09 ނޮވެމްބަރ 2017 - 21:11

އެއްވެސް މީހަކަށް ރިޝްވަތުގެ ފައިސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ފައިސާއެއް ހަވާލު ނުކުރައްވާ ކަމަށް، އެކަމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމުގެ ތުހުމަތު ކުރެވުނު އަހުމަދު ޝާފިއު ބުނެފި އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސަށް ދައުވާ އުފުލައި، ޝަރީއަތް ހިންގަމުން ދާއިރު، ޝާފިއުއަކީ ފާރިސް ހަވާލުކުރި ކަމަށް ބުނާ ރިޝްވަތުގެ ފައިސާ މެމްބަރަށް ދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރި ކަމުގެ ތުހުމަތު ކުރެވުނު މީހާ އެވެ. އެ މައްސަލާގައި ޝާފިއު ހައްޔަރުކޮށް، ފަހުން ދޫކޮށްލާފައި ވަނިކޮށް އޭނާގެ މައްޗަށް ދައުވާ ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
ރާއްޖެއިން ބޭރުގައި ހުރެގެން ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޝާފިއު ބުނީ ފާރިސަކީ އޭނާ ދަންނަ މީހެއް ނަމަވެސް އެއްވެސް ގުޅުމެއް އޭނާއާ ދެމެދު ނޯންނާނެ ކަމަށާއި އެއްވެސް ފައިސާއެއް އެއްވެސް މީހަކަށް ދޭން ފާރިސް އޭނާއާ ހަވާލު ނުކުރައްވާ ކަމަށެވެ. އެކަން ފުލުހުންނަށް ދިން ބަޔާނުގައި ވެސް ބުނެފައިވާނެ ކަމަށާއި އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އެއްޗެއް އޮތް ކަމަށް ދައުލަތުން ބުންޏަސް އެފަދަ އޯޑިއޯއެއް ނޯންނާނެ ކަމަށް ޝާފިއު ބުންޏެވެ.
"ބައެއް ޖަލްސާތަކުން ފެނުނީމަ ހަމައެކަނި ހައި ޖަހާލުން ފިޔަވައި އިތުރު އެއްވެސް ރިލޭޝަނެއް ނޯންނާނެ ފާރިސާ އެކު. އަޅުގަނޑު މެދުވެރިއެއްގެ ނަމުގައި ދިން ކަމަށް ވަންޏާ، އަޅުގަނޑަށް ދައުވާކޮށްފައޭ ފާރިސަށް ދައުވާ ކުރަން ޖެހޭނީ. އޭރު ވެސް އަދި މިހާރު ވެސް އަޅުގަނޑު ބުނަމުންދާ ވާހަކައަކީ އެއީ،" ޝާފިއު ބުންޏެވެ.
ޝާފިއު ބުނި ގޮތުގައި ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާއަށް އެކި ގޮތްގޮތުން ދަނީ އިންޒާރުތައް ލިބެމުންނެވެ. އެކަމަކު ފާރިސް ނުކުރާ ކަމަކަށް ހެކިބަސް ނުދެވޭނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ ޝާފިއު ބުންޏެވެ.
ޝާފިއު މެދުވެރިކޮށް ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ މެމްބަރުގެ މައުލޫމާތު ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ، ފާރިސް ރިޝްވަތު ދިން ކަމަށް ބުނަނީ މަޖިލީހުގެ ކޮން މެމްބަރަކަށް ކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެ އެވެ.