11 ނޮވެމްބަރ 2017 - 20:29

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، އަދާލަތު ޕާޓީގެ ވިސްނުމާ އެއްގޮތަކަށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ބޭނުންވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިރޭ ބުނެފި އެވެ.
އަދާލަތު ޕާޓީގެ މަޝްވަރާގެ މަޖިލީހުގެ ނިންމުމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އަދާލަތު ޕާޓީގެ އެ ނިންމުން އެމްޑީޕީގެ ވިސްނުމާ އެއްގޮތް ކަމަށެވެ. އަދި އެމްޑީޕީން ވެސް މަސައްކަތް ކުރަން ބޭނުންވާ ގޮތަކީ އެއީ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެހެންވެ، އެމްޑީޕީން ގޮވާލީ އަދާލަތު ޕާޓީގެ ހަރުދަނާ ނިންމުމާ އެއްގޮތަށް، އިދިކޮޅު އެހެން ހުރިހާ ޕާޓީތަކުން ކުރިޔަށް ދިއުމަށެވެ.
އެމްޑީޕީން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީ އަށް ދޭ ހަމަލާތަކާއި ބައިތުލްމާލުން ހިންގާ ވައްކަމާއި ހިޔާނާތްތަކާއި ރައްޔިތުންނަށް ނާއިންސާފުން އަނިޔާވެރިވާތީ ދިވެހި ދައުލަތް ސަލާމަތް ކުރުމަށް އޮތް ހެޔޮ މަގަކީ ސިޔާސީ ފަރާތްތައް އެކުގައި މަސައްކަތް ކުރުމެވެ.
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދުކޮށް، އަދާލަތު ޕާޓީން ބުނީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕާޓީތަކާ އެކު އެއްބަސްވެވޭ ޝަރުތުތަކާ އެކު ކުރިއަށް ދާން ވެސް ނިންމާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީން އެ ގޮތަށް ނިންމާފައި ވަނީ، ޕާޓީތަކުން ވަކިވަކިން ކެންޑިޑޭޓުން ނެރެ، އޭގެ ތެރެއިން އެންމެ ތާއީދު އޮތް ބޭފުޅަކު އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ގެ އިންތިހާބަށް ނެރެން މަޝްވަރާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައި ވަނިކޮށެވެ.
އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ "އަޅުގަނޑުމެން އަދި ތި ވާހަކަ ނުދައްކަން" ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ ދައްކަން އަދި މާ އަވަސް ވާހަކައެކެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، އިދިކޮޅު ކޮންމެ ޕާޓީއަކުން ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ބޭނުންވާއިރު އިންތިގާލީ ކެންޑިޑޭޓަކު ކަނޑައެޅުމަކީ ނުވާނެ ކަމެކެވެ. އަދި އިންތިގާލީ ކެންޑިޑޭޓަކާ އެކު އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަކީ ގާނޫނުއަސާސީ ވެސް ތަންދޭ ކަމެއް ނޫން ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.