10 ނޮވެމްބަރ 2017 - 11:21

ޒަގްރެބް، ކްރޮއޭޝިއާ (ނޮވެމްބަރު 10) - ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޔޫރަޕްގެ ޕްލޭ އޮފް ބުރުގެ ފުރަތަމަ މެޗުތަކުން މޮޅުވެ ކްރޮއޭޝިއާ އާއި ސްވިޒަލެންޑް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
ކްރޮއޭޝިއާ ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ގްރީސް ބަލިކޮށްފަ އެވެ. ނޮދަން އަޔަލެންޑް އަތުން ސްވިޒަލެންޑް މޮޅުވީ 1-0 އިންނެވެ.
ގްރީސްގެ ކީޕަރު އޮރެސްޓިސް ކަނެޒިސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިބުނު ޕެނަލްޓީ އަކުން ކްރޮއޭޝިއާ އަށް ލީޑުނަގައިިދިނީ ޓީމުގެ ކެޕްޓަން އަދި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް އެވެ. ނިކޮލަ ކަލިނިޗް ކްރޮއޭޝިއާގެ ލީޑުފުޅާކޮށްދީފައިވަނިކޮށް ގްރީސް އަށް މެޗުގެ އުއްމީދު އާ ކޮށްދިނީ ސޮކްރަޓިސް ޕަޕަސްތޮޕޮލޮސް ޖެހި ގޯލުންނެވެ.
އެހެން ނަމަވެސް އިވާން ޕެރިސިޗާއި އަންދްރޭ ކްރަމަރިޗްގެ ގޯލުގެ ތަކުން ކްރޮއޭޝިއާ ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.
ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑާލިޗް ބުނީ ފުރަތަމަ ލެގުން މޮޅުވި ނަމަވެސް އަދި ކޮލިފައިވުމުގެ މަސައްކަތް އެއްކޮށް ނުނިމޭ ކަމަށެވެ.
"އަދި މި ނިމުނީ އެންމެ ހާފެއް. އަދި ދެކިގެން ނުވާނެ އަހަރެމެންނަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުނު ކަމަށް. އެއްވެސް ކަމެއް އަދިއެއް ނުނިމޭ،" ލަޓްކޯ ބުންޏެވެ.
ގްރީސްގެ އެތަންސްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެރޭގަ އެވެ.
ރޭ ކުޅުނު ކޮލިފައިން ޕްލޭއޮފް އަނެއް މެޗުގައި ނޮދަން އަޔަލެންޑް އަތުން ސްވިޒަލެންޑް މޮޅުވީ ދެ ވަނަ ހާފުގައި ރިކާޑޯ ރޮޑްރިގޭޒް ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ނޮދަން އަޔަލެންޑްގެ ކޯރީ އެވާންސް އަތުގައި ބޯޅަ ޖެހުނު ކަމަށް ދިން ޕެނަލްޓީ އެކެވެ. އެހެން ނަމަވެސް ބޯޅަ ޖެހުނީ އެވާންސް ކޮޑުގައި ކަމަށް ބުނެ ނޮދަން އަޔަލެންޑުން ވަނީ ވަރަށް ބޮޑަށް އެޕީލް ކޮށްފަ އެވެ.
މެޗަށް ފަހު ނޮދަން އަޔަލެންޑްގެ ކޯޗު މައިކަލް އޮނީލް ބުނީ މިއީ ވަރަށް އިންސާފެއް ނެތް ނަތީޖާއެއް ކަމަށެވެ.
"އަހަރެމެން ރަނގަޅަށް ކުޅުނީ. އެކަމަކު ހުރިހާ ކަމެއް މި ނިމުނީ އަހަރެމެންނާ ދެކޮޅަށް. ރެފްރީ އަށް އެންމެ ރަނގަޅަށް ނުފެންނަ ބޯޅައެއް އަތުގައި ޖެހިފައި ކަމަށް ޕެނަލްޓީއެއް ދީގެން މެޗު މި ނިންމީ މިއީ އިންސާފެއް ނޫން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި އަންނަ އާދިއްތަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ކުޅޭ އެންމެ މުހިއްމު އެއް މެޗަށް ވެގެންދާނެ ކަމަށެވެ.