13 ނޮވެމްބަރ 2017 - 07:07

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަލަށް ފަށަންއުޅޭ ސާހިރު ލޫދިއާންވީގެ ބައޮޕިކްގެ ބަތަލާއަކަށް ކުރިންހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް އަބީޝެކް ބައްޗަން ބަތަލުގެ ރޯލު ކުޅޭ މި ފިލްމުގެ ބަތަލާ އަކަށް ދީޕިކާ ޕަދުކޯން ހަމަޖެހިއްޖެކަމަށް ދެކެވޭ ވާހަކަތައް ދީޕިކާ ދޮގުކޮށްފި އެވެ.
ފިލްމްފެއާ އަށް ދީފައިވާ އިންޓަވިއުއެއްގައި ދީޕިކާ ބުނީ އޭނާ މިހާތަނަށް ސޮއިކޮށްފައިވަނީ އެންމެ ފިލްމަކަށް ކަމަށެވެ. އެއީ އިރްފާން ޚާނާއެކު ކުޅޭ "ސަޕްނާ ދީދީ" އެވެ. އެނޫން އެއްވެސް ފިލްމެއް ކުޅެން އޭނާ އަދި އެއްބަސް ވެފައި ނުވާ ކަމަށް ދީޕިކާ ބުންޏެވެ.
މިހާރު ވަރަށް ބުރަކޮށް "ޕަދްމާވަތީ" ޕްރޮމޯޓްކުރުމުގައި އުޅޭ ދީޕިކާ ބުނި ގޮތުގައި މި ކަހަލަ ދޮގު ވާހަކަތައް އޭނާއާ ބެހޭ ގޮތުން ދެކެވޭ ސަބަބެއް އޭނާއަކަށް ވެސް ނޭނގެ އެވެ.
"ޕަދްމާވަތީ" އަކީ ބާންސާލީއާ ގުޅިގެން އުފެއްދި ތިން ވަނަ ފިލްމެވެ. މީގެ ކުރިން ނުކުތް "ގޯލިޔޯންކާ ރަސްލީލާ - ރާމް-ލީލާ" އާއި "ބާޖީރާއޯ މަސްތާނީ" ވަނީ ބްލޮކްބަސްޓާއަށް ވެފަ އެވެ. އަދި "ޕަދްމާވަތީ"ވެސް ހަމަ މިވަރުގެ ކާމިޔާބެއް ހޯދާނެކަމުގެ އުންމީދު ވަރަށް ބޮޑެވެ.
"ޕަދްމާވަތީ"ގައި ދީޕިކާގެ އިތުރުން ޝާހިދު ކަޕޫރާއި ރަންވީރު ސިންގް ވެސް ވަރަށް މުހިއްމު ބައިތަކެއް ކުޅެފައިވެ އެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހު 1 ވަނަ ދުވަހު އެވެ.
ތްރީޑީ ފޯމެޓާއި އާދައިގެ ފޯމެޓްގައި ރިލިޒްކުރާ "ޕަދްމާވަތީ" އުފެއްދުމަށް 160 ކްރޯޑު ރުޕީސް ވަނީ ޚަރަދު ވެފަ އެވެ. އެހެންކަމުން މި ފިލްމު ވެފައިވަނީ މިހާތަނަށް ބޮލީވުޑުން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަށެވެ.