ޢީދަށް ފެހި ލިބާސް
ޢީދަށް ފެހި ލިބާސް

ހަވީރުގެ ފިނިޖެހެމުން އައި ވަގުތެވެ. ނަށައި ލަވަކިއި ގަސްތައް ނިދިޖެހެމުން އައި ވަގުތެވެ. ހަމަހިމޭން މާލޭގެ ހުޅަނގު ފަރާތެވެ. ގޮނޑުދޮށް ހަލަބޮލި ކުރި ރާޅުތައް އެނބުރިދިޔަތާ ކިތަންމެ އިރެކެވެ. ތަނަށް ވެރިވެފައި އޮތީ ފަޅުކަމެވެ. އަމާންކަމެވެ. ފަޅުމަތީގެ ބައެއް ދިމަދިމާއިން މޫދުގެ ހުއިފަތްތަކާއި ވިނަތައް ލޮނުގަނޑާ ކުޅެމުންދިޔައިރު، އަނެއްބައި ދިމާގެ ގާތައް ފެނެއެވެ. ބޯކޮށް ހެދިފައިވާ މޫދުވިނައިގެ ނުފޫޒުން ވެލިގަނޑު ފޮރުވުމުގައި ކާމިޔާބު ހޯދިއެވެ. އެކަމަކު، ދުރުދުރުން އެކި ތަންތަންކޮޅުން، ހުދު ދޮންވެލީގެ ކުދިކުދި މާޑުތައް ފެންނަން ހުއްޓެވެ. ކަނޑުތޮށްޓާ ކައިރި ހިސާބަކަށް ދިޔަވަރު އޮތީ ހިކިފައެވެ. ކޮވެލިތައް ކިޔާ ލަވަތަކަށް ކާޅުތައް ފައިހަމަކުރަން މަސައްކަތް ކުރާ ކަހަލައެވެ. ހާއްޔަށް ދިޔުމުގެ ކުރިން ކާއެތިކޮޅެއް އަތުޖެހޭތޯ މަސައްކަތް ކުރި ދޫނިތައް، އެއް ގަލުން އަނެއް ގަލަށް ފުންމިއެވެ. އިރުވާހުދާއި ތޭރަވައެވެ. ބޮނޑަނަ އާއި ފިނދަނައެވެ. ގާދޫންޏާއި ކިރުދޫނި ވެސް މެއެވެ. ބުޅިތުންބާއި ދުށިމި ހޯރައަޅައިފައި އައިސް ގާތަކަށް ޖެއްސިއެވެ. ފަރި ހިނގުމުގައި ހިނގައިފައި ގޮސް ހިކިދިޔަވަރުގެ ރޯދި ލިބިގަތެވެ. ފަރުގެ ކުދިކުދި ފުންކޮޅުގައި ބެދިފައި ތިބި ކުދި މަސްތަކަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެއީ، ދޫނިތަކަށް ދަޢުވަތު ލިބިފައިވާ ޖާފަތެއް ކަހަލައެވެ. މާކަނާ ފިޔަވައެވެ. މާކަނާ އިނީ ދަނޑިވަޅަކަށް ބަލަބަލައެވެ. ގުރުވައެއްގެ އިންތިޒާރުގައި ހެއްޔެވެ؟ އަހަރެން ފަދައިން ހެއްޔެވެ؟ އަހަރެން އިށީނދެގެން އިން ގަލުގެ ވަށައިގެން އޮތް ފެންފޮދުގެ ތެރެއިން އަހަންނަށް އަހަރެންގެ މޫނު ފެނުނެވެ. އަހަރެން ހުތުރީ ހެއްޔެވެ؟ އަހަރެންދެކެ އެކަކު ވެސް ލޯބި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އިސްއުފުލައިލިއިރު ތަންކޮޅެއް ދުރުގައި މޫސާފުޅު ހުއްޓެވެ. އޭނަ އެ ތަނަށް އަންނަނީ ދޫނި ހިފާށެވެ. އެކަމަކު، އަހަރެންގެ ހިތް ޖަހައިގަނެގެން ގެންގޮސް ކޮށްޓަކަށް ލައިގެން އުޅޭތާ ކޮން ޒަމާނެއް ހެއްޔެވެ؟ ދެރައީ ޚުދު އޭނައަށް ވެސް އެ ކަން ނޭނގޭ ކަމެވެ.

އިށީނދެގެން އިން ތަނުން އަހަރެން ތެދުވީ ޖަމީލާ އަންނަ ތަން ފެނިގެންނެވެ. އަބަދުވެސް ބޮލިހިލަން ދަނީ އަހަރުމެން ދެ މީހުން އެކުގައެވެ. ޖަމީލާ ހިތުން އަހަރެންނަކީ ބޮލިހިލަން މާ ވަރު ހުންނަ މީހެކެވެ. ވިނަގަނޑުމަތީ ކަޅުބޮޑު ބޮއްޔާއި ރިހާކުރު ބޮއްޔަކީ އަހަރެން މާ ގަޔާވާ އެއްޗެކެވެ. ރާކަންޏާއި ދޮންއަނގަ ހޯދަން ކަނޑުތޮށްޓާ ހަމައަށް ވެސް އަހަރެން ހިނގައިދާނެއެވެ. ޙަޤީޤަތަކީ އެޔެއް ނޫނެވެ. އަހަރެން އެ ތަނަށް އަންނަނީ މޫސާފުޅު ދެކިލާހިތުންނެވެ. އޭނަގެ އެހެރެ ޒުވާންކަމަކާ، ޅަނދޮޅުކަން އަހަރެންގެ ހިތް ނޮޅައި ހުސްކޮށްފިއެވެ.

"މޫސާފުޅު ސަލާން ބުނި،" ތެލީގެ ފުލުގައި ހުރި ވެލިކޮޅުގެ ތެރެއިން ސިޓީއެއް ނަގައިފައި ދިއްކޮށްލަމުން ޖަމީލާ ބުންޏެވެ. "ބުނީ އަވަސް ޖަވާބެއް ދެއްޗޯ! ދެންދޭ އަވަހަށް އަލިބެއަށް ބޯހުނި ހިލަން."

އަހަރެންގެ ހިތް ހީވީ ލުހިގެން އައިހެންނެވެ. ބޮއްޔަކާ ބޮއްޔެކެވެ. ޖަމީލާއަކާ ޖަމީލާއެކެވެ. ސިޓީ ޖަހައިގަނެގެން ދުވަމުން ގޮސް ގޯއްޗަށް ވަނީމެވެ. އެ ދުވަހަކީ އަހަރެންގެ ހިތުން ފުހެވޭނެ ދުވަހެއް ނޫނެވެ. އަހަރެންގެ ލޯބިވާ މޫސާފުޅާއި އަހަރެންގެ ލޯބީގެ ބައްތެލި ހަރުގެއިން ނެރެ ލޮނުގައި ޖެއްސީ އެ ދުވަހުއެވެ. އިންތިޒާރުގެ ފަންވަތްތައް ކޮށައިލައި، އުންމީދުގެ ވައި އަޅުވައިލައިފައި ބައްތެލި ކަނޑަށް ނުކުތެވެ. އޭރު ވެސް އެނގެއެވެ. ނަފުރަތުގެ ރާޅުތައް ބިންދާނެއެވެ. ހަސަދައިގެ ބާނިތައް އުފުލޭނެއެވެ. އެކަމަކު، ހީލަތުގެ ހޮނުއަޅާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟

މޫސާފުޅާއި އަހަރެންގެ ލޯތްބަށް، ފުރަތަމަ ދުވަހުން ފެށިގެން ވެސް ދެކޮޅުހެދީ މުފީދާއެވެ. ޢާއިލާގެ މީހެއް ނޫނެވެ. ގާތް އެކުވެރިއެކެވެ. އެންމެ ފުރަތަމަ ކުރަން ފެށީ ހަނގާއެވެ. އެކަމަކު، އެ ސަމާސާއިން އަހަންނަށް ދުވީ ކެހިވެރިކަމުގެ ކުނި ވަހެވެ. މުފީދާ ބޭނުންވީ ހަސަންފުޅާ ރުޅިވާށެވެ. އެ ގުޅުން ކަނޑައިލައި، އެ ލޯބި ހިތުން ފުހެލާށެވެ.

"ދޮންކަނބުލޮގެ ބައްޕަގެ ދޯނިގަނޑާ، ފިހާރަގަނޑުގެ ދަހިވެތިކަމުގަ އޭނަ އެ އުޅެނީ،" މުފީދާ ކިތަންމެ ފަހަރަކު ވެސް އެހެން ބުންޏެވެ. "ވީހާ ވެސް ކުރީކޮޅުގަ ތި ކަން ހުއްޓާލިއްޔާ ފަހުން އަޅާ ވޭން ކުޑަވާނެ."

އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. މޫސާފުޅަށް ފުރަތަމަ ސަލާން ބުނީ އަހަންނެވެ. ޖަމީލާ އެ ކަން ކޮށްދިން ދުވަހު މުސާފުޅު ސަލާން ބަލައެއް ވެސް ނުގަތެވެ. އެ ހިތްދަތިކަމުގައި އަރުން ސުވައެއް ނުދިރިފައި އަހަރެން ހުރީމެވެ. ލޮލުފިޔައެއް ނުޖެހި، ގައިގައި ފެންތިއްޖެއް ނުޖައްސައި އުޅުނީމެވެ. މީހަކަށް އެ ކަން ނޭނގެނީތާއެވެ. އެ ލޯބި ހިތުއަޅައިގެން އަހަރެން ކިހާ ދުވަހަކު އުޅުނިން ހެއްޔެވެ؟ ކިހާ ފަރިއްސެއް ކިއިން ހެއްޔެވެ؟ މީހަކަށް އެ އަޑު ނީވެނީތާއެވެ.

"މޫސާފުޅު އެންމެ ރަނގަޅަށް އެނގޭނީ މަށަށް،" އަޑަށް ބާރުލައިފައި އަހަރެން ބުނީމެވެ. "އޭނަޔޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަދައްކަންޏާ މުފީދާ.."

"މާތްކަލާކޯ މާތްކަލާކޯ!" މުފީދާ އަވަސްއަވަހަށް ބުންޏެވެ. "ތުކި!"

މުފީދާގެ ނިޔަތާ މެދު އަހަރެންގެ ހިތުގައި އުފެދުނު ޝައްކު ޔަގީނަށް ބަދަލުކޮށްދިނީ ޖަމީލާއެވެ. ޖަމީލާ ދެކޭގޮތުގައި މޫސާފުޅަށް ހިތްކިޔައިގެން މުފީދާ އުޅޭތާ ކިތަންމެ ދުވަހެކެވެ.

"އަބަދު ދައްކާނެ މޫސާފުޅުގެ ވާހަކަ،" އެ ވާހަކަތައް ދައްކާކަށް ޖަމީލާއަކަށް އެހާ ފަސޭހައެއް ނޫނެވެ. "މޫސާފުޅުގެ ދެ ލޯ ރީތި ވާހަކަ. އަޑު ރީތި ވާހަކަ. އަދި އެނގޭތަ؟ މޫސާފުޅު ލިބޭތޯ ޒިޔާރަތަށް ނަދުރު ވެސް ބުނެފި. ދޮހޮއްކޮބޭ ލައްވާ ބިލެތްގަނޑެއް ހަދައިގެން އެ ވެސް ކާންދީފި. ނުބުނާތި މި ވާހަކަ. ދޮންކަނބުލޮ ވީމަ މި ބުނީ."

މޫސާފުޅުދެކެ މުފީދާ އެ ވަރަށް ލޯބިވަންޏާ، އެއްވެސް އިރެއްގައި އެ ވާހަކަ އަހަރެން ގާތުގައި ނުދައްކަނީ ކީއްވެގެންބާއެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން ގާތުގައި މުފީދާ ދައްކާފައި ހުރީ މޫސާފުޅު ކަމުނުދާ ވާހަކައެވެ.

މޫސާފުޅާ އަހަރެން ކައިވެނި ކުރީމެވެ. އޭނަގެ އަސްލު ސިފަ ފެނުނީ އެ ހިސާބުންނެވެ. އަހަރެން ބުނެފިއްޔާ މޫސާފުޅަށް ދުވާލު އެއީ ރޭގަނޑެވެ. ފިންޏަކީ ހޫނެވެ. އަހަރެން ހިތުގައިޖެހިދާނެ ކަހަލަ އެއްވެސް ކަމެއް މޫސާފުޅެއް ނުކުރެއެވެ. މޫސާފުޅަށް ވުރެ އަހަރެން ދެ އަހަރު ހަގަސް، އަހަރެން ބަސްކިޔައިފި ކަމަކަށް މޫސާފުޅު ދެބަހެއް ނުވެއެވެ. އެހާ ހެޔޮ ފިރިއެއް އަހަރެން ނުދެކެމެވެ. އެއްވަނައިން ދިހަވަނައަށް ވެސް ހޮވޭނީ މޫސާފުޅެވެ. އަހަރެންގެ އެއްބަނޑުއެއްބަފާ މީހުންނާއި، އެކުވެރިންގެ ފިރިން ގުނަންޖެހޭނީ އެގާރައިން ފެށިގެންނެވެ. މުފީދާގެ ނިންމުން ކިހާ ގޯސް ހެއްޔެވެ؟ ޖަމީލާގެ ނިންމުން ކިހާ ރަނގަޅު ހެއްޔެވެ؟

ކައިވެނި ކުރީއްސުރެ މޫސާފުޅު އެދޭ އެދުމެއް އޮވެއެވެ. ހުދު ފޮތިން އަހަރެން ލިބާހެއް ފެހުމެވެ. ކަސަބުން ހިރު ގަތައިގެން ލިބާހުގައި ބޯވަޅު އަޅައިފައި، ފޭލީގައި ރިހި ކިނާރި އެޅުމެވެ. އަދި ގުދުރަތީމަލުން އެ ލިބާހުގައި ހުވަނދު ލުމެވެ. މޫސާފުޅުގެ ނަޒަރުގައި އެ ހެދުން ލީމައި އަހަރެންގެ ރީތިކަން ދެ ގުނައަށް އިތުރުވާނެއެވެ. ހުދު ފޮތިން ލިބާސް ފެހުމަކީ އާންމުކަމެއް ނޫން ނަމަވެސް، ފިރިމީހާއަށް ޓަކައި އެ ވަރު ކަމެއް އަހަރެން ނުކުރާންވީ ކީއްވެހެއްޔެވެ؟

އަހަރެންގެ ޢާއިލާއަކީ މާލޭގެ ނިސްބަތުން މުއްސަނދި ޢާއިލާއެކެވެ. ކެއުންބުއިމަކަށް ދައްޗެއް ނެތެވެ. ގޭގައި ހުންނަ ކުޑަ ފިހާރައަކީ، ހިސާބުގަނޑު މީހުން ވިޔަފާރިކުރަން ހުރި ހަމައެކަނި ފިހާރައެވެ. މާލެއިން ލިބެން ހުންނަ ގިނަ މުދާ އެ ފިހާރައިން ލިބެއެވެ. އެކަމަކު ފޮއްޗެއް ނުހުރެއެވެ. ފޭލި ގެނައީ ސީދާ އޭދަފުށިންނެވެ. ހުދު ފޮތިގަނޑު ގެނުވީ ބަންގާޅަށް ދިޔަ ބޭބެއެއް ލައްވައެވެ. މޫސާފުޅަކަށް އެ ކަމެއް ނާންގަމެވެ. ދުރާލައި އެ ކަން ކުރީ މޫސާފުޅަށް ސިހުމެއް ދިނުން ފިޔަވައި އެހެން އެއްވެސް ކަމަކު ނޫނެވެ. އަހަރެން ތައްޔާރުވީ ކުޑަޢީދަށެވެ.

ލިބާސް ފަހައިދިނީ ޖަމީލާގެ ރައްޓެއްސެކެވެ. އެއީ، މާލޭގައި ހުރި އެ ކަމަށް އެންމެ ކުޅަދާނަ މީހާއެވެ. މޫސާފުޅަށް ދޮންކަޅުމިން ވެސް ނާންގަމެވެ. ދުވަސްކޮޅަކު މަންމަ ގާތުގައި ހުރެލަން މޫސާފުޅުގެ އިޒުނަ ހޯދައިގެން އަހަރެން އައީ ގެއަށެވެ. ލިބާސް ހެޔޮވަރުކުރަން އިރުއިރުކޮޅާ ދާންވެއްޖެއްޔާ މޫސާފުޅަށް ޝައްކުވެދާނެތީއެވެ. އެ ޚިޔާލު ދިނީ ޖަމީލާއެވެ. މޫސާފުޅަށް ކުޑަކޮށް ޝައްކުވިހެން ހީވިއެވެ. އަހަންނަށް ކުރެވުނު ކަމަކުން ނޫނެވެ. ނުކުރެވުނު ކަމަކުންނެވެ. ޢީދު ދުވަސް ކައިރިވެގެން އައިއިރު ވެސް ޢީދު ހެދުމުގެ ވާހަކަ އަހަރެން ނުދެއްކީމައެވެ. އަހަރެން ތައްޔާރުވީ މޫސާފުޅަށް ސިހުމެއް ދޭށެވެ.

ލިބާސް ނިމެންވާއިރަށް ރާނބާފަތް ކޮށައި އަވީލީމެވެ. ފަތްތައް ހިކުމުން މޫނިމަލާއި، ލަންސިމުލާއި، ފިނިފެންމަލުގެ ފިޔަ އެ އަށް އެއްކުރީމެވެ. އަންނައުނު ލާ އަލަމާރީގައި ހުރި ކަށިމަލާއި ހުވަނދުމާތައް އާ ކުރީމެވެ. ލިބާސް ދޮވެ އިސްތިރި ކުރުމަށް ފަހު، ފަތްޖަހައި އަލަމާރިއަށް ލީމެވެ. ލިބާހުގެ އެތެރެއަށާއި މައްޗަށް މާތައް އެޅީމެވެ. ލިބާހުގެ އެއްވެސްކަމަކާ މުފީދާ ނުބެހެއެވެ. އަހަންނާއި މުފީދާގެ އެކުވެރިކަން ދިޔައީ ހީނަރުވަމުން ކުލަ ފަނޑުވަމުންނެވެ. ޖަމީލާ ހުރީ ވަރަށް އުފާވެފައެވެ. ޢީދުވިލޭރޭ އެ ލިބާސް ލައިގެން އަހަރެން އަންނަންވީ ވަގުތާއި، މޫސާފުޅު ސިއްސާލާނެ ގޮތް ވެސް ރާވައިދިނީ ޖަމީލާއެވެ.

ޢީދަށް ފެހި ލިބާސް އަހަރެން ލީމެވެ. ފުނާއަޅައި، ހުޅިޖަހައި، ރުމާފަޅި އެޅީމެވެ. ޢީދުގެ އެއް ދުވަސް ކުރިން އެ ފަދަ ލިބާހެއް ލައިގެން އަހަރެން އަތުވެދާނެކަމަކަށް މޫސާފުޅު ހިޔެއް ނުކުރާނެއެވެ. އެ ނިންމުމަކީ އަހަރެންގެ އަމިއްލަ ނިންމުމެކެވެ. ރައްޓެއްސަކަށް ވެސް އެ ކަމެއް ނޭނގޭނެއެވެ. ގަޑިން ރޭގަނޑު ދިހަގަޑި ބައިވިއެވެ. އަހަރެން ހުރީ މޫސާފުޅަށް ލިބޭ ސިހުން ބަލައިލާހިތުން ކެތްތެރިކަން ކުޑަވެފައެވެ. ނަލަހެދިގެން ގެއިން ނުކުތީމެވެ. މަގުތައް އަނދިރިވެފައި ފަޅެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް މޫސާފުޅުގެ ގެއަށް ވަނީމެވެ. ކޮޓަރީގައި ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުއްޓައި ދުށީމެވެ. ސިއްރުސިއްރުން އައިސް ދޮރުމައްޗަށް ހުއްޓިލީމެވެ. ހެދުން ރީތިކޮށްލީމެވެ. ކުއްލިއަކަށް ދޮރު ހުޅުވައިލީމެވެ. ޖަމީލާ ހަޅޭއްލަވައިގަތްއިރު އަހަރެން ދޮރު ލައްޕައިފީމެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގިފައި އަހަރެން ހުރީމެވެ. ސިހުނީ މޫސާފުޅެއް ނޫނެވެ. ސިހުން ލިބުނީ އަހަންނަށެވެ.

ނިމުނީ