10 ނޮވެމްބަރ 2017 - 12:28

ރިޔާޒް (ނޮވެމްބަރު 10) - ކޮރަޕްޝަނާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ 100 ބިލިއަން ޑޮލަރަށް އެކި ފަރާތްތަކުން ވޭތުވެދިޔަ އަހަރުތަކުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ސައުދީ އަރަބިއާގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބު ވިދާޅުވެއްޖެ އެވެ.
ސައުދީގައި އަލަށް އުފެއްދި ކޮރަޕްޝަނާ ދެކޮޅު ކޮމިޝަނުގެ މަސައްކަތް ހޮނިހިރު ދުވަހުގެ ރޭ ފަށައިގަތުމާ އެކު ތަހުގީގަށް މިހާތަނަށް 201 މީހުން ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއްވެސް މީހެއްގެ ނަން އޭނާ ވިދާޅެއް ނުވެ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި 11 ޕްރިންސަކާއި އެހާރާއި މިހާރުގެ ވަޒީރުންގެ އިތުރުން ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް ހިމެނެ އެވެ.
"ޚިޔާނާތް ސާބިތު ކުރެވޭ ވަރުގެ ވަރުގަދަ ހެކި ވަނީ ލިބިފައި،" ޝެއިޚް މުޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މީހުން ހައްޔަރުކުރި ނަމަވެސް ސައުދީގައި ހިންގާ ވިޔަފާރީގެ އެއްވެސް ހަރަކާތަކަށް ބުރޫ ނާރާނެ ކަމަށެވެ. އަދި ފްރީޒް ކުރަމުން ދަނީ މީސް މީހުންގެ އަމިއްލަ އެކައުންޓްތައް ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
މުޖީބު ވިދާޅުވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެރިއަކަށް ހަމަޖައްސާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ބާރަށް ކަމަށެވެ. އަދި ސުވާލު ކުރުމަށް ޓަކައި 208 މީހުން ހާޒިރުކޮށް އޭގެ ތެރޭން ހަތް މީހަކު ދޫކޮށްލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ސައުދީގައި ހިންގާފައިވާ ކޮރަޕްޝަން ވަރަށް ފުޅާ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ތެރޭ ކުރިއަށް ގެންދިޔަ ތަހުގީގުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ހިންގި ޚިޔާނާތް 100 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާ،" އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަހުގީގަށް ބަންދުކޮށްފައިވާ މީހުންނަށް ގާނޫނީ ހުރިހާ ހައްގެއް ފޯރުކޮށްދޭނެ ކަމަށާއި އެމީހުންގެ ޒާތީ އެއްވެސް މައުލޫމާތެއް އާއްމު ކުރަން ހަމަޖެހިފައި ނުވާ ކަމަށެވެ.
ހައްޔަރު ކުރި މަޝްހޫރު މީހުންގެ ތެރޭގައި ވަލީދުގެ އިތުރުން ނޭޝަނަލް ގާޑުގެ މިނިސްޓަރުކަމުގެ މަގާމުން ދުރުކުރި ކުރީގެ ރަސްގެފާން އަބްދުﷲ ގެ ދަރިކަލުން ޕްރިންސް މަތުއަބް ބިން އަބްދުﷲ އާއި އޭނާގެ ބޭބެ އަދި ރިޔާޒުގެ ކުރީގެ ގަވަރްނަރު ޕްރިންސް ތުރްކީ ބިން އަބްދުﷲ ހިމެނެ އެވެ. ހައްޔަރު ކުރި އެހެން މީހުންގެ ތެރޭގައި ޓީވީ ނެޓްވޯކް އެމްބީސީގެ ވެރިޔާ އަލް ވަލީދު އަލް އިބްރާހިމް، ސައުދީ އަރަބިއާގެ ޖެނެރަލް އިންވެސްޓްމަންޓް އޮތޯރިޓީގެ ކުރީގެ ވެރިޔާ އަމްރު އަލް ދައްބާގު، ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވައިޖިރު އަދި ސައުދީ ބިލް ލާދިން ގްރޫޕުގެ ޗެއާމަން ބަކްރު ބިން ލާދިން ހިމެނެ އެވެ.