12 ނޮވެމްބަރ 2017 - 07:21

ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން ރޭ ހަތަރު ފަރާތަކަށް ދެއްވައިފި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމީ އިނާމް ހާސިލްކުރި ފަރާތްތަކަށް އިނާމް ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ކުޅިވަރުގެ ދާއިރާ އިން ގައުމީ އިނާމް ލިބުނީ ކުރީގެ މަޝްހޫރު ރެފްރީ އަލީ ސަލީމާއި މޫދު ކުޅިވަރުގައި އެފަދަ ދެ ވަނަ އެއް ނެތް އަބްދުލްގަފޫރު އަލީ (ގައްބެ) އާއި މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ފާތިމަތު ރިޝްމާ އަދި ކަސްރަތުގެ ދާއިރާގައި ފާހަގަކުރެވޭ އަބްދުﷲ ނިޔާޒް (ޖޭމް އައްލޯ) އަށެވެ.

ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި ސަލީމަކީ ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ރެފްރީ އެވެ. ސްކޫލުގައި އުޅެމުން ރެފްރީ ކޯސް 1990 ވަނަ އަހަރު ފުރިހަމަކުރުމަށް ފަހު 1991 ވަނަ އަހަރު ރެފްރީކަން ކުރަން ފެށި ސަލީމް ވަނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މިހާތަނަށް ތިންހާހެއްހާ މެޗުގައި އެކި ހައިސިއްޔަތުން ބައިވެރިވެފަ އެވެ.
ފީފާ ބެޖް 1995 ވަނަ އަހަރު ހާސިލްކުރި ސަލީމް ވަނީ ބައިނަލްއަގްވާމީ ގިނަ މެޗުތަކެއްގައި ވެސް ރެފްރީކަންކޮށްފަ އެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އޭއެފްސީ އެލީޓް ރެފްރީސް ޕެނަލުގައި ހިމެނި އޭޝިއަން ގޭމްސް، އޭއެފްސީ ޗެމްޕިއަންސް ލީގު، އޭއެފްސީ ކަޕް، ސީ ގޭމްސް، އޭއެފްސީ ޕްރެޒިޑެންޓްސް ކަޕް، އޭއެފްސީ ޗެލެންޖް ކަޕް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި އޮލިމްޕިކް އަދި ވޯލްޑް ކަޕް ކޮލިފައިންގައި ވަނީ އިންސާފުކޮށްފަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ރެފްރީގެ މަގާމް ވެސް ހާސިލްކޮށްފައިވާ ސަލީމް އަންނަނީ ރެފްރީން ތަމްރީންކުރުމަށާއި ރެފްރީންގެ ކަންކަމުގައި އެކި ގޮތްގޮތުން އެފްއޭއެމް އަށް އަދި އަމިއްލަ ފަރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ގައުމީ އިނާމް ރޭ ކުޅިވަރުގެ ދާއިރާ އިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން ހޯދި ރިޝްމާ އަކީ ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ހުނަރުވެރި އެއް އަންހެން ކުޅުންތެރިއާ އެވެ. އޭނާ ވަނީ 2006 ވަނަ އަހަރު "ހަވީރު" ނޫހުން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރު ކުޅުންތެރިއާގެ އެވޯޑް ހާސިލްކޮށް އަދި އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމް 2009 ވަނަ އަހަރު ހޯދައިފަ އެވެ. އަދި 2010، 2013 އަދި 2015 ވަނަ އަހަރު ތިން ވަނަ ހޯދި އެވެ.
ބާސްކެޓްބޯޅަ 2002 ވަނަ އަހަރު ކުޅެން ފަށައި އެ ކުޅިވަރުން މިހާތަނަށް ހުރިހާ ކާމިޔާބެއް ހޯދައި ގައުމީ ޓީމަށް ކުޅެ ކެޕްޓަންކަން ވަނީ ކޮށްފަ އެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން ނެޓްބޯޅަ ކުޅެ 2007 ވަނަ އަހަރު އޭނާގެ ކެޕްޓަންކަމުގެ ދަށުން ބޭރުގެ މުބާރާތަކުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިނެވެ. މި ވަގުތު ހޭންޑްބޯޅައިގައި ރާއްޖޭގައި ހުރި އެންމެ މޮޅު އެއް އަންހެން ކުޅުންތެރިއާ ރިޝްމާ ފުޓްސަލުގައި ވެސް ވަނީ ކާމިޔާބީ ހޯދައިފަ އެވެ. ނެޓްބޯޅަ، ހޭންޑްބޯޅަ އަދި ބާސްކެޓްބޯޅައިގެ ކޯޗިން ލައިންސަން ހާސިލްކޮށް އޭނާ އަންނަނީ ކުޅުންތެރިން ތަމްރީންކުރަމުންނެވެ.
ކުޅިވަރުގެ ދާއިރާ އިން މޫދު ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކުރި ގައްބެ ވަނީ 29 އަހަރު މި ދާއިރާ އަށް ހިދުމަތްކޮށްފަ އެވެ. އޭނާ ވަނީ ގައުމީ ވިންޑް ސާފިން ޗެމްޕިއަންޝިޕުގެ ފްރީ ސްޓައިލް ކެޓަގަރީންނާއި ކެޓަމަރާން ސެއިލިން ޗެމްޕިއަންޝިޕުން ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ ގައްބެގެ އެންމެ ފަހުރުވެރި ހާސިލްކުރުމަކީ، ކެޓަމަރާނެއްގައި ރާއްޖެ ވަށައި އޭނާ ބުރެއް ޖެހުމެވެ. މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު މި ދަތުރުގެ ސަބަބުން މޫދު ކުޅިވަރަށް ގިނަ ބަޔެއްގެ ހިތް ޖެހިގެން ދިޔަ އެވެ. އޭނާ އަންނަނީ މަޅު ސާފް ސްކޫލުގެ ނަމުގައި މޫދު ކުޅިވަރުން މީހުން ތަމްރީންކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ކުޅިވަރުގެ ދާއިރާ އިން ކަސްރަތު ކުރުމާއި ކަސްރަތު ކުރުމުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކުރި ޖޭމް އައްލޯ އަންނަނީ 1991 ވަނަ އަހަރުން ފެށިގެން މި ދާއިރާ އިން މީހުން ތަމްރީންކޮށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވި ކެޓަގަރީން އެއް ވަނަ އަދި 2000 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕުގައި ބައިވެރިވި ކެޓަގަރީން ހަތަރު ވަނަ ހޯދައިފަ އެވެ.
ގިނަ މުބާރާތްތަކެއްގައި ކޯޗެއްގެ ގޮތުން އަދި އޮފިޝަލެއްގެ ގޮތުން ވެސް މަސައްކަތްކޮށްފައިވާއިރު އޭނާ އަކީ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ފަރާތުން ސެޓްފިކެޓް އޮފް ކޯޗިން މިހާތަނަށް ރާއްޖޭން ހޯދި ފުރަތަމަ މީހާ އެވެ. އޭނާގެ އަތުގައި އޭޝިއަން ބޮޑީބިލްޑިން ފެޑެރޭޝަނުގެ ކެޓަގަރީގެ އޭ އޮފިޝަލް ޖަޖިން ލައިސަންސް ވެސް އޮވެ އެވެ.