ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ބްލެޓާ އަށް
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ބްލެޓާ އަށް

ލަންޑަން (ނޮވެމްބަރު 11) - ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތި ކަމަށް އެމެރިކާގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ހޯޕް ސޯލޯ ބުނެފި އެވެ.

އެމެރިކާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުމުރުން 36 އަހަރުގެ ކުޅުންތެރިއާ ބުނީ އެކަން ހިނގީ 2013 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހަފުލާގައި، އެވޯޑެއް ހަވާލުކުރަން ސްޓޭޖަށް އެރުމުގެ ކުރިން ކަމަށެވެ. ޕޯޗުގަލްގެ އެކްސްޕްރެސޯ ނޫހަށް ދިން އިންޓަވިއުއެއްގައި ސޯލޯ ބުނީ ބްލެޓާ އޭނާގެ ފޫކޮޅުގައި އަތްލި ކަމަށެވެ.

އުމުރުން 81 އަހަރުގެ ބްލެޓާ ވަނީ އެ ތުހުމަތަކަށް އިންކާރުކޮށްފަ އެވެ. އޭނާގެ ތަރުޖަމާނު ބީބީސީ އަށް ބުނީ މިއީ ތާކުންތާކުނުޖެހޭ އިލްޒާމެއް ކަމަށެވެ.

ކުރިން މި ވާހަކަތައް ހާމަނުކުރީ ކީއްވެތޯ އެހުމުން ސޯލޯ ބުނީ އެވޯޑް ހަވާލުކުރަން އަރަން ތައްޔާރުވެފައި ހުރި އެ ވަގުތު އޭނާ ހުރީ ފިނިވެފައި ކަމަށެވެ. އަދި ފަހުން ބްލެޓާ ނުފެންނަ ކަމަށާއި "ދެން ދުވަހަކު ވެސް އޭނާގެ ގައިގައި އަތްނުލަން" ބްލެޓާ ގާތު ބުނުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. އަދި އޭނާ އަކީ އަބަދުވެސް ދިމާލަށް ބުނާ މީހެއް ކަމަށް ސޯލޯ ބުންޏެވެ.

އޮލިމްޕިކް ރަން މެޑަލް ދެ ފަހަރު ހާސިލްކޮށްފައިވާ ސޯލޯ ބުނީ ޖިންސީ ގޯނާގެ މައްސަލަ އޮތީ ހަމައެކަނި ހޮލީވުޑުގައި ނޫން ކަމަށާއި އަންހެން ފުޓްބޯޅައިގެ ތެރޭގައި މިކަންތައް ބޮޑު ކަމަށެވެ. އަދި މިކަމާ ދެކޮޅަށް ގިނަ ކުޅުންތެރިން ވާހަކަ ނުދައްކަނީ ކީއްވެކަން ނޭގޭ ކަމަށް ސޯލޯ ބުންޏެވެ.

ފީފާގެ ރައީސްކަން 17 އަހަރުކޮށް ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފައިވާ ބްލެޓާ މިވަގުތު ހުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.