ދަންވަރު ކެއުމުން ހަކުރުބަލީގެ ނުރައްކާ އިތުރުވޭ
ދަންވަރު ކެއުމުން ހަކުރުބަލީގެ ނުރައްކާ އިތުރުވޭ

ރޭގަނޑު ނިދާފައި އޮވެފައި ވެސް ބަނޑުހައިވެގެން ހޭލެވި ކޮންމެވެސް އެއްޗެއް ކާން ބޭނުންވާ މީހުން އުޅެ އެވެ. ފަހުގެ ހޯދުންތަކަށް ފަހު ސައިންސްވެރިން ބުނަނީ މިއީ ވަރަށް ނުރަނގަޅު އާދައެއް ކަމަށާއި މިކަމުގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.

ދަންވަރު ގަޑީގައި ކެއުމުން ހިތުގެ ބައްޔާއި ހަކުރު ބަލީގެ ނުރައްކާ އިތުރުވެ އެވެ.

މިކަމާ ގުޅޭ ގޮތުން މެކްސިކޯ ޔުނިވަސިޓީގެ ސައިންސްވެރިން ހެދި ދިރާސާގައި މީދަލުގެ ލޭގައި ޓްރިގްލިސަރައިޑްސް ކިޔާ ފެޓެއް ހުރި މިންވަރު ބެލި އެވެ.

މި ހޯދުމުން ދެއްކި ގޮތުގައި މީދާތައް ނިންދަވާފައި ބައިތިއްބާފައި ހޭލައްވައިގެން ކާން ދިނުމުން ލޭގައި މި ވައްތަރުގެ ސަރުބީ ހުރި މިންވަރު ކުއްލިއަކަށް މާ މަތިވެ އެވެ. އަދި ކުރިން ކާން ދީފައި ތިބި މީދާ ތަކަކަށް މި މައްސަލައެއް ދިމައެއް ނުވެ އެވެ. އަދި މީދާތަކުގެ ސިކުނޑީގައިވާ 24-ގަޑިއިރު ސައިކަލް ނަގާފައި ދެން މި ގަޑީގައި ކާން ދިނުމުން އޭގެ ފެޓް ލެވެލް އަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ލޭގައި ފެޓްގެ ލެވެލް މަތިވުމަކީ ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހެން މެދުވެރިވާ ސަބަބެކެވެ. މިއީ އިންސާނުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ޖެހޭ ބަލި ބައްޔެވެ. ސަބަބަކީ ބައިލޮޖިކަލް ކްލޮކް އަށް އަޅާނުލައި ރޭގަނޑާއި ދަންވަރު ވެސް މީހުން ކައިބޮއެ އުޅޭތީ އެވެ.

އެކްސްޕެރިމެންޓަލް ފިޒިއޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން އަހަރެމެންގެ ސިއްހަތަށް ގެއްލުންވާ ގޮތް މެދުވެރިވަނީ ނިދަން ކަނޑައަޅާފައި އޮންނަ ގަޑީގައި ނުނިދާ ކާތީ އެވެ.