13 ނޮވެމްބަރ 2017 - 07:04

ޕްރިޔަންކާ ޗޯޕްރާ އަކީ މިހާރު މުނިފޫހިފިލުުމުގެ ދާއިރާގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ބަތަލާ އެކެވެ. ނަމަވެސް މި މަގާމަށް އޭނާއަށް ވާސިލު ވެވުނީ ވަރަށް ހިތްވަރާއި ބުރަ މަސައްކަތުންނެވެ.
މަސައްކަތުގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވާ ހުރިހާ އުނދަގުލަކާ ޕްރިޔަންކާ ވެސް ވަނީ ކުރިމަތިލައިފަ އެވެ. ބޮލީވުޑަށް ޕްރިޔަންކާ ވަނީއްސުރެ އޭނާގެ ހިމާޔަތުގައި އޭނާގެ މަންމަ މަދޫ ޗޯޕްރާ ރެއާއި ދުވާލު ހޭދަކޮށްފައިވެ އެވެ.
މަދޫ ވަނީ ޕްރިޔަންކާގެ ކެރިއަރުގެ ކުރީކޮޅު ދިމާވި ބައެއް އުނދަގޫތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. މަދޫ ބުނި ގޮތުގައި ނަން މަޝްހޫރު ގަދަރުވެރި ޑައިރެކްޓަރެއްގެ ޑިމާންޑްތަކަށް ޕްރިޔަންކާ ދީލާނުލުމުން އޭނާއަށް 12 ވަރަކަށް ފިލްމު ގެއްލުނެވެ.
ޕްރިޔަންކާގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް ކިޔައިދޭން އޭނާގެ މަންމައަަށް މަޖްބޫރުވީ ޕްރިޔަންކާ ދިން ބަޔާނަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އޭނާ އެ ވާހަކަ ދެއްކި ސަބަބު އޮޅުންފިލުވަން މަސައްކަތް ކުރާތީ އެވެ. ޕްރިޔަންކާ ބުނީ ހޮލީވުޑްގެ ބަތަލާއިން ތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ވަރަށް ގިނަ ބަތަލާއިން އެމީހެއްގެ ބޮލުގައި އަޅުވަމުންދާ ހާވޭ ވިންސްޓަން ކަހަލަ ވަރަށް ގިނަ މީހުން ބޮލީވުޑްގައި ވެސް އެބަ ތިބި ކަމަށެވެ.
ޕްރިޔަންކާ ދެއްކި ވާހަކަތައް ދިފާއުކޮށް އޭނާގެ މަންމަ ޑެއްކަން ކްރޮނިކަލް އަށް ދީފައިވާ އިންޓަވިއުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ޕްރިޔަންކާ އަށް ކުރިމަތިވި މިފަދަ ދެ ހާދިސާއެއް ކިޔައިދީފައިވެ އެވެ.
މަދޫ ބުނި ގޮތުގައި އެތަނުން އެއް ހާދިސާ އަކީ ޕްރިޔަންކާގެ އުމުރުން އެންމެ 17 އަހަރުގައި ހިނގި ކަމެކެވެ.
"އެއީ އޭނާ ފިލްމު އިންޑަސްޓްރީއަށް ވަން ދުވަސްވަރު. އަހަރެން އެންމެ މިނިޓަކަށް ވެސް އޭރު އޭނާޔާ ދުރަކަށް ނުދަން. އެހެންވެ މީހަކު އޭނާއާ ފިލްމަކާ ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާގެ އޮފީހަށް އަންނަން އެދުމުން އަހަރެމެން ދިޔައިން. އަހަންނާއެކު ޕްރިޔަންކާ އެމީހާގެ އޮފީހަށް ވަދެ އިށީނުމުން ފިލްމުގެ ވާހަކަ ނެރޭޓް ކޮށްދެންދެން މަންމަ އިހަށް ބޭރުގައި ބައިންދާށޭ އެ މީހާ ޕްރިޔަންކާ ކައިރީ ބުނި،"
"ޕްރިޔަންކާ ވަގުތުން އެމީހާއާ ދިމާލަށް ބުނި އަހަރެންގެ މަންމަ އަޑު ނީއްވާ ކިޔައިދޭ ވަރުގެ ވާހަކައަކަށް އަހަންނަކަށް ފިލްމެއް ނުކުޅެވޭނޭ. އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. އެކަމަކު ޕްރިޔަންކާ ފިލްމު ދޫކޮށްލީ،" މަދޫ ބުންޏެވެ.
"އަނެއް ފަހަރަކު ޑިޒައިނަރަކު ޕްރިޔަންކާ ކައިރީ ބުނި ޑައިރެކްޓަރު ބޭނުންވަނީ ވީހާވެސް ނިވާކަން ކުޑަ ހެދުން ޕްރިޔަންކާ އަޅުވާށޭ،" އޭނާ ބުންޏެވެ.
ރީތި ހަށިގަނޑު ހާމަ ނުކުރަންޏާ ކެމެރާ ކުރިމަތީގައި މިސް. ވޯލްޑަށް ވުމުގެ ބޭނުމަކީ ކޮބައިހޭ ޑައިރެކްޓަރު ބުނި ކަމަށްވެ އެވެ. ޕްރިޔަންކާ ވަގުތުން އެ ފިލްމު ކުޅެދޭން ދެކޮޅު ހެދި އެވެ. އެއީ ވަރަށް ގަދަރުވެރި މަޝްހޫރު ޑައިރެކްޓަރެއް ކަމަށާއި ޕްރިޔަންކާ ފިލްމު ނުކުޅޭނެކަމަށް ބުނުމުން އެމީހާ ވަރަށް ހިތްހަމަނުޖެހުނު ކަމަށް ވެސް މަދޫ ބުންޏެވެ.
އެ ޕްރޮޖެކްޓަށް ޕްރިޔަންކާ ނޫނެކޭ ބުނުމުން އިތުރު 10 ފިލްމު އޭނާއަށް ގެއްލުނު ކަމަށް ޕްރިޔަންކާގެ މަންމަ ބުންޏެވެ.
މަދޫ ބުނި ގޮތުގައި ހޮލީވުޑްގައި ޕްރިޔަންކާއަކަށް މިފަދަ އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ. އެތަނުގެ މީހުން އޭނާއަށް ގަދަރު ކުރެ އެވެ. އަދި ޕްރިޔަންކާ މަސައްކަތް ކުރަނީ އޭނާ ކަނޑައަޅާ އުސޫލުތަކަކާއި ހަމަތަކެއްގެ މަތިންނެވެ.