އޮސްކާ އެވޯޑްގެ އެނިމޭޓެޑް ކެޓަގަރީ އަށް 26 ފިލްމް ހުށަހަޅައިފި
އޮސްކާ އެވޯޑްގެ އެނިމޭޓެޑް ކެޓަގަރީ އަށް 26 ފިލްމް ހުށަހަޅައިފި

އަންނަ އަހަރު ބާއްވާ 90 ވަނަ އޮސްކާ އެވޯޑްސްގެ އެނިމޭޓެޑް ފިލްމް ކެޓަގަރީ އަށް 26 ފިލްމެއް ހުށަހަޅައިފި އެވެ.

މާޗް 4، 2018 ގައި ބާއްވާ އެވޯޑްސްގެ އެނިމޭޓެޑް ކެޓަގަރީ އަށް 26 ފިލްމް މި އަހަރު ހުށަހެޅި ނަމަވެސް، އެއީ މިދިޔަ އަހަރު ހުށަހެޅި ފިލްމްތަކަށް ވުރެ އެއް ފިލްމް މަދު އަދަދެކެވެ.

ގިނަ ފިލްމްތަކެއް ހުށަހެޅި ނަމަވެސް، އެވޯޑަށް ވާދަ ކުރަން އާންމުކޮށް ހޮވާނީ އެންމެ ފަސް ފިލްމެވެ. ނަމަވެސް ހުށަހަޅާފައިވާ ފިލްމްތަކުގެ ތެރެއިން ފަސް ފިލްމަށް ވުރެ އިތުރަށް، ފިލްމްތައް ފައިނަލް ނޮމިނޭޝަނަށް ކޮލިފައިވާ ނަމަ، ނޮމިނޭޝަންތައް އިތުރުވުމުގެ ފުރުސަތު އޮންނާނެ އެވެ.

މި އަހަރު ހުށަހެޅި ފިލްމްތަކަށް ބަލާ އިރު، ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު އަދި ވަރަށް މަޝްހޫރު އެނިމޭޓެޑް ފިލްމްތައް ހިމެނެ އެވެ.

އޭގެ ތެރޭގައި "ބޮސް ބޭބީީ"، "ކާސް 3"، "ސްމާފްސް: ދަ ލޮސްޓް ވިލެޖް"، "ކޮކޯ"، "ޑެސްޕިކަބަލް މީ 3"، "ދި އިމޯޖީ މޫވީ"، "ކެޕްޓަން އަންޑަޕޭންޓްސް" އަދި "ދަ ލެގޯ ބެޓްމޭން މޫވީ" ފަދަ ފިލްމްތައް ހިމެނެ އެވެ.

އޮސްކާގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމް ކެޓަގަރީ އަށް ހުށަހަޅާފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ދަ ބިގް ބޭޑް ފޮކްސް އެންޑް އަދާ ޓޭލްސް"، "ބާޑްބޯއި: ދަ ފޮގެޓްން ޗިލްޑްރެން"، "ދަ ބްރެޑްވިނާ"، "ސިންޑްރައްލާ ދަ ކެޓް"، "އީތެލް އެންޑް އާނެސްޓް"، "ފާޑިނަންޑް"، "ދަ ގާލް ވިތައުޓް ހޭންޑްސް"، "އިން ދިޒް ކޯނާ އޮފް ދަ ވޯލްޑް"، "ދެ ލެގޯ ނިންޖާގޯ މޫވީ"، "ލަވިން ވިންސެންޓް"، "މޭރީ އެންޑް ދަ ވިޗްސް ފްލާވާ"، "މޫމިންސް އެންޑް ދަ ވިންޓާ ވޮންޑަލޭންޑް"، "މައި އެންޓަޔާ ސްކޫލް ސިންކިން އިން ޓް ދަ ސީ"، "ނެޕިން ޕްރިންސެސް"، "އަ ސައިލެންޓް ވޮއިސް"، "ދަ ސްޓާ"، "ސްވޯޑް އާޓް އޮންލައިން" އަދި "ވިންޑޯ ހޯސެސް" ހިމެނެ އެވެ.

މިދިޔަ އަހަރު ބޭއްވި 89 ވަނަ އޮސްކާ އެވޯޑްސްގައު އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ޑިޒްނީގެ "ޒޫޓޯޕިއާ" އެވެ.