11 ނޮވެމްބަރ 2017 - 11:32

މިދިޔަ މަހު އޮމާނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ގައުމީ ޓީމު ކުޅުނު މެޗުގައި ފެނިގެން ދިޔަ އެއް ބަދަލަކީ ގދ. ތިނަދޫ އަށް ކުޅޭ ޒުވާން ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ފުރަތަަމަ އެގާރައިގައި ހިމެނުމެވެ. އޭނާ އަށް ބޯޅަ ލިބޭ ކޮންމެ ފަހަރެއްގައި ދެއްކި ރަނގަޅު ކުޅުމަކީ އެ މެޗުގައި ފާހަގަކުރެވުނު ކަމެކެވެ.

މީގެ ކުރިން 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ދެއްކި ރިޒޭ ސީނިއާ ގައުމީ ޓީމަށް ކުޅުނު ދެ މެޗުގައި ވެސް އޭނާ ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ތެރެއިން އުމުރުން 22 އަހަރުގެ ރިޒޭ ބޮޑަށް ފާހަގަވީ ލާއޯސް އަތުން މޮޅުވި މެޗުގައި ދެއްކި ކުޅުމުންނެވެ.
ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނީ ޓީމުގައި ރަނގަޅު ޒުވާން ކުޅުންތެރިން އެބަހުރި ކަމަށާއި ފުރުސަތު ލިބޭ މިންވަރަކުން މި ކުޅުންތެރިންނަށް ޓީމުން ޖާގަ ދެމުން އަންނާނެ ކަމަށެވެ. އޮމާން މެޗުގައި އަލަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ރިޒޭ ދެއްކި ކުޅުމަށް ސްޓެވާޓް ވަނީ ތައުރީފް ކޮށްފަ އެވެ.
ރިޒޭ "މިހާރަ"ށް ބުނީ ހަމައެކަނި ލިބުނު ހިތްހަމަ ޖެހުމަކީ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެލަން ލިބުނު ފުރުސަތު ކަމަށެވެ.
"އެންމެ ބޭނުންވާ ގޮތަކަށް ނުކުޅެވުނު. އެކަމަކު ހިތްހަމަ ޖެހޭ ކުޅެލަން ލިބުނީމަ ވެސް އެކަހަލަ ވަރުގަދަ މެޗެއްގައި،" އޮމާން މެޗާ ބެެހޭ ގޮތުން ކ. ދިއްފުއްޓައް އުފަން ރިޒޭ ބުންޏެވެ.
ފުރަތަމަ މެޗުގެ އިތުބާރާ އެކު ރިޒޭ ހުރީ ފަސް އެނބުރި ބެލުމެއް ނެތި ކުރިއަށް ވިސްނައިގެންނެވެ. އަދި އިތުރު ފުރުސަތުތަކަށް އެދި އެވެ.
"އުއްމީދު ކުރަނީ ކުރިއަށް އޮތްތަނުގައި ބަރާބަރަށް ހުރިހާ މެޗަކުން 11 އިން ފުރުސަތު ލިބޭނެކަމަށް،" ރިޒޭ ބުންޏެވެ
އީގަލްސް ބެންޗުން 2015 ވަނަ އަހަރު ކެރިއަރު ފެށި ރިޒޭ ވަނީ އެ އަހަރު މެދުތެރެއިން ފެށިގެން އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަހޯދަން ފަށައިފަ އެވެ. އަދި މިދިޔަ އަހަރު ގަވައިދުން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެ، އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕް ޗެމްޕއަންކަން ހޯދައިދިން ލަނޑު ވެސް ކާމިޔާބުކުރި އެވެ.
މި އަހަރު އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް ކެޓި ނަމަވެސް ބޮޑެތި މެޗުތަކުގައި ރިޒޭ ވަނީ ތަފާތު ދައްކައިފަ އެވެ. ހާއްސަކޮށް ވަރުގަދަ މާޒިޔާއާ ދެކޮޅަށް ރިޒޭ ހެދި ހެޓްރިކް ފާހަގަކޮށްލެވެ އެވެ. އީގަލްސްއާ އެކު ދިވެހި ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ނެތުމުން ރިޒޭ ގުޅުނީ ތިނަދޫ ޓީމާ އެވެ. އެ ޓީމުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިއަކީ ރިޒޭ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ސުޒޭންއާ އެކު ރިޒޭ ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް އޭނާ ކުޅުނުއިރު ގައުމީ ޓީމާއި ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ވެލިޒާ ޕޮޕޯފް ވެސް އޭނާ އަށް އިރުޝާދު ދިނެވެ. މި ތިން ކޯޗުން ވެސް ވަނީ ރިޒޭގެ ހުނަރަށް ތައުރީފް ކޮށްފަ އެވެ.
އަންނަ އަންގާރަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ރާއްޖެ އަށް މުބާރާތަށް ކޮލިފައިވުމުގެ އަމިއްލަ ބާރު ނެތުމުން މި މެޗުގައި ބައެއް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.