12 ނޮވެމްބަރ 2017 - 07:40

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، މައުލޫމާތު ފެތުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އަބްދުﷲ އަޒްމީނަށް ދިވެހި ސަރުކާރުން ރޭ ދީފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަޒްމީނަށް އިނާމް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.
މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ގައި ކިޔަވަމުން ދިޔަ ދުވަސްވަރު ކުޅިވަރު ނޫސްވެރިކަމުގެ ތެރެއަށް ވަން އަޒްމީން އެންމެ ފުރަތަމަ ލިއުނީ އާފަތިސް ނޫހާއި ފިއެސް މަޖައްލާ އަށެވެ. އެކަމަކު އާއްމުންގެ ތެރެއަށް އޭނާ ފާހަގާވަން ފެށީ 2004 ވަނަ އަހަރު ހަވީރު ނޫހާ ގުޅުނު ހިސާބުންނެވެ. އެ ނޫހުން އެމްއީއެސްގައި ހިންގި ނޫސްވެރިކަމުގެ ކޯހުން އެއް ވަނަ ހޯދައި އެ ނޫހުން ފުރުސަތު ހޯދައި ހަ އަހަރު މަސައްކަތްކުރި އެވެ. އެ ދުވަސްވަރު އޭނާ ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތެއް ކަވަރުކޮށްފަ އެވެ.
ފުޓްބޯޅަ ކޮމެންޓަރީ 2003 ވަނަ އަހަރު ދޭން ފެށި އަޒްމީން ވަނީ ރާއްޖޭގެ ގިނަ މެޗުތަކެއްގެ އަދި ގައުމީ ޓީމާއި ރާއްޖޭގެ ކްލަބްތައް ރާއްޖޭން ބޭރުގައި ކުޅުނު މެޗުތަކުގެ ކޮމެންޓްރީ ދީފަ އެވެ. އަދި ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގެ ހާއްސަ ޝޯ ތައް އޭނާ ހުށަހަޅައިދިނެވެ. ޒުވާނުންގެ ގައުމީ އިނާމް 2013 ވަނަ އަހަރު ހާސިލްކޮށްފައިވާ އަޒްމީން ވަނީ ޓީވީ މޯލްޑިވްސްގެ ކުޅިވަރު ހަބަރުތައް ތައްޔާރުކޮށް ހަބަރުތައް ހުށަހަޅައިދިނުމުގައި ވެސް އަހަރުތަކެއް ހޭދަކޮށްފަ އެވެ.
ވީމީޑިއާގައި ވެސް މަސައްކަތްކޮށްފައިވާ އަޒްމީން ވަނީ އަވަސް އޮންނަލުގައި ސްޕޯޓްސް އެޑިޓަރެއްގެ ގޮތުގައި ވެސް ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފަ އެވެ. އޭނާ ފާހަގަކުރެވެނީ މައުލޫމާތު މުއްސަނދި ކޮމެންޓޭޓަރެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ތަފާތު މައްސަލަތައް ނަގައި ފާޑުކިއުމުގެ ނަޒަރުން ރިޕޯޓްކުރުމުގައި ފާހަގަކުރެވޭ ނޫސްވެރިއެކެވެ. ނޫސްވެރިއަކުގެ ދާއިރާ އިން މެލޭޝިއާ އިންނާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަޒްމީން އަންނަނީ ދިވެހި ފުޓްބޯޅައިގެ ތާރީހު ހޯދައި ދިރާސާކުރަމުންނެވެ.
ކުޅިވަރު ނޫސްވެރިންގެ ތެރެއިން މީގެ ކުރިން ހަވީރު ނޫހުގެ މުހައްމަދު ޝަހީބާއި މޫސާ ލަތީފާއި އިމާދު ލަތީފް އަދި ޕީއެސްއެމްގެ ހަފްސީ އަބްދުﷲ ވަނީ ގައުމީ އިނާމް ހާސިލްކޮށްފަ އެވެ.