12 ނޮވެމްބަރ 2017 - 07:54

ކަނޑުގެ ފުންމިން ހިކި ދިޔައިގައި އެންމެ އިތުބާރު ހުރި ގޮތަކަށް ބެލުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ހަމަ އެގޮތަށް، ހަލަބޮލި، އަނިޔާވެރި، އަދި ޚުޝާމަދު ކުރުމުގެ ސިޔާސީ މާހައުލެއްގައި އިލްމުވެރިން ދޭ ނަސޭހަތުގެ ފުރިހަމަކަން ވަޒަން ކުރުމަކީ ވެސް ބައެއް ފަހަރު ވަރަށް ދަތި ކަމަކަށް ވެއެވެ. މިގޮތުން، މިދިޔަ ހުކުރު ދުވަހުގެ ހުކުރު ހުތުބާގައި ބުނެފައިވާ ބައެއް ވާހަކަތަކުގެ މާނަ އާއި މަގުސަދާ މެދު ޝައްކުގެ ނަޒަރަކުން ބެލި މީހުން މަދެއް ނޫނެވެ.
އޭގެ ތެރެއިން އެއް ވާހަކަ އަކީ، "ވެރިންނަކީ ހައްގު ނުދީ އެ ވެރިންގެ އަމިއްލަ ނަފްސަށް އިސްކަން ދޭ ބައެއް ނަމަވެސް އެ ވެރިންނަށް ކިޔަމަންވާން ޖެހޭނެ ކަމަށް" އެ ހުތުބާގައި ބުނި ބުނުމެވެ. އަދި "ދަތި ހާލުގަ އާއި ފަސޭހަ ހާލަތުގައި ވެސް ރުހޭ ކަންތަކާއި ނުރުހޭ ކަންތަކުގައި ވެސް ވެރިންނަށް ކިޔަމަންވާން ޖެހޭނެ ކަމަށް" އެ ހުތުބާގައި ބުނި ބުނުމެވެ.
ތުރުކީގައި އޮތް އުސްމާނީ ހިލާފަތު ނިމުމާ ގުޅިގެން އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ހުޅަނގުގެ އިސްތިއުމާރުތައް ފަހަތަށް ޖެހުމާ އެކު، އުފެދިގެން އައި އިސްލާމީ ދައުލަތްތަކުގެ އާންމު އެއް ސިފައަކަށް ވެގެން ދިޔައީ، އެއްވެސް އިމެއް ނެތް އެގްޒެކެޓިވް ބާރުތަކުން ސަރުކާރުގެ އެހެން ބާރުތަކާއި މުއައްސަސާތަކުގެ މައްޗަށް ވެރިވެގަނެ، އެ ގޮތުން އުފެއްދި ގޮށްމުށުގެ ބާރުގެ ނިޒާމުގެ ތެރެއިން މުޅި މުޖުތަމައު ކޮންޓްރޯލްކޮށް އޮބެހެއްޓުމެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މިނިވަންކަން ނައްތާލައި، ކޮރަޕްޝަން އާންމުވެ، ދައުލަތުގެ މުއްސަނދިކަމުގެ މައްޗަށް ރައީސް ނުވަތަ ޝާހީ އާއިލާ ވެރިވެގަނެ އެއީ އެ މީސްމީހުންގެ އަމިއްލަ ތަރިކައަކަށް ހެދި އެވެ.
އިސްތިއުމާރީ ސާހިބުންގެ އަތްދަށުން އިސްލާމީ ދައުލަތްތައް މިނިވަންވުމާ އެކު އެ ދައުލަތްތައް ދިޔައީ ހުދުމުހްތާރު ގޮށްމުށުގެ ވެރިކަމުގެ ދަށަށެވެ. މިސުރަށް މިނިވަންކަން ލިބުމާ އެކު، މިސުރުގެ ފާރޫގު ރަސްކަމުން ބާލައި ޖަމާލު އަބްދުއްނާސިރުގެ ގޮށްމުށުގެ ވެރިކަން އުފައްދައި ކޮޅަށް ޖެހި އެވެ.
އިރާގުގައި އޮތް ހާޝިމީ ރަސްކަން އުވާލައި ބައަސް ޕާޓީގެ ހުދުމުހްތާރު ވެރިކަން އުފެއްދި އެވެ. ހުދުމުހްތާރު ސީރިއާ، ލީބިޔާ، އަލްޖީރިއާ އަދި ޓިއުނީޝިއާގައި އެއް ޕާޓީގެ ވެރިކަން ގާއިމުކޮށް، އެތަންތަނުގެ ވެރިން ސަރުކާރާއި ރައްޔިތުން ކޮންޓްރޯލްކޮށް މުޅި ދައުލަތް އަމިއްލަ ކުރި އެވެ.
މޮރޯކޯ އާއި ޖޯޑްންގައި އޮތް ރަސްކަން އެއް ޕާޓީ ނިޒާމުން ދައުލަތް ހިންގާ އުސޫލަށް ފައްތާފައި މުޅި ދައުލަތް އަމިއްލަ ކޮށްލި އެވެ. އިސްލާމީ ދައުލަތްތައް ކަމަށްވާ އިންޑޮނީޝިއާ އާއި ދިވެހި ރާއްޖެ މިނިވަންވުމަށް ފަހު އެ ދައުލަތްތައް ވެސް އޮތީ އެހެނިހެން އިސްލާމީ ދައުލަތްތަކުގައި ވެސް ކަން ހިނގަމުން ދިޔަ ބީދައިން ހުދުމުހްތާރު ވެރިންގެ ގޮށްމުށުގެ ބާރުން ބަނދެވި ކޮރަޕްޝަނުގެ ހާއްޔަކަށް ވެފަ އެވެ. ހުރިހާ ދައުލަތެއްގައި ވެސް އަދުލު އިންސާފުގެ ބޭނުން ހިފަމުން ދިޔައީ އަމިއްލަ ވެރިކަން ދިފާއުކޮށް، ގައުމުގެ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަނެ، އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.
ސުވާލަކީ، އިސްލާމީ ދައުލަތްތަކުގައި ހުދްމުހުތާރު ވެރިކަން އަށަގަނެ ގޮށްމުށުގެ ބާރުގެ މޫތައް ފެތުރިގެން ދިޔައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ބައެއް މީހުން ދެކޭ ގޮތުގައި އެކަން އެގޮތަށް މެދުވެރިވީ ސަބަބަކީ އަރަބީންނާއި މުސްލިމުންގެ މެދުގައި އޮތް ވެރިންނަށް ކިޔަމަންވުމުގެ ސަގާފަތެވެ. އެހެން ކަމަށްވާ ނަމަ، އެއާ ވިދިގެން އުފެދޭ އަނެއް ސުވާލަކީ، އެ ސަގާފަތަކީ މުސްލިމް އިލްމުވެރީން ހުދްމުހްތާރު ވެރިންގެ ވެރިކަން ދިފާއުކުރުމަށް ދީނުގެ ނަމުގައި އުފައްދާފައިވާ ސަގާފަތެއް ހެއްޔެވެ؟ ނޫނިއްޔާ އެއީ ހަމަ ހަގީގަތުގައި ވެސް ދީނުގައި އެކަން އޮތް ގޮތް ހެއްޔެވެ؟
މި މުހިންމު ސުވާލަށް ޖަވާބު ދެވޭތޯ ބަލާނަމެވެ. ކީރިތި ރަސޫލާގެ ޒަމާނުން ފެށިގެން އެތަކެއް ގަރުނުތަކެއް ވަންދެން އިސްލާމީ ދުސްތޫރީ ނިޒާމަކީ ގާނޫނާ އެއްގޮތަށް ވެރިކަން ހިންގުމެވެ. ވެރިކަމެއް ސައްހަވަނީ އެ ވެރިކަން ގާނޫނާ އެއްގޮތަށް ކުރުމުންނެވެ. އިސްލާމީ ދައުލަތް ހިނގަމުން އައީ ނުލިޔެވި އޮތް ގާނޫނުއަސާސީއެއްގެ ދަށުންނެވެ. އެ ދުސްތޫރީ ނިޒާމުގައި އިލްމުވެރިންނަކީ މުޅިން މިނިވަން ބާރެކެވެ. އެ ދުސްތޫރީ ނިޒާމުގައި ވެރިން ގާނޫނާ ޚިލާފުވެއްޖެ ނަމަ އެކަން ހުއްޓުވުމަކީ އިލްމު ވެރިންގެ މަސްއޫލިއްޔަތެކެވެ.
މި މަޒުމޫނުގައި އަޅުގަނޑު ވަކާލާތު ކުރާނީ އިސްލާމީ ދައުލަތްތަކުގައި ހުދްމުހުތާރު ވެރިކަން އަށަގަނެ ގޮށްމުށުގެ ބާރުގެ މޫތައް ފެތުރިގެން ދިޔައީ އަދި ޚުދުމުހްތާރު ވެރިކަމަކަށް ޖާގަ ލިބުނީ އެތަކެއް ގަރުނުތަކެއް ވަންދެން އިސްލާމީ ދައުލަތުގައި ދެމިއޮތް ދުސްތޫރީ ނިޒާމު ފުނޑުފުނޑުވުމުގެ ސަބަބުން ކަމަށެވެ.
އިސްލާމީ ދުސްތޫރީ ނިޒާމުގައި ވެރިކަމުގެ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން ކަނޑައަޅައި އެ ބާރުތަކުގެ ވަޒަން ހިފަހައްޓަނީ އިސްލާމީ ޝަރީއަތުންނެވެ. އެކެއްގެ ގޮށްމުށު ތެރޭގައި ހުރިހާ ބާރެއް ޖަމާވެ އޮތުމަށް އިސްލާމީ ދުސްތޫރީ ނިޒާމު ޖާގައެއް ނުދެ އެވެ. އެކެއްގެ ގޮށްމުށު ތެރޭގައި ހުރިހާ ބާރެއް ޖަމާވެ އޮވެއްޖެ ނަމަ އެ ދައުލަތެއްގައި ބޭއިންސާފު ގާއިމުވެ، ކޮރަޕްޝަން ފެތުރި، އަނިޔާވެރިކަން އާންމުވާނެ އެވެ.
ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އަލަށް އުފެދުނު ކުޑަކުޑަ އިސްލާމީ ދައުލަތުގެ ދީނީ ލީޑަރަކީ ވެސް އަދި ސިޔާސީ ލީޑަރަކީ ވެސް ކީރިތި ރަސޫލާ އެވެ. ކީރިތި ގުރްއާނުގައި ބަޔާން ވެފައި ނެތް ކަމެއް ކުރިމަތިވެއްޖެ ނަމަ އެކަމުގެ ހުކުމް ސާފުކޮށް ދެއްވަނީ ކީރިތި ރަސޫލާ އެވެ. ކީރިތި ރަސޫލާ އަވަހާރަވުމަށް ފަހު ގަރުނެއްހާ ދުވަސް ވެސް ނުވަނީސް އިސްލާމީ ދައުލަތް މުޅި މެދުއިރުމައްޗަށް ފެތުރުމާ އެކު، އެ ދައުލަތް ހިންގާނޭ ފުރިހަމަ ދުސްތޫރީ ނިޒާމަކަށް ބޭނުންވި އެވެ. އެ ހިނދު އެ ހުސްތަން ފުރައިދިނީ އިސްލާމީ ޝަރީއަތެވެ. ކީރިތި ގުރްއާނުގައި ދައުލަތް ހިންގާނޭ ގޮތުގެ ހުރިހާ ތަފްސީލެއް ބަޔާންވެފައި ނެތުމުން، އިސްލާމީ ޝަރީއަތުގެ ހުރިހާ މަސްދަރުތައް ބޭނުންކޮށްގެން އެ މަސްދަރުތައް މާނަކުރާ ބަޔަކީ އިލްމުވެރީން ކަމުގައި ވެގެން ދިޔަ އެވެ.
އެ އިލްމުވެރީން ގެ ދައުރު އަދާކުރަމުން ގެންދިޔައީ ވެރިކަމުގެ ހަތަރު ފާރުން ބޭރުގަ އެވެ. އަދި އިލްމުވެރިންގެ ބާރު ޚަލީފާ އިން ގަބޫލުކުރި އެވެ. މީގެ އިތުރުން، ހެޔޮ ކަންތައްތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީ ކުރުމަކީ މާސިންގާ އިސްލާމީ ދައުލަތުގައި ހަމައެކަނި ޚަލީފާ އަށް އެކަނި އަމިއްލަ އަށް ކުރެވޭނެ ކަމަކަށް ނުވާތީވެ، އެ މަސްއޫލިއްޔަތު އަދާކުރުމަށް ޚަލީފާ އިން އައްޔަންކުރީ ގާޒީންނެވެ. ގާޒީ ކަމަށް މީހުން ހަމަޖައްސަނީ އިލްމުވެރިންގެ ތެރެއިންނެވެ. ގާޒީން އައްޔަން ކުރަނީ ޚަލީފާ ކަމުގައިވީ ނަމަވެސް ގާޒީންގެ މަސްއޫލިއްޔަތު އަދާކުރަނީ ފުރިހަމަ މިނިވަންކަމާ އެކު ޚަލީފާގެ ނުފޫޒެއް ނެތި އެވެ.
މި ބަޔާން ކުރެވުނު ދުސްތޫރީ ނިޒާމު ގާއިމު ވުމާ އެކު ވެރިކަމުގެ ތިން ބާރު ތިން ފަރާތެއްގެ މައްޗަށް ބެހިގެން ދިޔައީ އެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ވަލިއްޔުލް އަމްރު ނުވަތަ އުލިލް އަމްރި، މި މަފްހޫމަކީ ހަމައެކަނި ޚަލީފާ އަށް ނިސްބަތްކުރެވޭ އެއްޗަކަށް ނުވުމެވެ. ވަލިއްޔުލް އަމުރަކީ އިސްލާމްދީނާއި ގާނޫނު ކަމަށް ވުމެވެ. އަދި ލިޔެފައިވާ ގާނޫނުއަސާސީއެއް އޮންނަ ތަނެއްގައި ނަމަ ގާނޫނުއަސާސީއަށް އެ މަފްހޫމު ރައްދު ކުރެވެ އެވެ. މި ދުސްތޫރީ ނިޒާމުގައި ދައުލަތުގެ ތިން ބާރުގައި ހިމެނޭ ކޮންމެ ފަރާތަކުން ވެސް އިސްލާމީ ޝަރީއަތަށާއި ގާނޫނަށް ބޯ ލަނބަން ޖެހެ އެވެ. ގާނޫނުއަސާސީއެއް އޮންނަ ނަމަ ގާނޫނު އަސާސީ އަށް ބޯ ލަނބަން ޖެހެ އެވެ. އަދި މިއިން ކޮންމެ ފަރާތަކުން ކުށެއް ކުރި ނަމަވެސް ގާނޫނުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހެ އެވެ. މާނަ އަކީ ގާނޫނާ ޚިލާފުވެއްޖެ ނަމަ ނުވަތަ ގާނޫނު މުގުރައިފި ނަމަ އެ މީހަކު މަގާމުން ވަކިކުރަން ޖެހެ އެވެ. ވެރިކަމުގައި ތިބޭ މީހުންނަށް ކިޔަމަނުވުން ލާޒިމު ވަނީ އިސްލާމީ ޝަރީއަތާއި ގާނޫނުގެ ހުދޫދުގެ ތެރޭގަ އެވެ. އެއިން އެއްޗަކާ ޚިލާފުވެއްޖެ ނަމަ ކިޔަމަން ވުމެއް ނެތެވެ.
އުސްމާނީ ޚިލާފަތު ބަލިކަށިވަމުން ދާން ފެށުމާ އެކު އިސްލާމީ ދައުލަތް އެ މައްޗަށް ހިނގަމުންދިޔަ ގާނޫނުތަކާއި އުސޫލުތައް ލިޔުމުގެ މަސައްކަތް 1839 އިން ފެށިގެން 1876 އާ ހަމައަށް ކުރި އެވެ. މި މަސައްކަތުގެ ނަތީޖާ އަކީ 1876 ގައި އެކުލަވާލި އުސްމާނީ ގާނޫނުއަސާސީ އެވެ. މިއީ އިސްލާމީ ދުނިޔޭގައި އެކަށައެޅި މިފަދަ ފުރަތަމަ ގާނޫނުއަސާސީ އެވެ.
ގާނޫނު ހެދުމަގަ އާއި ވެރިން ޖަވާބުދާރީ ކުރުމަށްޓަކައި އިލްމުވެރިންގެ އަތުގައި އޮތް ދައުރު މި ގާނޫނުއަސާސީން ގާނޫނު ހަދާ މަޖިލީހަށް ބަދަލުވި ނަމަވެސް، އަހަރެއްހާ ދުވަހުގެ ތެރޭގައި ޚަލީފާ މި ގާނޫނުއަސާސީ ސަސްޕެންޑް ކުރި އެވެ. ގާނޫނު ހެދުމުގެ ބާރު އެގްޒެކެޓިވް އޮފިޝަލުންގެ އަތްމައްޗަށް ބަދަލުވި އެވެ. އަދި ގާނޫނު ހަދާ މަޖިލީހެއް ނެތް ތާނގައި އިލްމުވެރިންގެ އަތުގައި ކުރިން އޮތް ގާނޫނު ހެދުމުގެ ބާރު ވެސް، އެ ހަމަނުޖެހުންތަކުގައި، ގެއްލުނީ އެވެ. ޚުދުމުހްތާރު ވެރިކަމަކަށް ޖާގަ ލިބުނީ އެވެ. އިލްމުވެރިންނަށް ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހަމަޖެހިފައި އޮތް ކަމަކީ ވެރިން ރުއްސުމާއި ވެރިންނަށް ސަނާ ކިޔުން ކަމަށް ވެގެން ދިޔައީ އެވެ. ވަޒީފާ އާއި މާލީ އިނާޔަތްތައް ލިބެން އޮތީ އެ މަގުން ހިނގައިގެން ކަމަށް ވާތީ ވެ އެވެ.