11 ނޮވެމްބަރ 2017 - 14:11

މެނީލާ (ނޮވެމްބަރު 11) - އުމުރުން 16 އަހަރުގައި ވެސް މީހަކު މަރާލި ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.
ޑުޓާޓެ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އޭޝި-ޕެސިފިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ވިއެޓްނާމަށް ވަޑައިގެން އެ ގައުމުގައި އުޅޭ ފިލިޕީންސް މީހުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ. އެ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޑުޓާޓެ ވިދާޅުވީ ޒުވާނުން ދުވަސްވަރު އޭނާ އުޅުއްވީ ވަރަށް ލާނެތްކޮށް ކަމަށާއި އެ ދުވަސްވަރު އެތައް ފަހަރަކު ޖަލުގައި ވެސް ބަންދުކުރި ކަމަށެވެ.
މީހަކު މަރާލި ކަމަށް ޑުޓާޓެ ވިދާޅުވުމާ ގުޅިގެން އޭނާގެ ތަރުޖަމާން ފަހުން ވިދާޅުވެފައި ވަނީ އެއީ މަޖަލަކަށް ޑުޓާޓެ ވިދާޅުވި އެއްޗެއް ކަމަށެވެ.
ޑުޓާޓެ ކުރިން ވަނީ ޑަވާއޯ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް އަމިއްލަ އަށް މީހުން މެރި ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑުޓާޓެ ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ކެމްޕޭނެއް ފައްޓަވައިފަ އެވެ. ޑްރަގު ވިޔަފާރި ކުރާ މީހުން ހައްޔަރުކުރަން އުޅޭ އިރު ގަދަ ދައްކައިފި ނަމަ ބަޑިޖަހާ މަރަން ޑުޓާޓެ ވަނީ ފުލުހުންނަށް އަންގަވައިފަ އެވެ.