މަޓާ އާއި ހެރޭރާ ޔުނައިޓެޑް ދޫކޮށްލަނީ
މަޓާ އާއި ހެރޭރާ ޔުނައިޓެޑް ދޫކޮށްލަނީ

މެންޗެސްޓާ (ނޮވެމްބަރު 12) - އަންނަ އަހަރު ވޯލްޑް ކަޕްގައި ވާދަކުރާ ސްޕެއިން ޓީމުން ޖާގަ ހޯދުމުގެ ވިސްނުމުގައި ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ހުއާން މަޓާ އާއި އަންޑަ ހެރޭރާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މަޓާ ހޯދަން އޭނާގެ ކުރީގެ ކްލަބް ވެލެންސިއާ އާއި ރެއާލް މެޑްރިޑުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ހެރޭރާ އަށް ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުން އަންނަނީ ފާރަލަމުންނެވެ.

ޔުނައިޓެޑުން މި ސީޒަނުގައި ގަވައިދުން ޖާގަ ލިބެނީ ޒުވާން ފޯވާޑް މާކަސް ރެޝްފޯޑާއި އާރްމީނިއާގެ ހެންރިކް މިކިތާރްޔަން އަދި އެންތަނީ މާޝިއަލް އަށެވެ. އަދި މަޓާ އަށް ފުރުސަތު ލިބެނީ އޭގެ ފަހުންނެވެ. ނިމެންޔާ މަޓިޗް ގެނައި ފަހުން ޕައުލް ޕޮގްބާ ފިޓްކޮށް ހުއްޓައި ހެރޭރާ އަށް ވެސް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭގޮތްނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހެރޭރާގެ އޭޖެންޓުން ވަނީ ބާސެލޯނާއާ މަޝްވަރާކޮށްފަ އެވެ. އަދި ހެރޭރާ ކްލަބް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު ބާސެލޯނާ އިން ދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ހެރޭރާ ވަނީ މީގެ ކުރިން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި ސީޒަނުގައި ވެލެންސިއާ އިން އަންނަނީ ސްޕެނިޝް ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ވެލެންސިއާގެ ކޯޗު މާސެލީނިއޯ ގާސިއާ ވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް އެޓޭކިން ކުޅުންތެރިން ގެންނާނެ ކަމަށް ބުނެފަ އެވެ. މީގެ ކުރިން މަޓާ ވަނީ ސްޕެއިނުގެ ކްލަބަކަށް ބަދަލުވާނަމަ ވެލެންސިއާ އަކީ އޭނާގެ ފުރަތަމަ ކްލަބް ކަމަށް ބުނެފަ އެވެ.

ޔުނައިޓެޑުގެ ބޯޑުން ވަނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އިތުރު ކުޅުންތެރިއަކު ގަންނަން ބޭނުންވެއްޖެނަމަ ފުރަތަމަ އެ ޓީމުން ބައެއް ކުޅުންތެރިން ވިއްކާލަން ޖެހޭނެކަން އަންގައިފަ އެވެ.