ޒިމްބާބުވޭގެ މައި އެއާޕޯޓަށް މުގާބޭގެ ނަން ދީފި
ޒިމްބާބުވޭގެ މައި އެއާޕޯޓަށް މުގާބޭގެ ނަން ދީފި

ހަރާރޭ (ނޮވެމްބަރު 9) - ޒިމްބާބުވޭގެ މައި އެއާޕޯޓަށް އެ ގައުމުގެ ރައީސް ރޮބަޓް މުގާބޭގެ ނަމުން ރަސްމީކޮށް ނަން ދީފި އެވެ.

ހަރާރޭ އިންޓަނޭޝަނަލް އެއާޕޯޓަށް މީގެ ފަހުން ދެން ކިޔާނީ ރޮބަޓް ގަބްރިއަލް މުގާބޭ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެއާޕޯޓުގެ ނަން ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ފޮޓޯތައް އެ ގައުމުގެ ބައެއް ނޫސްތަކުން ޝެއާކޮށްފައިވެ އެވެ.

ޒިމްބާބުވޭ އެއާޕޯޓުގެ ނަން ބަދަލުކުރިކަން އެންގުމަށް އެ ގައުމުގެ އޭވިއޭޝަން އޮތޯރިޓީން ފޮނުވި ސިޓީ ވަނީ ގިނަ ބަޔަކު ޓްވިޓާގައި ޝެއާކޮށްފަ އެވެ.

މުގާބޭ، 93، ގެންދަވަނީ 1980 ވަނަ އަހަރުން ފެށިގެން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންނެވެ. އަންނަ އަހަރު އޮންނަ އިންތިޚާބުގައި ވެސް މުގާބޭ ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ. އޭނާ އަށް އެންމެ ބޮޑަށް ޗެލެންޖް ކޮށްފާނެހެން ހީވާ ނައިބް ރައީސް އެމާސަން ނަންގަގްވާ ވަނީ މި ހަފުތާގައި މަގާމުން ދުރުކޮށްފަ އެވެ. އޭނާ މަގާމުން ދުރުކުރީ ގައުމަށް ބޭވަފާތެރިވި ކަމަށް ބުނެ އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ނަންގަގްވާ މަގާމުން ދުރުކުރުމުގެ ފަހަތުގައި ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ އެވެ.