11 ނޮވެމްބަރ 2017 - 01:26

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި، އެ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް މިރޭ ދީފި އެވެ.

މިދިޔަ އަހަރުން ފެށިގެން، އެމްއޭސީއެލް އިން ދެމުން އަންނަ "އެމްޑީ އެވޯޑްސް" ގެ ތިން ކެޓަގަރީ އަކުން މި އަހަރު ވަނީ އެވޯޑް ދީފަ އެވެ. އެއީ "އެމްޑީ އެވޯޑް ފޯ މޮޑެލް އެމްޕްލޯއީ"، "ކަސްޓަމާ ސާވިސް އެކްސެލެންސް" އަދި "ސޭފްޓީ" އެވެ.

އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ އެމްޑީ އެވޯޑް ފޯ މޮޑެލް އެމްޕްލޯއީ ލިބުނީ މުހައްމަދު ހުސައިން އަދި އިބްރާހިމް ތޯހާ އަށެވެ.
އެމްޑީ އެވޯޑް ފޯ ކަސްޓަމާ ސާވިސް އެކްސެލެންސް ލިބުނީ މުހައްމަދު ޝަރީފާއި އަބްދުއްރަހީމް އަބްދުއްރަހުމާން އަދި މުހައްމަދު އިބްރާހީމަށެވެ.
އެމްޑީ އެވޯޑް ފޯ ސޭފްޓީ ހާސިލް ކުރެއްވީ އިސްމާއިލް މަނިކާއި އަސްލަމް ވަހީދުގެ އިތުރުން އިލްޔާސް އަހުމަދަށެވެ.
އެންމެ ރަނގަޅު މުވައްޒަފުންނަށް އެވޯޑު ދެއްވުމަށް ފަހު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ގިނަ ކަންކަން ކޮށްދޭ ކުންފުނި ކަމަށެވެ.
"އޭގެ ނަތީޖާއަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ފުރަތަމަ ވަޒީފާ އަށް ވަން ގޮތަށް އަދިވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުން. މިތާ ގިނަ މެނޭޖަރުންނަކީ ވެސް ހަމަ އެގޮތަށް، ފުރަތަމަ ވަޒީފާ އަށް ވަދެ، ކުންފުނީގެ ގިނަ ކަންކަން ތަޖުރިބާކޮށްފައި ތިބި ބޭފުޅުން،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުން އެދޭ ގިނަ ކަންކަން އެމްއޭސީއެލް އިން އަންނަނީ ކޮށްދެމުންނެވެ. އެގޮތުން މުވައްޒަފުންނަށް އަޅައި ދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ފުޓްސެލް ދަނޑާއި ޖިމްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުންގެ ދަރިންނަށް ކިޔަވައި ދިނުމުގެ ފުރުސަތު ވެސް ދެމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި ކޮންމެ އަހަރަކު 10 މުވައްޒަފަކު ހައްޖަށް ފޮނުވައި، ލޯނު ސްކީމެއް ގާއިމްކޮށް، ހުރިހާ މުވައްޒަފުން އިންޝުއާ ކޮށްފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"އެހެން ކޮން ކުންފުންޏަކުންތޯ މުވައްޒަފުންގެ ދަރިންނަށް ކިޔެވުމުގެ ފުރުސަތު ދެއްވަނީ. އަޅުގަނޑުމެން އެ ފުރުސަތު މި ދެނީ. އޭރުން ބެލެނިވެރިންނަށް އެ ފުރުސަތު ނުލިބުނު ނަމަވެސް އެ ބޭފުޅެއްގެ ދަރިއަކަށް [އެމްއޭސީއެލް އިން] އެ ފުރުސަތު ދޭނެ،" އާދިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފަށާފައިވާ ބިޔަ މަޝްރޫއާ އެކު، އެމްއޭސީއެލްގެ މުވައްޒަފުންނަށް އިތުރު ފުރުސަތުތައް ލިބިގެން ދާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ "އެމްޑީ އެވޯޑް" އަކީ މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ. އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓުތަކުން އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ މި އެވޯޑަށް ނަން ހުށަހަޅަން ޖެހެނީ ޑިޕާޓްމަންޓުތަކުން ނުވަތަ އެ މުވައްޒަފަކު އަމިއްލަ އަށެވެ. އެގޮތުން ހުށަހަޅާ ނަންތައް ދިރާސާ ކުރަނީ އެ ކަމަށް ޚާއްސަ ކޮމެޓީ އަކުންނެވެ.
އެ ކޮމެޓީގެ ޗެއާމަން އިބްރާހިމް ހަރީފް މިރޭ ވިދާޅުވީ، އެމްއޭސީއެލްގައި 2،704 މުވައްޒަފުން މަސައްކަތް ކުރާ ކަމަށެވެ. އޭގެ ތެރެއިން، މިދިޔަ އަހަރު އެވޯޑަށް ހުށަހެޅީ 84 ނަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި އަހަރު އެ އަދަދު 171 އަށް އިތުރުވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ހަރީފް ވިދާޅުވި އެވެ.