ކެޓަލޯނިއާގައި އިއުލާންކުރި މިނިވަންކަން ސްޕޭން ކޯޓުން ބާތިލްކޮށްފި
ކެޓަލޯނިއާގައި އިއުލާންކުރި މިނިވަންކަން ސްޕޭން ކޯޓުން ބާތިލްކޮށްފި

މެޑްރިޑް (ނޮވެމްބަރު 9) - ކެޓަލޯނިއާގައި ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ އެއްގޮތަށް އެ ސްޓޭޓުގައި އިއުލާންކުރި މިނިވަންކަން ސްޕޭނުގެ ދުސްތޫރީ ކޯޓުން ބާތިލްކޮށްފި އެވެ.

ކެޓަލޯނިއާގެ ޕާލަމެންޓުން މިނިވަންކަން އިއުލާން ކުރީ އޮކްޓޯބަރު 27 ގަ އެވެ. މިނިވަންކަން އިއުލާންކޮށްފައި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު ނެގި ވޯޓަކީ ގާނޫނާ ޚިލާފު ވޯޓެއް ކަމަށް ސްޕޭނުގެ ދުސްތޫރީ ކޯޓުން ބުނެފައި ވަނިކޮށެވެ. ކެޓަލޯނިއާ ސަރުކާރުން ބުނެފައި ވަނީ ވޯޓުލީ މީހުންގެ 90 ޕަސެންޓް ވަނީ ސްޕޭނުގެ ބާރުގެ ދަށުން މިނިވަންވުމަށް ތާއީދުކޮށްފައިވާ ކަމަށެވެ.

މިނިވަންކަން އިއުލާން ކުރުމާ އެކު ސްޕޭނުން ވަނީ ކެޓަލޯނިއާގެ ސަރުކާރާއި ޕާލަމެންޓް އުވާލައިފަ އެވެ. ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުޖްޑެމޮން އާއި ވަޒީރުން ސްޕޭނުގެ ހައި ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް އެ އަމުރަށް އިޖާބަދީފައި ވަނީ ބައެއް މީހުންނެވެ. ކޯޓަށް ހާޒިރުވި މީހުން ވަނީ ޝަރީއަތް ކުރިއަށްދާ އިރު ބަންދުގައި ބެހެއްޓުމަށް އަންގައިފަ އެވެ. ޕުޖްޑެމޮން އާއި ހަތަރު ވަޒީރަކު ބެލްޖިއަމް އަށް ވަޑައިގެން އެ ގައުމުގައި މަޑުކުރެއްވުމާ އެކު އެ މީހުން ހައްޔަރު ކުރުމުގެ ޔޫރަޕިއަން އެރެސްޓް ވޮރެންޓް ސްޕޭނުގެ ހައި ކޯޓުން މިހާރު ވަނީ ނެރެފަ އެވެ.

ކެޓަލޯނިއާގައި އާ އިންތިޚާބެއް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހު 21 ވަނަ ދުވަހު އެވެ.