12 ނޮވެމްބަރ 2017 - 06:38

ބުދަ ދުވަހާ ގުޅޭ
މާ ބޮޑު ރަސްމިއްޔާތެއް ނުބާއްވަމެވެ. އެ ކައިވެންޏަކީ ލޯބިން ދެ ފައި އެއްތާކު ނުޖެހިގެން އަހަރެން ކުރި ކައިވެންޏެއް ނޫނެވެ. މަންމައަށް ޓަކައި ވި ޤުރުބާނީއެކެވެ. މަންމަގެ ބަނޑުގައި ނުވަ މަސް ވަންދެން އަހަރެން ގެންގުޅެ، ދުނިޔެއަށް އުފަންކޮށް، ބަލައިބޮޑުކުރީތީ އަދާކުރި ޝުކުރެކެވެ. ކައިވެނިކުރީ ކޯޓުގައެވެ. އެ ކައިވެނީގެ ސަބަބުން މައިންބަފައިންގެ ހަޔާތަށް އުފާވެރިކަން ވެރިވިއެވެ. ގެއަށް އިތުރު ދިރުމެއް ލިބުނެވެ. ދަރިންގެ ތުންފަތަށް ހިނިތުންވުން ގެނެސްދިނެވެ. ކުދިންގެ ނަޒަރުގައި މައިންބަފައިން އަނެއްކާ ވެސް ގުޅުނީއެވެ. އަހަރެންގެ މައިންބަފައިންގެ ނަޒަރުގައި އަހަންނާއި އާޝިޔާ އެއްގަލަކަށް އެރީއެވެ. އެ ވަރުގެ ގަލެއް ދުނިޔޭގައި ނެތްކަން އެނގެނީ އަހަރެންގެ ދައްތަޔަށް އެކަންޏެވެ. އަހަރެންގެ އަންނައުނު ދޮވެއިސްތިރިކޮށްދެނީ ދައްތައެވެ. އަހަރެން ކައިބޮއިހަދަނީ ވެސް ދައްތަގެ ގެއިންނެވެ. އުޖޫރަ ދީގެންނެވެ. އެކަމަކު، ދައްތައަށް ވެސް އެއް ކަމެއް އަހަރެން ސިއްރުކުރީމެވެ. އާޝިޔާއާއި އަހަރެންގެ ވެސް އެހެން ލޯބިވެރިޔެއް ހުންނަކަމެވެ.
އަހަރުމެން ދެމަފިރިން ދެމެދުގައި އެއްވެސް ގުޅުމެއް ނެތެވެ. ދަރިން ފެންނަން ނެތިއްޔާ އަނގައިން ބުނުމެއް ނޯވެއެވެ. ހީނ ސަމާސާ ކުރުމެއް އެހީތެރިކަމެއް ވެސް ނޯވެއެވެ. ދެ އިންސާނުން އެއް ފުރާޅުގެ ދަށުގައި އުޅޭކަމެވެ. އޭނަޔަށް އޭނަގެ ދުނިޔެއެވެ. އަހަންނަށް އަހަރެންގެ ދުނިޔެއެވެ. ކުޑަމިނުން، އެކަކު ކުރަނީ ކީއްތޯ ބެލުމުގެ އިޚުތިޔާރެއް ވެސް އަނެކަކަށް އަހަރުމެން ނުދެމެވެ. އެހެނަސް، ހާލަތަކީ އިންސާނާގެ ނަސީބު، ބިމުން ތަރިތަކާ ހަމައަށް ނުވަތަ މެދުއުޑުން ބިންމައްޗަށް ވައްޓައިލާ އެއްޗެކެވެ. އެއް ހާލަތުން އަނެއް ހާލަތަށް މީހާ ބަދަލުވުމަށް ޓަކައި ގުގުރިއަކާއި، ދެތިން ވިދުވަރާއި، ހައެއްކަ ތިކި ވާރޭފެން ފުދެއެވެ.
ވަރަށް ވިއްސާރަ ރެޔެކެވެ. އާޝިޔާ އޮތީ އޭނަގެ ލޯބިވެރިޔާއާ ފޯނުން ޗެޓުކުރާށެވެ. އަހަރެން ވެސް ހަމަ އެ ފަދައެވެ. ކޮންމެވެސް ސަބަބަކާ ހުރެ އިންޓަނެޓު ކެނޑުނެވެ. ދެން ވެސް ފޯނާކުޅެން އިރުކޮޅަކު އޮތުމަށް ފަހު އާޝިޔާ ފޯނު ބޭއްވިއެވެ. އަހަރެން ފޯނުގައި ހުރި ފޮޓޯތައް ބަލަން ފެށީމެވެ. ދަންވަރުގެ ވަގުތެވެ. އެކަކުގެ ލޮލަކު ވެސް ނިންޖެއް ނެތެވެ. އަހަރެން ފޯނަށް ބަލަން އޮތަސް، އާޝިޔާ އޮތީ އަހަންނާ ދިމާއަށް ބަލަންކަން އަހަންނަށް ފާހަގަކުރެވުނެވެ. އިރުކޮޅަކު އެހެން އޮވެފައި، އަހަރެންގެ އަތުން ފޯނު އަތުލުމަށް ޓަކައި އާޝިޔާ ފޯނުގައި ހިފިއެވެ. ޙަޤީޤަތުގައި އޭރު އަހަރެން އޮތީ ފޯނުމަތިން ފޫހިވެފައެވެ. ދެވަނަ ވިސްނުމަކަށް ދިޔުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނުނެވެ. ގާތުގައި އޮތީ އަހަރެންގެ އަނބިމީހާއެވެ. އެކަކުއަނެކަކު ފޫހިފިލުވައިދިނުމަށް ޓަކައި، ހަޔާތުގެ ބައިވެރިޔާއަށް ވުރެ އެކަށޭނަ ޔާރަކީ ކޮބައިހެއްޔެވެ؟
ދެ މަހެއް ފަހުން އާޝިޔާ ބަނޑުބޮޑުވިކަން އެނގުނެވެ. އަހަންނަށް އެ ޚަބަރު ދިނެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އާޝިޔާ ކަންބޮޑުވީ އޭނަގެ ލޯބިވެރިޔާއަށް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އެ ކަމާ ކުރިމަތިލާން އޭނަ ހުރީ ތައްޔާރަށެވެ. އަނެއްކާ ވެސް އޮފީހުން އަހަންނަށް ކޯހެއް ލިބުނެވެ. އަހަރެން ފުރަންޖެހުނެވެ. ކޯސް ނިންމައިފައި އައިއިރު އާޝިޔާ ހުރީ ވަރަށް ހަމަޖެހިފައެވެ. ލޯބިވެރިޔާއާ ވަތްކެއް ނުވެއެވެ. އެކަމަކު، ކޮންމެވެސް ގޮތަކުން އޭނަ ރުއްސައިފިއެވެ. އަހަރެން ހައިރާނެއް ނުވެއެވެ.
އަހަރުމެންގެ ދެމެދުގައި ލޯތްބެއް ނެތެވެ. އެކުގައި އުޅެން ބޭނުމެއް ނެތެވެ. އެކަމަކު ފަސްވަނަ ދަރިޔަކު ދުނިޔެއަށް އުފަންވަނީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ދެ ލޯ މަރައިލައިފައި އެ ދަރިފުޅަށް މަރުޙަބާ ކިޔަންވީ ހެއްޔެވެ؟ މައިންބަފައިންނަށް ޓަކައި އަހަރެން އަނދަވަޅަކަށް ވެއްޓެންވީ ހެއްޔެވެ؟ އާޝިޔާ އެ ޚަބަރު އަހަރެންގެ ޢާއިލާއަށް ދިނެވެ. މައިންބަފައިންނަށް ލިބުނު އުފާ ބުނެދޭން ވެސް ނޭނގުނެވެ. އެ މީހުންގެ ހިތުން އަހަރުމެން ދެމަފިރިންގެ މައްސަލަ ޙައްލުވީއެވެ. ކައިވެނީގެ ގުޅުން ވަރުގަދަވީއެވެ. އެއީ ކުށްހީއެއްކަމެއް އެ މީހުންނަކަށް ނޭނގެއެވެ. ލިބެންއުޅޭ ދަރިފުޅަކީ އަހަރެން ހޯދި ދަރިއެއް ނޫނެވެ. އެކަމަކު، ހާލަތު ނިޔާކުރި ގޮތުން ނުކުތް ނަތީޖާއެކެވެ. މައިންބަފައިންނަށް ޙަޤީޤަތް ކިޔައިދޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. މަންމަގެ ހިތް އިހުނަށް ވުރެ ބަލި ވެއްޖެއެވެ. މަންމަގެ މަރާ އަހަންނަކަށް ހަވާލެއް ނުވެވޭނެއެވެ.
"ކީކޭ ބިޓު ބުނީ؟" ދެ ދުވަހެއް ފަހުން އަހަރެން އާޝިޔާ ގާތުގައި އެހީމެވެ.
"ފުރަތަމަ ވަރަށް ހިތްހަމަނުޖެހިފަ ހުރީ،" އާޝިޔާ ޖަވާބުގައި ބުންޏެވެ. "މަ ބުނިން މަގޭ ހަލާލު ފިރިމީހާއަށޭ އަހަރެން ބަނޑުބޮޑުވީ. އެ ކަން ހަޖަމުނުވަންޏާ މަށާ ގުޅުންކަނޑައިލާށޭ. ދެން ނުބުނޭ އެއްޗެއް."
އަހަރެންގެ ހިތް ނުތަނަވަސްވީ ވަރަށް އާޝިޔާގެ ހިތް ނުތަނަވަސް ނުވީ ކީއްވެގެން ހެއްޔެވެ؟ އެހާ ފަސޭހައިން އާޝިޔާގެ ވިސްނުން ބަދަލުކުރީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ. އަހަރެންގެ ލޯބިވެރިޔަކީ ނަޖްދާއެވެ. އެންމެ ފަހުން އޭނައަށް ވެސް ޝައްކު ވެއްޖެއެވެ. ކޮންމެވެސް ކަމެއް އަހަރެން ފޮރުވައިގެން އުޅޭކަން އެނގިއްޖެއެވެ. ނުބުނަން ކުރި ހުރިހައި މަސައްކަތެއް ބޭކާރުވެގެން އަހަންނަށް ގޮތް ހުސްވިއެވެ. އެންމެ ފަހުން އާޝިޔާއަށް ކުއްޖަކު ލިބެންއުޅޭ ވާހަކަ ބުނީމެވެ.
"އަނެއްކާ؟" ނަޖްދާ އެހިއެވެ.
"އެއީ ހަމަ އެކްސިޑެންޓެއް." އަހަރެން ބުނީމެވެ.
"އެކްސިޑެންޓަކުން ކުދިން މަރުވާ ވާހަކަ އަހަރެން އަޑުއަހަނީ،" ރުޅިއައިސްފައި ނަޖްދާ ބުންޏެވެ. "އެކަމަކު އުފަން ވެސް ވާން ފެށީދޯ މިހާރު؟ އަނެއްކާ އަނެއް ކަންތައް ޖެހުނީނު. ދެން ކިހިނެއް ހަދަނީ؟"
"އެއް ގޮތެއް ވެސް ނުހެދޭނެ،" އަހަރެން ބުނީމެވެ. "މަ ބޭނުންވާ ގޮތަކަށްތަ މަ އުޅެންޖެހެނީ؟ މަންމައަށް ދަރަނިއަދާކޮށްކޮށް މަ މުޅިން ހަލާކުވެއްޖެ!"
"ތި އާޝިޔާއާ ގުޅުންހުރި ކޮންމެ ކަމެއްގަ ވެސް އަހަންނަށް ވިސްނެނީ ހަމަ އެންމެ ނުބައިކޮށް،" ފޫހިވެފައި ނަޖްދާ ބުންޏެވެ. "ވަރަށް ތެދަށް މި ބުނީ. ކިހިނެއް އެނގެނީ އޭނަގެ ބަނޑުގަ އެ އޮތީ ވަލަށްޖެހި ފޯއްޔެއް ނޫންކަމެއް؟"
އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ.
"ތިހެން ބުނާކަށް ނުވާނެ،" އަހަރެން ބުނީމެވެ. "ޓައިމިން ދިމާވެޔޭ. އެކްސިޑެންޓު ހިނގި ރެޔާ އާޝިޔާގެ ބަނޑަށް ވި މަހާ ދިމާވޭ!"
"ބަލަ މޮޔަޔާ! އޭނަ ތި ހުރިހާ ކަމަކަށް ވިސްނާނެ." ނަޖްދާ ޗޮކެއްކަނޑައިފައި ބުންޏެވެ.
"ދެން ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް." އަހަރެން ބުނީމެވެ.
"ކޮންމެ ފަދަ ވާހަކައެއް ނޫނޭ މީ،" ނަޖްދާ އިތުރަށް ބުންޏެވެ. "އާޝިޔާގެ ބިޓަކީ މީހެއްގެ ފިރިއެއް. އާޝިޔާއަކަށް ނީނދެވޭނެ އޭނަޔަކާ. ދެން ޓަސްލާފަ އެއްރޭ ވާރޭކޮޅެއް ވެހިލާއިރަށް އޭނަ ހީކަރުވައިގެންފަ، ބަނޑުބޮޑުވާއިރަށް އުފަލުން ނަށަން ފެށީމަ އެއީ މައްސަލައެއް. ފުރަތަމަ ކައިވެނި ރޫޅުނު ގޮތް ހަނދާން ނެތުނީތަ؟ ޚަލީލާ އިނދެގެން އުޅެމުން، ޚަލީލަށް ވަގަށް ވެސް އޭނަ އޮތީ ކުޅިގަނޑެއް ކުޅެފަ. އެ ފެންވަރުގެ އަންހެނަކު ކޮށްފާނެ ކޮންމެ ފަދަ ކަމެއް ވެސް. އާޝިޔާއަށް ބަދުނާމުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ޚަލީލުގެ އުނގަށް އެ ދަރިފުޅު ޖެހުން. އެހެންވެ، ދުރާލާ ރާވައިގެން އޭނަ ކުރި ކަމެއް ތީ. ތި ދަރިފުޅު ވިހެއީމަ ނަމަވެސް އެބަޖެހޭ ބައްޕަ ކަށަވަރުކުރަން."
"އަހަންނަށް މިހާރު ވެސް ކަށަވަރޭ އޯކޭ!" އަހަރެން ބުނީމެވެ.
އަހަރެން ގެއަށް ގޮސް އަލަމާރި ހުޅުވައިލީމެވެ. ޕާސްޕޯޓުތައް ހުންނާނީ ތަޅުލެވޭ ވަތްގަނޑުގައެވެ. އެ ވަތްގަނޑު ހުޅުވައިލީމެވެ. ތަކުރާރުކޮށް އެ ޓެސްޓުތައް ބެލީމެވެ. ފުރަތަމަ ޓެސްޓަކީ، އަހަންނަށް ހަތަރުވަނަ ދަރިފުޅު ލިބުނު ދަނޑިވަޅުގައި "އޮފީހުން ލިބުނު ކޯހުގެ" ނަތީޖާއެވެ. އަހަންނަކަށް ކޯހެއް ނުލިބެއެވެ. އެއީ ދަރިން ނުލިބޭ އޮޕަރޭޝަން ކުރުމަށް އަހަރެން ކުރި ދަތުރެވެ. ދެވަނަ ޓެސްޓަކީ، އޭގެ ފަހުން އާޝިޔާ ބަނޑުބޮޑުވި ދަނޑިވަޅު "އޮފީހުން ލިބުނު ކޯހުގެ" ނަތީޖާއެވެ. އެއީ، ކުރިން އަހަރެން ކުރި އޮޕަރޭޝަން ރަނގަޅުތޯ ކަށަވަރު ކުރުމަށް ކުރި ދަތުރެވެ. އޮޕަރޭޝަނުގެ އެއްވެސް މައްސަލައެއް ނެތެވެ. އަހަންނަކަށް ދެނެއް ކުއްޖަކު ނުލިބޭނެއެވެ. އެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން އަހަންނަށް ކަށަވަރުކަމުގައި ނަޖްދާ ގާތުގައި ބުނީ އެހެންވެއެވެ.
އާޝިޔާ ވާނީ އާޝިޔާއަށެވެ. އޭނައަކީ ކެހިވެރި، މަކަރުވެރި އަންހެނެކެވެ. އެކަމަކު، "އަހަރެންގެ" ދަރިޔަކަށް އޭނަ ބަނޑުބޮޑުވެފައި ހުއްޓައި އާޝިޔާ ވަރިކޮށްފިއްޔާ އަހަރެންގެ މަންމައަށް ވާނީ ކިހިނެއް ހެއްޔެވެ؟ އާޝިޔާގެ ލޯބިވެރިޔެއް ހުންނަ ވާހަކަ މަންމަ ގާތުގައި ބުނަން އަހަންނަށް އޮތީ ނުކެރިފައެވެ. އާޝިޔާ ވިހާ ދަރިފުޅުގެ މާމައަކަށް މަންމަ ނުވާނެ ވާހަކަ ބުނަން އަހަންނަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އާޝިޔާ ބަނޑުބޮޑުވިކަން އެނގުނީއްސުރެ ބައްޕަ ދިޔައީ އަހަންނަށް އެއް ކަމެއް ހަނދާންކޮށްދެމުންނެވެ. ފަހަރެއްގައި ވެސް އާޝިޔާ ވަރި ނުކުރުމަށެވެ. އެ ކުއްޖާއަކީ، ބައްޕަގެ ކާފަދަރިއެއް ނޫނޭ އަހަރެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ލޯބިވަނީ ނަޖްދާ ދެކެއެވެ. އެ ކަން ވެސް މައިންބަފައިންނަށް އަންގާނީ ކިހިނެއް ހެއްޔެވެ؟ ހައްތާ ވެސް ދުނިޔޭގެ ލަދެވެ. ހުތުރު ކަންތައްތަކެވެ.
އެހެން މީހެއްގެ ދަރިޔަކަށް އަހަރެންގެ ދަރިޔެކޭ ނުބުނެވޭނެއެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ބައްޕައެއްގެ ލޯތްބެއް އަހަންނަކަށް ނުދެވޭނެއެވެ. ދެން އޮތީ ބޮޑު ސުވާލެވެ. ޑޮކްޓަރުންނަކަށް އޮޅުމެއް ނާރާނެ ހެއްޔެވެ؟ ނޫނެކެވެ. މަދުން ވިޔަސް އެ ފަދަ ކަންކަން ހިނގައެވެ. އެހެން ސުވާލުތައް ވެސް އެބަހުއްޓެވެ. ކުއްލިއަކަށް އާޝިޔާގެ ހިތުގައި ލޯބީގެ ތޫފާނެއް އެ ރޭ އުފެދުނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ފަހަތުގައި ސިއްރެއް ފޮރުވިފައެއް ނުވޭ ހެއްޔެވެ؟ އާޝިޔާއަކީ ކޮން ކަހަލަ މީހެއްކަން އަހަންނަށް އެނގެއެވެ. އެކަމަކު، ގޮތްކުޑަކަމުގައި އޭނަ ހައްދު ފަހަނައަޅައި ހިނގައިދާނެ ހެއްޔެވެ؟ ނުވަތަ އާޝިޔާ އެ ބުނަނީ ތެދެއް ހެއްޔެވެ؟ އޭނަގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ އަހަރެން ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ، ޑީއެންއޭ ޓެސްޓެއް ހަދަން އާޝިޔާ ގާތުގައި އަހަރެން ބުނާ ހިސާބުން އާޝިޔާއަށް އަހަރެން އިތުބާރު ނުކުރާ މިންވަރު އެނގުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ވަގުތު އެބަ ހިނގައެވެ. ވިހާ ދުވަސް ކައިރިވަނީއެވެ. އަހަރެން މިހިރީ ގޮތް ހުސްވެފައެވެ. މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.