05 ޖުލައި 2016 - 12:42

ބެއިޖިން (ޖުލައި 5) - ޗައިނާ އަށް ބޯކޮށް ވާރޭ ވެހި އެ ގައުމުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 180 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޗައިނާގެ މެދުތެރެއަށާއި ދެކުނުގެ ހިސާބުތަކަށް ކުރި ވިއްސާރައިގައި ވަނީ 10-50 ސެންޓި މީޓަރުގެ ވާރޭ ވެހިފަ އެވެ. ފެންބޮޑުވުމުގައި ވަނީ 45 މީހުން ގެއްލިފަ އެވެ. އަދި ގެއްލުމުގެ އަސަރު 33 މިލިއަން މީހުންނަށްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ބޯ ވިއްސާރައިގެ ސަބަބުން ވަނީ ރޭލްވޭތަކުގައި ވެސް ފެންބޮޑުވެ އެއްގަމު ދަތުރުފަތުރުގެ ވިއުގަ ބަންދު ކުރަން ޖެހިފަ އެވެ.

ފެންބޮޑުވުމުގައި ވަނީ ގުއިޒީ ޕްރޮވިންސް އިން ބިންގަނޑު ފޭބުމުގެ ސަބަބުން 23 މީހުން އަދި ހުބެއި ޕްރޮވިންސްގެ ވުހާން ސިޓީން އަށް މީހުން މަރުވެފައި ކަމަށް ރަސްމީ މީޑިއާ އިން ބުންޏެވެ.

ޗައިނާގެ ދެކުނާއި ހުޅަނގުގެ ހިސާބުތަކަށް މާދަމާއާ ހަމައަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށް ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކޮށްފައިވެ އެވެ.
