12 ނޮވެމްބަރ 2017 - 06:41

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ރިލީޒްކުރުން މަނާ ކޮށްދިނުމަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނިންމާނީ ފިލްމު ސެންސަރު ބޯޑުން ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައި މިވަނީ ފިލްމު މަނާކޮށްދިނުމަށް އެދި ރާޖްޕޫތު ގްރޫޕްތަކުން ކޯޓަށް އިލްތިމާސް ކުރަމުން ދަނިކޮށެވެ.
"ޕަދްމާވަތީ" އާ ދެކޮޅު ހަދާ މީހުން ބުނަނީ ރާނީ ޕަދްމާވަތީ (ދީޕިކާ ޕަދުކޯން) އާއި ފިލްމުގައި ނުބައިބައި ކުޅޭ އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް)ގެ ހުވަފެނީ ލޯބީގެ މަންޒަރެއް މި ފިލްމުގައި ހިމެނޭ ކަމަށެވެ. އެމީހުން ބުނަނީ ހުވަފެނެއްގައި ވެސް އަދި ޚިޔާލެއް ގޮތަށް ވެސް އެ ދެ ކެރެކްޓާގެ ލޯބީގެ މަންޒަރެއް ބަލައިނުގަނެވޭނެ ކަމަށެވެ.
މިފަދަ އެއްވެސް މަންޒަރެއް ފިލްމުގައި ނުހިމެނޭނެ ކަމުގެ ޔަގީންކަން ބާންސާލީ ވަނީ ދީފަ އެވެ. ނަމަވެސް މިކަމާ ދެކޮޅުހަދާ މީހުން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ.
ފިލްމު ދެއްކުމާ ދެކޮޅު ހަދާ ޖަމާއަތަކުން، ރާޖަސްތާނުގައި ހުންނަ ސިނަމާތަކުގެ ވެރިންނަށް ވަރުގަދަ އިންޒާރުތަކެއް ވެސް ވަނީ ދީފަ އެވެ. ނަމަވެސް ކަނޑައެޅިފައިވާ ތާރީޚުގައި ފިލްމު ރިލީޒްކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓާ އޮފް ސްޓޭޓް ވަނީ ދީފަ އެވެ. ނަމަވެސް ގްރޫޕްތަކުން ފާޅުކުރާ ޝުއޫރުތަކާ ބެހޭ ގޮތުން އޭނާ އެއްޗެކޭ ވިދާޅެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި ފިލްމާ ދެކޮޅުހަދާ މީހުންގެ ޖަޒުބާތުތަކަށް ވެސް ސެންސަރު ބޯޑުން ވިސްނާނެ އެވެ. އަދި ކިރިޔާ ވެސް ހިތްހަމަނުޖެހޭ ކަހަލަ މަންޒަރެއް އިން ނަމަ ކަނޑާލާފައި ނޫނީ ރިލީޒްކުރުމުގެ ހުއްދައެއް ނުދޭނެ އެވެ.
"ޕަދްމާވަތީ"ގެ ޝޫޓިން ފެށީއްސުރެ ފިލްމުގެ ޑައިރެކްޓަރު ބާންސާލީ އާއި އެނޫން ވެސް ފިލްމުގެ އެކި މަސައްކަތްކުރާ މީހުން އުޅެން ޖެހިފައިވަނީ ބިރުވެރިކަމުގެ ތެރޭގަ އެވެ. ފިލްމުގެ ޝޫޓިންއަށް ތައްޔާރުކޮށްފައިވާ އަގުބޮޑު ދެ ސެޓެއް ހަލާކުކޮށްލުމާއި ޝޫޓިންގައި ބޭނުންކުރި އަގުބޮޑު ކެމެރާތަކާއި އެހެން ބައެއް ތަކެއްޗަށް ގެއްލުންދީ އެއް ފަހަރު އަލިފާން ވެސް ރޯކޮށްލި އެވެ.
މީގެ އިތުރުން ފިލްމުގެ ޕޯސްޓަރުތަކާއި ފިލްމާ ގުޅުން ހުރި ވަރަށް ގިނަ އެއްޗިއްސަށް މިހާރު ވެސް ދަނީ ގެއްލުން ދެމުންނެވެ.
ރިލީޒްކުރުމުގެ ކުރިން ފިލްމު ބަލާލުމަށް އެދި ބާންސާލީ ފޮނުވި ދައުވަތު ވެސް ރާޖްޕޫތުން ގަބޫލެއް ނުކުރި އެވެ.