12 ނޮވެމްބަރ 2017 - 06:43

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާ އިން ވަނީ ކުއްލިއަކަށް ބައެއް ނޫޓުތައް އުވާލައިފަ އެވެ. އެފަހަރު 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓުތައް ކުއްލިއަކަށް އުވާލުމުން އާންމުންނަށް ބޮޑު ތަކްލީފެއް އުފުލަން ޖެހުނަސް އެ ނޫޓުތަކުގެ ބޭނުން، 2019 ގައި ސައުތު އެފްރިކާގެ އާންމު އިންތިހާބުގައި ހިފާނެ އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި ކެރަލާގެ ކުންފުންޏެއް ކަމަށްވާ ވެސްޓާން އިންޑިއާ ޕްލައިވުޑްގެ ދެމެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން އެ ނޫޓުތައް ވުޑް ޕަލްޕަށް ބަދަލުކުރުމަށްފަހު ފަހުން ހާޑްބޯޑަށް ބަދަލުކޮށް ސައުތު އެފްރިކާގެ ބާއްވާ އާއްމު އިންތިޚާބުގައި ބޭނުންކުރަން އެ ގައުމަށް ފޮނުވަން މިހާރު ވަނީ ނިންމައިފަ އެވެ.

އެކްސްޕޯޓްކުރާ މި ހާޑްބޯޑުތައް ބޭނުންކުރާނީ އިންތިޚާބުގެ ކެމްޕެއިންގައި ބޮޑެތި ފޮޓޯތައް ތަތްކުރުމަށާއި އެކި ލިޔުންތަކާއި މެސެޖުތައް ތަތްކުރުމަށެވެ.
"ނޫޓުތައް އުވާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ ތިރުވަނަންތަޕޫރަމްގައި ހުންނަ ރިޒާވް ބޭންކުން އަހަރެމެންނަށް ގުޅި. ނޫޓުތައް ނައްތާލާނެ ގޮތެއް އޭރު އެމީހުންނަކަށް ނުވިސްނޭ. އަންދާލައިފި ނަމަ ތިމާވެއްޓަށް ވަރަށް ގެއްލުންވާނެ. ސަބަބަކީ ނޫޓު ތައްޔާރުކުރަނީ އެކަމަށްޓަކައި ޚާއްސަކޮށް ހުންނަ ކަރުދާހަކުން ކަމަށް ވާތީ،" ޑަބްލިޔުއައިޕީގެ ޖެނެރަލް މެނޭޖަރު ޓީއެމް ބަރްގަވާ އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
"އަހަރެމެން އެދުނިން ސާމްޕަލް ފޮނުވަން. ސާމްޕަލް ފޮނުވުމުން އަހަރެމެންގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ވިންގުން އެ ނޫޓުތައް ބޭނުންކުރެވިދާނެ ގޮތެއް ހޯދީ."
ނޫޓުތަކުން ހެދި ވައްތަރުގެ ފިލާ އިންތިޚާބުގެ ކެމްޕެއިނަށް ބޭނުންވެފައި ތިބި އެތައް ބަޔަކު ސައުތު އެފްރިކާގައި ތިބުމުން އެ ގައުމަށް އެކްސްޕޯޓްކުރަން ނިންމީ އެވެ.
ޑަބްލިޔުއައިޕީ އިން ބުނަނީ އެ ކުންފުންޏަކީ ބާތިލު ނޫޓުތައް ރިސައިކްލް ކުރާ ޓެކްނޮލޮޖީ ބޭނުންކުރާ އިންޑިއާގައި ހުރި ހަމައެކަނި ކުންފުނި ކަމަށެވެ. އަދި 750 ޓަނުގެ ނޫޓު އެ ކުންފުންޏަށް ލިބުނު ކަމަށްވެ އެވެ.