12 ނޮވެމްބަރ 2017 - 11:56

އަބިޖޯ، އައިވަރީ ކޯސްޓް (ނޮވެމްބަރު 12) - ޓިއުނީޝިއާ އާއި މޮރޮކޯ އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމާ އެކު އަރަބި ހަތަރު ގައުމު ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ފެނިގެންދާނެ އެވެ.
މި ދެ ޓީމުގެ އިތުރުން ދެން ވާދަކުރާނީ 12 އަހަރަށް ފަހު ވޯލްޑް ކަޕުން ޖާގަ ހޯދި ސައުދީ އެރެބިއާ އާއި 27 އަހަރަށް ފަހު ފުރުސަތު ހޯދި މިސްރެވެ.
ޓިއުނީޝިއާ ވޯލްޑް ކަޕުން ޖާގަ ހޯދީ މެޗަކުން ބަލިނުވެ އެފްރިކާ ބައްރުގެ ކޮލިފައިން ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ރޭ ގްރޫޕްގެ ފަހު މެޗުން އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި ލީބިޔާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ޓިއުނީޝިއާ އެންމެ ފަހުން ވޯލްޑް ކަޕަށް ކޮލިފައިވީ 2006 ވަނަ އަހަރެވެ. އޭގެ ފަހުން އޮތް ދެ ވޯލްޑް ކަޕުން ވެސް އެ ޓީމަށް ޖާގައެއް ނުލިބެ އެވެ. އެ ޓީމުގެ ކޯޗު ނަބީލް މާލޫލް ބުނީ މިއީ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވުނު ކަމެއް ކަމަށާއި އުއްމީދަކީ ރަނގަޅަށް ތައްޔާރުވެ ވޯލްޑް ކަޕުގައި ދެވޭ އެންމެ ދުރަކަށް ދިޔުން ކަމަށެވެ.
މޮރޮކޯ ވޯލްޑް ކަޕަށް އެންމެ ފަހުން ކޮލިފައިވީ 1998 ގަ އެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުން މޮރޮކޯ ޖާގަހޯދީ ގްރޫޕްގެ ފަހު މެޗުގައި ރަށުން ބޭރުގައި ވަރުގަދަ އައިވަރީ ކޯސްޓް 2-0 އިން ބަލިކުރުމަށް ފަހު އެވެ. އައިވަރީ ކޯސްޓު ކޮޅަށް މޮރޮކޯގެ ލަނޑުތައް ޖެހީ ޔުވެންޓަސްގެ ޑިފެންޑަރު މެހެދީ ބެނަޝިއާ އާއި މިދިޔަ ސީޒަނުގައި މޮނާކޯ އިން ވިދާލި ނަބީލް ދިރާރު އެވެ.
މޮރޮކޯގެ ކޯޗު ހާވް ރެނާޑް ބުނީ މިއީ މުޅި ގައުމަށް ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.
"ދުނިޔޭގެ ނިސްބަތުން މޮރޮކޯ އަކީ ކުޑަ ގައުމެއް ކަމަށް ބަލައިފާނެ. އެކަމަކު ފުޓްބޯޅައިގައި މޮރޮކޯ ކުޑައެއް ނޫން. މިއީ މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ފަސް ވަނަ ފަހަރު. މިއީ ފަހުރުވެރިވާން ޖެހޭ ކަމެއް،" ރެނާޑް ބުންޏެވެ.
މި ދެ ޓީމުގެ އިތުރުން 2002 ވަނަ އަހަރަށް ފަހު ސެނެގޯލް ވެސް ވަނީ ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ.