އަލަށް ތައާރަފްވި އެންމެ ކަމުދާ އެކްޓަރަކީ ކާކު؟
އަލަށް ތައާރަފްވި އެންމެ ކަމުދާ އެކްޓަރަކީ ކާކު؟

މި އަހަރަކީ ދިވެހި ސިނަމާ އިން މުޅިން އާ ތަރިންތަކެއް ފެނިގެން ދިޔަ އަހަރެކެވެ. އޭގެ ތެރޭގައި ބަތަލާއިންނާއި ބަތަލުން ވެސް ހިމެނެ އެވެ. އެކަމަކު ފިލްމީ ދާއިރާ އަށް ބަލައިފި ނަމަ، އަހަރުގެ އެންމެ ހޫނު ވާހަކަތަކަކީ ބައެއް އެކްޓަރުންގެ ވާހަކަތަކެވެ. ހާއްސަކޮށް ބައެއް ފިލްމްތަކުގެ ލީޑް ރޯލުން ފެނުނު އެކްޓަރުންނެވެ.

މިއީ މި އަހަރު އެކްޓިން ހުނަރު ދައްކާލި ބައެއް އެކްޓަރުންގެ ވާހަކަ އެވެ. ލިސްޓް މާ ދިގެއް ނޫނެވެ.

ޝިބާން ފިލްމީ ދާއިރާ އަށް ތައާރަފުވީ އަބްދުލް ފައްތާހް ސެޕްޓެމްބަރު ހައެއްގައި ގެނެސް ދިން ފިލްމް "ހައްދު" އިންނެވެ. އެ ފިލްމްގެ ކުރިން ވެސް ޝިބާން ވަނީ ކެމެރާގެ ކުރިމަތީގައި ބައެއް މަސައްކަތްތައްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓީވީ ކޮމާޝަލްތަކެވެ.

ޝިބާންގެ ވާހަކައަކީ ފިލްމީ ދާއިރާގައި އެންމެ ގަދަ މި އަހަރު ދެކެވުނު ވާހަކަށް ވާނެ އެވެ. ހާއްސަކޮށް ފިލްމް ކުޅޭ އެކްޓަރުންގެ "ލުކްސް ބަދަލުކޮށްލަން" އަންނަ އެކްޓަރެއްގެ ގޮތުގައި އޭނާ ސިފަ ކުރެވިފައިވާތީ އެވެ. ޑައިރެކްޓަރު ފައްތާހް ވެސް ޝިބާން ޕްރޮމޯޓް ކުރީ އެ ގޮތަށެވެ.

ސިކްސްޕެކް ހަށިގަނޑަކާ އެކު، ސްކްރީން "ހޫނުކޮށްލި" ޝިބާންގެ ފުރަތަމަ ފިލްމުން ވެސް އޭނާ ވަނީ އެކްޓް ކުރެވޭނެކަން ސާބިތުކޮށް ދީފަ އެވެ. ޝިބާން "ހައްދު" ގައި ދައްކައިލި އަލީގެ ކެރެކްޓާއާ އެކު، މިއީ ފިލްމީ ދާއިރާގެ ކުރިމަގު އޮތް އުންމީދީ އެކްޓަރެއްގެ ގޮތުގައި ބެލެވެ އެވެ. އެހެންވެ ޝިބާންގެ އިތުރު މަސައްކަތްތަކަކަށް ބެލުންތެރިން ގައިމު ވެސް އިންތިޒާރު ކުރާނެ އެވެ.

ޔުނާންގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީ ބައެއް މީހުން ޝިބާންގެ ވަރުގަދަ ހަށިގަނޑާ އޭނާ އަޅާކިޔާފައިވާތީ އެވެ. މިހާރު ސިނަމާގައި އޮތް ފާތުމަތު ނަހުލާގެ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމް "ބޮސް" އިން ތައާރަފު ކުރި މި އެކްޓަރަކީ ބޮޑު ސްކްރީނަށް އާ ވިޔަސް، ހަގީގަތުގައި އެކްޓިން އަށް އާ އެކްޓަރެއް ނޫނެވެ. ޔުނާން ވަޒީފާ އަދާ ކުރާ އެމްޑަބްލިއެސްސީގެ އޮފީސް ޓެލެޑްރާމާތަކުގައި އޭނާ އޮތީ އެކްޓިން ހުނަރު ދައްކާލައިފަ އެވެ.

ނަމަވެސް ގިނަ ބައެއްގެ ބޮޑު ސުވާލަކަށްވީ ފައްތާހް ދިވެހި ސިނަމާ އަށް "ބަދަލެއް ގެންނަން" ސިކްސްޕެކް އެކްޓަރަކު ގޮވައިގެން ނުކުންނާތީ، ނަހުލާ ތައާރަފު ކުރާ އެކްޓަރުގެ ހުންނާނީ ކޮން ކަހަލަ ކޮލިޓީއެއްތޯ އެވެ؟ އެ ސުވާލަށް ނަހުލާ ދޭން ބޭނުންވި ޖަވާބަކީ މުހިއްމީ ލުކެއް ނޫން ކަމަށާއި ސްކްރިޕްޓް ޑިމާންޑް ކުރާ ވަރުގެ ކެރެކްޓާ ރޯލެއް ކުޅެވޭ ފެންވަރުގެ ހުނަރުވެރި އެކްޓަރަކު އޭނާ އާންމުންނަށް ދޫކޮށްލާނެ ކަމެވެ.

ޔަގީނުން ވެސް "ބޮސް" ގައި ޔުނާން ކުޅުނު ރާއީގެ ރޯލަށް އޭނާ ވަނީ ފުރިހަމަ އިންސާފުކޮށްދީ، ބެލުންތެރިންގެ ލޯބި ވެސް ހޯދައިފަ އެވެ. އެހެންވެ ނަހުލާ ދައްކުވައި ދޭން ރަނގަޅު އެކްޓިން ހުނަރު ޔުނާންގެ ފަރާތުން ދެއްކުވިއްޖެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

މުންކޮ ބޮޑު ސްކްރީނަށް އާ ވިޔަސް، އެކްޓިންގައި އޭނާ ފަހަތަށް ޖައްސައިލެވޭނެ މީހަކު މި ދާއިރާގައި އަދި ހުރި ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ޕަފޯމިން އާޓްސް އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ މުންކޮ ވަނީ އޭނާގެ އުފެއްދި ބައެއް ތިއޭޓަޕްލޭތަކުގައި އޭނާގެ އެކްޓިން ދައްކުވައި ދީފަ އެވެ.

އެޕްރީލް މަހުގެ 27 ގައި ސިނަމާ އަށް ގެނައި "އިލް ނޮއިސް" އަކީ މުންކޮ ހަމަ އެ ނަމުގައި ގެނެސް ދިން
ތިއޭޓަޕްލާއެއް ބޮޑު ސްކްރީން ފިލްމަކަށް ފައްކާކޮށްގެން ގެނެސް ދިން އޭނާގެ ފުރަތަމަ ފިލްމެވެ. އިސްމާއީލް ނިހާދު ޑައިރެކްޓް ކުރި "އިލް ނޮއިސް" ގައި މުންކޮ ކުޅުނު އެޑްވަޑް ބެނެވިކް ކެރެކްޓާއަކީ ފިލްމް ބެލި މީހުންނަށް ވަރަށް ކަމުދިޔަ ރޯލެކެވެ.

ސުވާލަކީ ކުރިއަށް އޮތް ތަނުގައި މުންކޮ ބޮޑު ސްކްރީނުން ދެން ފެންނާނެތޯ އެވެ؟

މިއީ ފިލްމީ ދާއިރާގައި ފަރިތަ ނަމެކެވެ. ހާއްސަކޮށް ފެޝަން ޑިޒައިނިން އާއި ނެށުމުގަ އެވެ. ޖާދު ސްކްރީނަށް އާ ނުވާ ސަބަބަކީ ކުރިން ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވާތީ އެވެ. ސެޕްޓެމްބަރު މަހުގެ 27 ގައި އެޅުވި "ނޭދެން ވަކިވާކަށް" އަކީ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ. އެކްޓްކޮށްލަން ލިބުނު ފުރުސަތު ބޮޑު މަސައްކަތް ވެސް މެ އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެކްޓަރު ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު، ޖާދު ސްކްރީން ހިއްސާކޮށް، އޭނާއާ އެއްވަރުގެ ރޯލެއް ކުޅެން ލިބުނު "ނޭދެން ވަކިވާކަށް" ގައި ޖާދު ކުޅުނު ނިޒާމް ކިޔާ ކެރެކްޓާއެކެވެ. ވިޔަފާރީގެ ގޮތުން މި ފިލްމަކީ މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް، ޖާދު މިހާރު ހުރީ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ނިންމައިގެންނެވެ. ދެެވަނަ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ނިންމައިފި އެވެ.

އެއީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ސަސްޕެންސް ތުރިލާ "ދެވަންސޫރަ" އެވެ.