09 ނޮވެމްބަރ 2017 - 15:46

ރިޔާޒް (ނޮވެމްބަރު 9) - ސައުދީ އަރަބިއާގެ ކުރީގެ ވަލީ އަހުދު މުހައްމަދު ބިން ނާއިފްގެ ބޭންކް އެކައުންޓްތައް ފްރީޒް ކޮށްފި އެވެ.
ނާއިފް އަކީ ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ބުނެ ސައުދީން މިހާރު ފަށާފައިވާ މަސައްކަތުގައި އެންމެ ފަހުން އަމާޒަކަށް ހެދި ޝާހީ އާއިލާގެ މެންބަރެވެ. ވަލީ އަހުދުގެ މަގާމުން މިދިޔަ ޖޫން މަހު ނާއިފް ދުރު ކުރުމަށް ފަހު އެ މަގާމަށް ހަމަޖައްސާފައި ވަނީ ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާނެވެ. ޕްރިންސް ނާއިފް އާއި ވަލީ އަހުދު މުހައްމަދަކީ ދެބެންގެ ދެދަރި ބޭފުޅުންނެވެ.
ރޮއިޓާސް އިން ބުނީ ނާއިފްގެ އިތުރުން އޭނާގެ ތިމާގެ ބޭފުޅުންގެ ބޭންކް އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފައި ކަމަށެވެ.
މި ހަފުތާ ފެށުނު ފަހުން ވަނީ ސައުދީ ޝާހީ އާއިލާގެ ގިނަ މެންބަރުންތަކެއް ހައްޔަރު ކުރަން ފަށައިފަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އުފެއްދި ކޮމިޝަނުން ފުރަތަމަ ދުވަހު ވަނީ 11 ޕްރިންސުންނާއި ހަތަރު ވަޒީރުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ބިލިއަނަރު އަލް ވަލީދު ބިން ތަލާލް އާއި ނޭޝަނަލް ގާޑުގެ ވަޒީރުކަމުން ދުރުކުރި ޕްރިންސް މިތާބް ބިން އަބްދުﷲ އާއި އިކޮނޮމިކް މިނިސްޓަރުގެ މަގާމުން ވަކިކުރި އާދިލް ފާގިހު ހިމެނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ވަނީ 1،700 އެކައުންޓް ފްރީޒްކޮށްފަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް ހެދި ކޮމިޝަނުގެ ވެރިޔަކީ ވަލީ އަހުދު މުހައްމަދެވެ.
ވަލީ އަހުދުގެ މަގާމުން ދުރުކުރި ފަހުން ނާއިފް އާއްމުންގެ ތެރޭން ފެނިފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވި ޕްރިންސް މަންސޫރު ބިން މުގްރިން އަލް ސައުދުގެ ޖަނާޒާގަ އެވެ.