"ޓައިގާ ޒިންދާ ހޭ"ގެ ޓްރެއިލާއަށް ގިނަ ރެކޯޑްތަކެއް
"ޓައިގާ ޒިންދާ ހޭ"ގެ ޓްރެއިލާއަށް ގިނަ ރެކޯޑްތަކެއް

ސަލްމާން ޚާންގެ އާ ފިލްމު "ޓައިގާ ޒިންދާ ހޭ"ގެ ފުރަތަމަ ޓްރެއިލާ އިންޓަނެޓުގައި ގިނަ ރެކޯޑްތަކެއް މުގުރައިފި އެވެ.

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ، ކެޓުރީނާ ކައިފް ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމު އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ޓްރެއިލާ ހަދާފައިވާ ރެކޯޑްތަކުގެ ތެރޭގައި އެންމެ ގިނައިން ޓުވީޓްކުރި ހިންދީ ފިލްމު ޓްރެއިލާގެ ރެކޯޑް ހިމެނެ އެވެ. އަދި ޔޫޓިއުބުގައި އެންމެ އަވަހަށް 20 މިލިއަން ފަހަނަޅައި ދިޔަ، ސަލްމާންގެ ފިލްމެއްގެ ޓްރެއިލާ އަށް ވެސް ވަނީ ވެފަ އެވެ. މީގެ އިތުރަށް ވެސް މި ފިލްމު ވަނީ މުޅިން އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެއީ ޔޫޓިއުބުގައި ރިލީޒްކުރި ޓްރެއިލާތަކުގެ ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ލައިކް ލިބުނު ޓްރެއިލާއަކަށް ވެސް "ޓައިގާ ޒިންދާ ހޭ" ގެ ޓްރެއިލާ ވަނީ ވެފަ އެވެ.

މިއީ ތެދެއްކަން ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ނަމަވެސް މިއީ ހަމަ ހަގީގަތެކެވެ. "ޓައިގާ ޒިންދާ ހޭ"ގެ ޓްރެއިލާ އަށް 700،000 ލައިކްސް ޔޫޓިއުބުގައި ލިބިފައިވެ އެވެ. ދާދި ފަހުން ރިލީްޒްކުރި، ދީޕިކާ ޕަދުކޯންގެ "ޕަދްމާވަތީ" ޓްރެއިލާ އެވެ. އެއަށް ގާތްގަނޑަކަށް ލިބިފައިވަނީ 600،000 ލައިކްސް އެވެ.

"ޓައިގާ ޒިންދާ ހޭ" އާ އެންމެ ކައިރިން ދެ ވަނައިގައި ވާދަކުރަނީ "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" ޓްރެއިލާ އެވެ. އެ ޓްރެއިލާ އަށް 695،000 ލައިކްސް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ"ގެ ޓްރެއިލާ އެވެ. އެއަށް ލިބިފައިވަނީ 645،000 ލައިކްސް އެވެ.

މިހާރު ދާ ސްޕީޑްގައި ސަލްމާންގެ ފިލްމު ޓްރެއިލާ އަށް ލައިކްސް ލިބެމުން ދާ ނަމަ ވަރަށް އަވަހަށް އެއް މިލިއަން ލައިކްސް ހަމަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.