14 ނޮވެމްބަރ 2017 - 07:19

ވިދްޔާ ބާލަންގެ މިހާރު ރިލީޒްވާން ތައްޔާރުވެފައިވާ "ތުމްހާރީ ސޫލޫ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ސުވާލު ކުރި ފިރިހެން ރިޕޯޓަރަކަށް ވިދްޔާ ރަނގަޅު ފިލާވަޅެއް ނަގައިދީފި އެވެ.
މި ރިޕޯޓަރު ވިދްޔާއާ ސުވާލުކުރީ މިހާރުގެ ޒަމާނީ ރޯލުތައް ކުޅެން ބަރުދަން ލުއިކޮށް ހަށިގަނޑު ޓޯން ކުރާނީ ކޮން އިރަކުންތޯ އެވެ. މި ސުވާލުކުރުމުން ވިދްޔާ ހިތްހަމަނުޖެހުނު ނަމަވެސް މާ ބޮޑަކަށް އެކަމެއް ނާންގަ އެވެ. އެމީހާއަށް ޖަވާބު ދެމުން ވިދްޔާ ބުނީ އެ ސުވާލުކުރުމަށް ވުރެ އަންހެނުންނާ ދޭތެރޭ އޭނާ ދެކޭ ގޮތް ބަދަލުކުރިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.
ނަސީބަކުން މި ސުވާލުކުރުމުން ވިދްޔާ ރުޅިއެއް ނާދެ އެވެ. އޭނާ ޖަވާބު ދިނީ ވަރަށް މައިތިރިކޮށް އިނދެގެންނެވެ. ވިދްޔާ ބުނީ އޭނާއަށް ލިބޭ ރޯލުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަންހެނުންނަށް ބޮޑަށް ފޯކަސް ކޮށްފައި ހުންނަ ފިލްމުތަކާއި ބަރުދަން ލުއިކުރުމާ ހުރީ ކޮން ގުޅުމެއްތޯ ވިދްޔާ ސުވާލު ކުރި އެވެ.
ހަށިގަނޑު ހުންނަ ގޮތަށް މަލާމާތްކުރާ މީހުންނާ ވިދްޔާ ގިނައިން ބައްދަލުކުރަނީ ފަރުވާ ކުޑަ ގޮތަކަށެވެ. އަދި އޭނާ އަކީ މިފަދަ ގިނަ ބައެއްގެ ރޯލް މޮޑެލް އެކެވެ.