ނިންމާފައި އޮތް ފިލްމަކުން ކެވިން ސްޕޭސީ ބާކީކޮށް އަލުން ޝޫޓްކުރަނީ
ނިންމާފައި އޮތް ފިލްމަކުން ކެވިން ސްޕޭސީ ބާކީކޮށް އަލުން ޝޫޓްކުރަނީ

އެމެރިކާގެ އެކްޓަރު ކެވިން ސްޕޭސީ ކުޅެ ނިންމާފައި އޮތް ފިލްމަކުން އޭނާ ބާކީކުރުމަށް ފަހު އޭނާގެ މަންޒަރުތައް އަލުން ޝޫޓްކުރަން ނިންމައިފި އެވެ. "އޯލް ދަ މަނީ އިން ދަ ވޯލްޑް"ގައި ސްޕޭސީ އަދާކުރި ދައުރު އެހެން މީހަކަށް ދޭ ގޮތަށް ހަމަޖެއްސީ ސްޕޭސީ އަށް އަމާޒުވެފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ސަބަބުންނެވެ.

ތެލުގެ ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ޖޭ. ޕޯލް ގެޓީގެ ގޮތުގައި، ސްޕޭސީގެ ބަދަލުގައި، ދެން ފެންނާނީ ތަޖުރިބާކާރު އެކްޓަރު ކްރިސްޓޮފާ ޕްލަމާ އެވެ. އެ މަންޒަރުތައް އަލުން ނަގާ ގޮތަށް ނިންމި ނަމަވެސް ކުރިން ވެސް ހަމަޖެހިފައި އޮތް ގޮތަށް ޑިސެމްބަރު 22ގައި ފިލްމު ރިލީޒްކުރާނެ އެވެ.

ރިޑްލީ ސްކޮޓް ޑައިރެކްޓްކުރާ "އޯލް ދަ މަނީ އިން ދަ ވޯލްޑް"ގައި ދައްކަނީ 1973ގައި ގެޓީގެ ކާފަ ދަރިއަކު ކިޑްނެޕްކުރި ހާދިސާ އެވެ.

"ވެރައިޓީ" އިން ބުނާގޮތުގައި މި ފިލްމުގައި ސްޕޭސީ ކުޅެފައިވާ މަންޒަރުތައް ނަގަން ދެ ހަފްތާ ހޭދަކޮށްފައިވާ އިރު އޭގެ ތެރެއިން ގިނަ ސީންތަކެއްގައި ހަމައެކަނި ފެންނަނީ ވެސް އޭނާ އެވެ. ސެޕްޓެމްބަރު މަހު އާއްމުކުރި ޓްރެއިލާގައި ވެސް ސްޕޭސީ ވަރަށް ބޮޑަށް ދައްކަ އެވެ.

ފިލްމުގެ އެހެން ތަރިން ކަމަށްވާ މާކް ވޮލްބާގް އާއި މިޝެލް ވިލިއަމްސް ވެސް، އަލުން ޝޫޓްކުރާ މަންޒަރުތަކުގައި ބައިވެރިވާނެ އެވެ.

މި މަހު ލޮސް އެންޖެލިސްގައި ބާއްވާ އެމެރިކަން ފިލްމް އިންސްޓިޓުއުޓްގެ އަހަރީ ފެސްޓިވަލުން މި ފިލްމު މިހާރު ވަނީ ނަގައިފަ އެވެ.

ސްޓާ ޓްރެކްގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް އޮކްޓޯބަރު 30ގައި ސްޕޭސީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި ފަހުން ސްޕޭސީގެ ކެރިއަރު ވަނީ އަޑިއަޅާލައިފަ އެވެ. ރެޕް ބުނެފައިވާގޮތުގައި އޭނާގެ އުމުރުން 14 އަހަރުގައި ސްޕޭސީ ވަނީ އޭނާއާ ބެހެން އުޅެފަ އެވެ. އޭގެ ފަހުން އިތުރު މީހުން ވެސް އަންނަނީ ސްޕޭސީގެ މައްޗަށް މިފަދަ ތުހުމަތުތައް ކޮށް ވާހަކަދައްކަމުންނެވެ.

އެކަމާ ގުޅިގެން ނެޓްފްލިކްސް އިން ވަނީ ސްޕޭސީއާ އެކު "ހައުސް އޮފް ކާޑްސް" ސިލްސިލާ ކުރިއަށް ނުގެންދާނެ ކަމަށް ބުނެފަ އެވެ. އަދި ސްޕޭސީ އަށް ދޭން ހަމަޖެހިފައި އޮތް ޚާއްސަ އެމީ އެވޯޑެއް ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ އިތުރުން ސްޕޭސީގެ އޭޖެންޓާއި ޕަބްލިސިސްޓް ވެސް ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

އެކްޓަރަކު މަރުވުން ނުވަތަ ބަލިވުން ފަދަ ކަމެއް ދިމާވެގެން ފިލްމަކުން އެ މީހެއްގެ މަންޒަރުތައް އުނިކުރުމަކީ އާދަޔާޚިލާފު ކަމެއް ނޫނެވެ. އެކަމަކު އެފަދަ ކަމެއް ދިމާނުވެ އަދި ދުނިޔޭގައި ވެސް ހުރި އެކްޓަރަކު ބާކީކޮށްފައި އެހެން މީހަކު ލައްވައި އެ ރޯލު އަލުން ކުޅުވުމަކީ ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ. ޚާއްސަކޮށް ފިލްމެއް ރިލީޒްކުރުމާ މިހާ ކައިރީގައި އަދި ޓްރެއިލާ އިން ވެސް އެ އެކްޓަރު ފެނިފައި ވަނިކޮށް މިފަދަ ކަމެއް ވަރަށް ނުހިނގަ އެވެ.