09 ނޮވެމްބަރ 2017 - 14:38

ދާރުއްސަލާމް (ނޮވެމްބަރު 9) - ޓެންޒޭނިއާގެ އުތުރުގެ ހިސާބެއްގެ ސްކޫލެއްގެ ތެރޭގައި ކިޔަވާ ކުދިންތަކެއް އަތު ބޮމަކާ ކުޅެނިކޮށް އެ ބޮން ގޮވާ ހަ ކުދިން މަރުވެ 25 ކުދިން ޒަޚަމްވެއްޖެ އެވެ.
މަންޒަރުދުށް މީހުން ބުނި ގޮތުގައި ގޮވާފައި ވަނީ ކިޔަވާ ކުދިންތައް ހޮވައިގެން ސްކޫލަށް ގެންދިޔަ ބޮމެކެވެ. ތިން ކުއްޖަކު ވަނީ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފަ އެވެ. އަނެއް ތިން ކުދިން މަރުވީ އެ ކުދިންނަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި ކުދިންގެ އުމުރު ހާމަކޮށްފައެއް ނުވެ އެވެ.
މަރުވި ކުދިން ނިސްބަތް ވަނީ ބުރުންޑީ ބޯޑަރާ ކައިރީގައިވާ ސްކޫލަކަށެވެ. ޓެންޒޭނިއާގައި ހުރި ބީބީސީގެ ރިޕޯޓަރަކު ބުނީ ބޮން ގޮވި ސްކޫލް ހިމެނޭ ސަރަހައްދުގައި ބުރުންޑީގެ ރެފިއުޖީން ގިނަ އަދަދަކަށް އުޅޭ ކަމަށެވެ. އަދި އެއީ ހަތިޔާރުގެ ޓްރާންސިޓް ޕޮއިންޓެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ބޮން ގޮވި ކަގެރާ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ އެ ހާދިސާ ހިނގުމާ އެކު ސަލާމަތީ ޓީމެއް ސްކޫލަށް ފޮނުވާފައިވާ ކަމަށެވެ.