އިރާގުން ބޮޑު ކަށްވަޅެއް ފެނިއްޖެ
އިރާގުން ބޮޑު ކަށްވަޅެއް ފެނިއްޖެ

ބަޣުދާދު (ނޮވެމްބަރު 12) - އިރާގުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައި ދާދި ފަހަކާ ޖެހެންދެން އޮތް ހަވިޖާ ސިޓީން ގިނަ ބަޔަކު ވަޅުލާފައިވާ ބޮޑު ކަށްވަޅެއް ފެނިއްޖެ އެވެ.

ކިރްކުކް ޕްރޮވިންސްގެ ގަވަރްނަރު ރަކާން ސައިދު ވިދާޅުވީ ކަށްތައް ފެނިފައި ވަނީ ސިޓީގެ ބޭރުގައިވާ ވައިގެ މަރުކަޒަކުން ކަމަށެވެ. ވަޅުގެ ތެރޭގައި 400 މީހެއްގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަޅުލާފައިވާ ބައެއް މީހުން ތިބީ އާއްމުންލާ ކަހަލަ ހެދުމުގަ އެވެ. އަދި އަނެއް ބަޔަކު ތިބީ އައިއެސް އިން މަރަން ހުކުމްކުރާ މީހުން ލައްވާ ކަހަލަ ހެދުމުގަ އެވެ.

ސައިދު ވިދާޅުވީ ވައިގެ މަރުކަޒު ބަދަލުކޮށްފައި ވަނީ މީހުން މަރާ ބިމަކަށް ކަމަށެވެ. ސިފައިންގެ ޖެނެރަލެއް ކަމަށްވާ މުރްތަޟާ އަލް ލުވައިބީ ވިދާޅުވީ ކަށްވަޅު ފެނުނީ އާއްމުންގެ ބައެއް މީހުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

އައިއެސްގެ ބާރުގެ ދަށުގައިވާ ހިސާބުތަކުން އިރާގު ސިފައިން މީގެ ކުރިން ވެސް ވަނީ ކަށްވަޅުތައް ހޯދައިފަ އެވެ. މިދިޔަ އަހަރު ވަނީ މީގެ 72 ތަން ހޯދައިފަ އެވެ. އެސޯސިއޭޓެޑް ޕްރެސް އިން ލަފާކުރާ ގޮތުގައި އެ ކަށްވަޅުތަކުގައި 5،200 އާއި 15،000 ދެމެދުގެ އަދަދެއްގެ ހަށިގަނޑުތައް ވާނެ އެވެ.

ކަށްވަޅު ފެނުނު ހަވިޖާ އޮންނަނީ ވެރިރަށް ބަޣުދާދުގެ އުތުރުން 240 ކިލޯ މީޓަރު (150 މޭލު) ދުރުގަ އެވެ. އައިއެސްގެ ބާރުގެ ދަށުގައި 2013 ވަނަ އަހަރުން ފެށިގެން އޮންނަ އެ ސިޓީ އިރާގު ސިފައިން ވަނީ މިދިޔަ މަހު ހިފައިފަ އެވެ.