ދިރާގުން އައިފޯން 10ގެ ޕްރީ އޯޑަރު ނަގަން ފަށަނީ
ދިރާގުން އައިފޯން 10ގެ ޕްރީ އޯޑަރު ނަގަން ފަށަނީ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 10ގެ ޕްރީ އޯޑަރު، މި މަހުގެ 24 އިން ފެށިގެން ނަގަން ފަށާނެ ކަމަށް ދިރާގުން ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އައިފޯން 10 އަށް ޕްރީ އޯޑަރު ކުރެވޭނީ ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. އަދި އޯޑަރު ދޭ ފޯނުތައް އަންނަ މަހުގެ އެކަކުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ވެސް ބުންޏެވެ.

ދިރާގުން އައިފޯން 10ގެ އޯޑަރު ނަގަން ފަށަން ނިންމި ނަމަވެސް، އޭގެ އަގުތައް އަދިއެއް ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން ބުނިގޮތުގައި އަގުތައް ހާމަކުރާނީ ޕްރީ އޯޑަރު ނަގަން ފަށާ ދުވަހު އެވެ.

ދިރާގުން ވަނީ އައިފޯން 10 އަކާ އެކު ނެރުނު އައިފޯން 8ގެ ފޯނުތައް ވެސް މީގެ ކުރިން ވިއްކަން ފަށައިފަ އެވެ.

ދިރާގުން އައިފޯން 10 ވިއްކަން ފަށަން ތައްޔާރުވަމުން އަންނައިރު، ބައެއް ފަރާތްތަކުން ރާއްޖޭގައި މިހާރު ވަނީ އެ ފޯނު ވިއްކަން ފަށައިފަ އެވެ.

އެނގިފައިވާ ގޮތުގައި މާލެ އަށް ފުރަތަމަ ގެނައި އައިފޯން 10 ވިއްކީ 35،000ރ. އަށް ވުރެ މަތީގެ އަގުތަކުގަ އެވެ. މިހާރު ވެސް އެ ފޯނުތަކުގެ އަގު އުޅެނީ 20،000ރ. އިން މަތީގަ އެވެ.

އެޕަލް އިން އައިފޯން 10 ވިއްކަނީ 64 ޖީބީގެ ފޯނެއް ނަމަ 999 ޑޮލަރު (15،404ރ) އަދި 256 ޖީބީގެ ފޯނެއް 1،149 ޑޮލަރު (17،717ރ) އަށެވެ.

އައިފޯނުގެ 10 އަކީ، އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ފޭސް އައިޑީ ފަދަ އާ ކަންކަން ހިމަނައިގެން ނެރުނު އައިފޯން 10 ގެ ޑިމާންޑް ބޮޑުވެ، މި މަހުގެ ކުރީކޮޅު ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުރިހާ ފޯނެއް ވިކި ހުސްވެފަ އެވެ.