އެވްރާ އަށް ހަތް މަހުގެ ސަސްޕެންޝަނެއް
އެވްރާ އަށް ހަތް މަހުގެ ސަސްޕެންޝަނެއް

މާސޭ، ފްރާންސް (ނޮވެމްބަރު 11) - ފްރާންސުގެ އޮލިމްޕިކް މާސޭގެ ޑިފެންޑަރު ޕެޓްރީސް އެވްރާ ސަޕޯޓަރަކަށް ހަމަލާ ދީފައިވާތީ ޔުއެފާގެ މުބާރާތްތަކުން އޭނާ ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމިއިރު އޭނާ އެ ކްލަބް ދޫކޮށްލައިފި އެވެ.

އެވްރާ ފައިން ޖަހައި ސަޕޯޓަރަކަށް ހަަމަލާ ޔޫރޮޕާ ލީގުގައި މި މަހުގެ 2 ވަނަ ދުވަހުގެރޭ ޕޯޗުގަލްގެ ވިޓޯރިއާއާ ދެކޮޅަށް މާސޭ ކުޅުނު މެޗު ފެށުމުގެ ކުރިންނެވެ. އުމުރުން 36 އަހަރުގެ އެވްރާ ސަޕޯޓަރު ގައިގައި ފައިން ޖެހީ ތަކުރާރުކޮށް އެ ސަޕޯޓަރު އޭނާއާ ނަސްލީ ގޮތުން ދިމާކުރި ކަމަށް ބުނެ އެވެ.

އަންނަ އަހަރުގެ ޖޫން ގެ ނިޔަލަށް ޔުއެފާ އިން އޭނާ ސަސްޕެންޑްކުރިއިރު އެއީ މާސޭއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ވެސް ހަމަވާ ތާރީހެވެ. މާސޭ އިން ބުނީ އެވްރާގެ ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ހޯދާފައިވާ އެވްރާ މާސޭ އަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު ޔުވެންޓަސް އިންނެވެ. މީގެ ކުރިން ސަޕޯޓަރަކަށް ހަމަލާދީގެން އެންމެ ބޮޑު ސަސްޕެންޝަނެއް އައިސްފައިވާ އެއް ކުޅުންތެރިއަކީ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިއާ އެރިކް ކެންޓޯނާ އެވެ. ކްރިސްޓަލް ޕެލަސްގެ ސަޕޯޓަރެއް ގައިގައި ފައިން ޖަހައިގެން 1995 ވަނަ އަހަރު ކެންޓޯނާ ވަނީ ނުވަ މަހަށް ސަސްޕެންޑްކޮށްފަ އެވެ.