12 ނޮވެމްބަރ 2017 - 06:40

މިހާރު ކަލާޒް ޗެނަލުން ދައްކާ "ބިގް ބޮސް"ގެ 11 ވަނަ ސީޒަންގައި ބައިވެރިވާ އެންމެ މަޝްހޫރު އެއް ފަންނާނަކީ ހީނާ ޚާން އެވެ. އޭނާގެ ފޭނުން ގިނަކަން ހީނާ އަށް ވެސް އެނގެ އެވެ. ދެރަވެގެން ރޯ ވަގުތު ފާޚާނާ އަށް ވަދެ ސިއްރުން ރުއިމުގެ ބަދަލުގައި ކެމެރާ އަށް ފެންނަ ގޮތަށް އަސަރާ އެކު ރޮނީ އެހެންވެގެން ކަމަށް ބެލެވެ އެވެ.
ހީނާ ފުރަަތަމަ ޓީވީން ފެނުނީ ސްޓާ ޕްލަސްގެ ދުވަސްވީ އަދި މަޝްހޫރު ސިލްސިލާއެއް ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ލީޑް ރޯލުންނެވެ. މި ޝޯ އަށް އަހަރު ވަންދެން ހީނާ ކުޅުނެވެ. އަދި އެހާ ގިނަ ދުވަހު މި ސިލްސިލާ ކުޅުމުގެ ސަބަބުން ހީނާ އަށް އެތައް ހާސް ބައެއްގެ ލޯތްބާއި ތާއީދު ވެސް ވަނީ ހޯދިފަ އެވެ.
މި ސިލްސިލާއިން ވަކިވުމަށް ފަހު ދެން ހީނާ ބައިވެރިވީ "ޚަތުރޯން ކީ ކިޅާޅީ" ކިޔާ ރިއަލިޓީ ޝޯއެއްގަ އެވެ. މި ޝޯގެ އެންމެ ފަހު ސީޒަންގެ އެއްވަނަ ހީނާ އަށް ނުލިބުނު ނަމަވެސް ރަނައަޕަށް ހޮވުނެވެ. އެއާއެކު ހީނާގެ ފޭނުން އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ.
"ޚަތުރޯން ކީ ކިލާޅީ" ނިމުމާއެކު ކަހަލަ ގޮތަކަށް ހީނާ "ބިގް ބޮސް"ގެ ގެއަށް ވަނެވެ. ނަމަވެސް ހީނާގެ ގިނަ ފޭނުން ވެސް މިހާރު ގަބޫލުކުރަނީ ބިގް ބޮސްގައި ބައިވެރިވުމަކީ ހީނާ ކުރި ވަރަށް މޮޔަ ކަމެއްގެ ގޮތުގަ އެވެ. ސަަބަބަކީ "ޔޭ ރިޝްތާ"ގައި އޭނާ ކުޅުނު އަކްޝަރާގެ ކެރެކްޓާ ރޯއިރު ވާ ކަހަލަ ދެރައެއް ބިގް ބޮސްގެ ގޭގައި ހީނާ ރޯތަން ފެނުމުން ގިނަ މީހުން ނުވެ އެވެ. އަދި "ކަތުރޯންކީ ކިލާޅީ"ގައި އޭނާ ދެއްކި ބިރުކުޑަ އަންހެނެއްގެ ސިފަތައް ވެސް ބިގް ބޮސްގެ ގޭގައި އޭނާއަށް ދެއްކިފައި ނުވާތީ އެވެ.
ބިގް ބޮސްގެ ގެއަށް ވަނުމުގެ ސަބަބުން، މީގެ ކުރިން ހީނާގެ ފަރާތުން ނުފެންނަ ވަރަށް ހިތްހަމަނުޖެހޭ ސިފަތަކެއް ދަނީ ފެންނަމުންނެވެ. މީހުންނާ ޒުވާބު ކުރުމާއި އެހެން މީހުން ދަށްކޮށްލާ ނިކަމެތިކޮށްލަން މަސައްކަތް ކުރުން އަދި ރުޅި އިސްކުރުމާއި މަލާމާތްކުރުން ފަދަ ގިނަ ސިފަތަކެއް ހީނާގެ ފަރާތުން ބެލުންތެރިންނަށް ދަނީ ފެންނަމުންނެވެ.
ޚާއްސަކޮށް ކެމެރާ ކުރިމަތީގައި އޭނާ ރޯވަރުން ވެސް، މި ޝޯ އާންމުކޮށް ބަލާ ގިނަ ބަޔަކު ހީނާ ދެކެ އިތުރަށް ފޫހިވާގޮތް ވަނީ ވެފަ އެވެ.
ޝޯ ފެށުނުތާ ކުރީކޮޅު އެއްގޮތަކަށް ވެސް ނުރޮއެ ހިތްވަރުގަދަ މީހަކަށް ވާން ހީނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޕުނީޝް ޝަރުމާ އެއްފަހަރަކު ޓާސްކެއް ތެރޭ ހީނާއާ ދިމާލަށް ވަރަށް ހުތުރު އެއްޗެއް ބުނުމުން އޭނާއަށް އެ ފަހަރު ރޮވުނެވެ. އެ ފަހަރު ހީނާ ރުއިމަކުން ބެލުންތެރިންގެ ގިނަ ބަޔެއްގެ ހިތް އޭނާއަށް ފަތަހަ ވެސް ކުރެވުނެވެ. ނަމަވެސް އޭނާ ރޯން އިންދާ އެތަނަށް ސަބްޔާސަޗީ ގޮސް ކައިރީގައި އިށީނުމުން ކުރިމަތިން ދުރަށް ދިއުމަށް ހީނާ އެންގި އެވެ. އެއީ ކެމެރާ ބްލޮކް ވާތީ އެވެ. އެހިސާބުން ހީނާ ރޮނީ ކެމެރާ އަށް ދައްކަން ކަން ޔަގީންވެ ގިނަ ބަޔަކު އޭނާ ދެކެ ފޫހިވާ ގޮތް ވިއެވެ.
މިހާރު ބިގް ބޮސް ބަލާ ގިނަ މީހުން ގަބޫލުކުރަނީ ފާޚާނާ އަށް ވަދެ ފިލާ ހުރެގެން ރުއިމުގެ ބަދަލުގައި ހީނާ އަބަދު ކެމެރާ އަށް ކުރިމަތިލައިގެން ރޮނީ ބެލުންތެރިންގެ ހަމްދަރުދީ ހޯދަން ކަމަށެވެ. ނޫންނަމަ ވޮޝްރޫމްގައި ކެމެރާ ނުހުންނަކަން ހީނާއަށް ނޭނގެނީ ކަންނޭނގެ އެވެ.