްމާވަތީ" އަކީ ބާންސާލީއާ އެކު ޝާހިދު މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ. ޝާހިދަށް އެހާ އުނދަގޫވީ އެހެންވެ އެވެ.
"ސަންޖޭ (ބާންސާލީ) އާ އެކު މަސައްކަތް ކުރާކަށް ރަންވީރަކަށް އެހާ އުނދަގުލެއް ނޫން. އަދި އަހަންނަކަށް ވެސް އުނދަގުލެއް ނޫން. ސަބަބަކީ އަހަރެމެން ކުރިން ވެސް އޭނާއާ އެކު މަސައްކަތް ކޮށްފައިވާތީ ޑައިރެކްޓަރުގެ މަސައްކަތް ކުރުމުގެ ސްޓައިލާއި އޭނާގެ ވިސްނުން ހުންނާނެ ގޮތް އަދި ސެޓުގެ މާހައުލު އޮންނާނެ ގޮތް އަހަރެމެންނަށް އެނގޭތީ. އޭނާ އަހަރެމެންގެ ކިބައިން ބޭނުންވާ ކަންތައްތައް އަހަރެމެންނަށް ކޮންމެ ފަހަރަކުވެސް އެނގޭ،" ދީޕިކާ ބުންޏެވެ.
ދީޕިކާ ގަބޫލުކުރާ ގޮތުގައި ޝާހިދަށް އެހާ އުނދަގޫވީ ބާންސާލީގެ ކަންތައް ހުންނަ ގޮތް އޭނާއަށް އެއްގޮތަކަށް ވެސް އެނގިފައި ނުވާތީ އެވެ. ދީޕިކާ ވަނީ މީގެ ކުރިން ބާންސާލީގެ "ގޯލިޔޯން ކީ ރާސް ލީލާ ރާމް ލީލާ" އާއި "ބާޖީރާއޯ މަސްތާނީ"ގައި މަސައްކަތް ކޮށްފަ އެވެ. އަދި ރަންވީރު ވެސް އެ ދެ ފިލްމުގައި މަސައްކަތް ކުރި އެވެ.
ދީޕިކާ ބުނި ގޮތުގައި ބާންސާލީގެ ފިލްމުތަކުގެ ކެރެކްޓާތަކަށް ވަދެވޭލެއް ބޮޑުކަމުން ގޮސް ޝޫޓިން ނިމުމަށް ފަހު ވެސް އެ ކެރެކްޓާގެ ޒޯނުން ބޭރުވާން ވަރަށް އުނދަގޫވެ އެވެ. އެއީ ބާންސާލީ މަސައްކަތް ކުރުވާ ގޮތުންނެވެ. ބައެއް އެކްޓަރުންނަށް އެމީހުން ކުޅޭ ކެރެކްޓާއެއް އުޅޭ ގޮތަށް ހަގީގަތުގައި ވެސް އުޅެވެ އެވެ.
"އަހަރެން ކޮންމެ ދުވަހަކު ޝޫޓިން ނިމުމުން އެ ކެރެކްޓާ އިން ނުކުމެގެން ގެއަށް ދެވޭތޯ މަސައްކަތް ކުރަން. ނަމަވެސް އެއީ ޝާހިދާއި ރަންވީރަށް އެހާ ފަސޭހަ ކަމަކަށް ނުވި،" ދީޕިކާ ބުންޏެވެ.