"މަރުވެފައިވާ" ހިތަކުން މީހެއްގެ ފުރާނަ ސަލާމަތްކޮށްފި
"މަރުވެފައިވާ" ހިތަކުން މީހެއްގެ ފުރާނަ ސަލާމަތްކޮށްފި

"މަރުވެފައިވާ" ހިތެއް އަލުން ދިރުވައި ޓްރާންސްޕްލާންޓް ކޮށްގެން ވަރަށް ބަލި މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އިނގިރޭސި ވިލާތުގެ ޑޮކްޓަރުންތަކެއް ކާމިޔާބު ހޯދައިފި އެވެ.

މިކަން ކާމިޔާބުވީ "ހާޓް އިން އަ ބޮކްސް" ކިޔާ މާ ޒަމާނީ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ. މި ފޮށިތެރޭގައި ޕްރިޒާވްކުރުމުން އަށް ގަޑިއިރު ވަންދެން ހިތުގެ ތެޅުން ހުރެ އެވެ.

އެންތަނީ އެންޑަސަން ނަމަކަށް ކިޔާ 58 އަހަރުގެ މި މީހާގެ ހިތުގެ ޓްރާންސްޕްލާންޓް ހަދާފައި ވަނީ އިނގިރޭސި ވިލާތުގެ މެންޗެސްޓާގެ ވައިތެންޝޯ ހޮސްޕިޓަލްގައި ކަމަށް މެންޗެސްޓާ އިވްނިން ނިއުސް އިން ރިޕޯޓްކޮށްފައިވެ އެވެ. މި މީހާ އަކީ ކާޑިއޯމަޔޯޕަތީ ކިޔާ ހިތުގެ މައްސަލައެއް ޖެހި ހިތް ބަދަލުކުރަން ޖެހުނު މީހެކެވެ.

އެންޑަސަން ބުނީ ހިތެއް ލިބުމުން އުފާވި ނަމަވެސް އެކަން ވީ އެހެން މީހަކު މަރުވެގެންކަން އެނގުމުން ދެރަވި ކަމަށެވެ. އަދި އުމުރު ދުވަހަށް ވެސް، ހިތް ދިން މީހާއަށް ޝުކުރުކުރާނެ ކަމަށް ވެސް އެންޑަސަން ބުންޏެވެ.

ޓްރާންސްޕްލާންޓް ހަދައިގެން ހަފުތާއެއްވީ އިރު އެންޑަސަން ހުރީ ގޭގަ އެވެ. ނަަމަވެސް އޭނާގެ އޮޕަރޭޝަން ކޮށްދިން ޑޮކްޓަރުން ވަރަށް ގާތުން އޭނާ މޮނިޓަކުރަން ދެ އެވެ.

މެންޗެސްޓާގެ ވައިތެންޝޯ ހޮސްޕިޓަލަކީ މި ރިވޮލިއުޝަނަރީ ޕްރޮސީޖާ ހަދައިދޭ ދުނިޔޭގައި ހުރި ހަތަރު މަރުކަޒުގެ ތެރެއިން އެއް ތަނެވެ. އެކަމަކު މިހާތަނަށް މި އޮޕަރޭޝަން ކޮށްފައިވަނީ ވަރަށް މަދު މީހެއްގެ އެވެ.

ޓްރާންސްމީޑިއާ އޯގަން ކެއާ ސިސްޓަމް ކިޔާ މި ޓެކްނޮލޮޖީން ހިތް ނެގުމަށް ފަހު ހަށިގަނޑުން ބޭރުގައި އަށް ގަޑިއިރު ވަންދެން ތެޅި ތެޅި އޮވެ އެވެ. މިހެން ވުމުގެ ސަބަބުން ހިތުގެ ހާލަތާއި އެ ފަންކްޝަންކުރާ ގޮތާއި ދެނެ ގަންނަން ޑޮކްޓަރުންނަށް ފަސޭހަވެ އެވެ. އަދި ޓްރާންސްޕްލާންޓްކުރާ މީހާގެ ހަށިގަނޑުން ހިތް ގަބޫލުނުކުރުމުގެ ޗާންސް ކުޑަވެ އެވެ. ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި މި އާ ޓެކްނޮލޮޖީގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވެ ޓްރާންސްޕްލާންޓް ހަދަން ޖެހޭ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.

މިފަހަރުގެ ކޭސްގައި ޑޯނާގެ ސިކުނޑި މަރެއް ނުވެ އެވެ. ނަމަވެސް ސިކުނޑިއަށް އޮތީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެހެންވެ މިފަދަ ހާލަތުގައި ކަންތައް ކުރާ ގޮތަކީ އެމީހާއަށް ދެމުންދާ ހުރިހާ ފަރުވާއެއް ހުއްޓާލައި ހިތް އަމިއްލައަށް ހުއްޓެން ދޫކޮށްލަނީ އެވެ. އަދި ވަގުތުން ހިތް ނަގާފައިވާ އޯގަން ކެއާ ސިސްޓަމް މެޝިނަށް ލަނީ އެވެ.