12 ނޮވެމްބަރ 2017 - 12:23

ޖިނާއީ ބޮޑެތި ކުށްތަކުގައި ނުހިމެނޭ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ނިންމައި ގަވައިދު އިސްލާހުކުރުމާ އެކު 15،000 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދީފައިވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ފުލުސް އޮފީހުން ބުނީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ ކުށްތައް ކޮށްފައިވާ 15،328 މީހުންގެ ކުށުގެ ރެކޯޑު، ވަޒީފާގެ ފުރުސަތު ހޯދަން ފަސޭހަކޮށްދިނުމުގެ ގޮތުން، ސާފުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުށް ތަކުރާރު ނުކުރާ މީހުންނެވެ.
"ހަގީގަތުގައި މިއީ ވަރަށް ބޮޑު ނިންމުމެއް. މީގެ ކުރިން، ކުޑަ އެންމެ ކުށެއް ކޮށްފައި އޮންނަ މީހަކަށް ވެސް ވަޒީފާ ހޯދުމުގެ ދަތިކަން އެބަ ކުރިމަތިވޭ ރެކޯޑުގައި އެކަން އޮންނާތީ. އެހެންވެ، މިފަދަ ކުށްތައް ރެކޯޑުގައި ހާމަ ނުކުރުން ވާނީ ވަޒީފާ ހޯދުމަށް ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް،" ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވި އެވެ.
ޕޮލިސް ރެކޯޑު ހާމަކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން ބޮޑެތި ކުށުގެ ގޮތުގައި ބަލާފައި ވަނީ ކުޑަކުދިންނަށް (އެކި ގޮތްގޮތުން) ގޯނާ ކުރުމާއި ރޭޕް ކުރުން އަދި ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ތަހުގީގު ހިނގަމުންދާ މައްސަލަތަކެވެ. މިއިން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތް މެދުވެރިކޮށް ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް، 2014 ވަނަ އަހަރު ވެސް ވަނީ ހާހަކަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑު ފޮހެލައިފަ އެވެ.