05 ޖުލައި 2016 - 11:00

މެލޭޝިއާގެ ޕީޑީއާރްއެމް ދޫކޮށްލުމަށް ފަހު މި ވަގުތު މާލޭގައި ހުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެންދަން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ވާހަކަތައް ފަށައިފި އެވެ.

މާޒިޔާގެ އޮފިޝަލަކު "މިހާރަ"ށް ވާހަކަދައްކަމުން ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެ ކްލަބުގެ ފެހި ޖާޒީގައި ކުޅުވަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ.
"އަޅުގަނޑުމެން ދަގަނޑޭ ގެންދަން ވަރަށް ބޮޑަށް ޝައުގުވެރިވޭ. އޭނާއާ މަޝްވަރާކުރަމުން މި އަންނަނީ. އެކަމަކު އަދި ވަކި ގޮތެއް ނުނިމޭ،" އޭނާ ބުންޏެވެ.
އަނިޔާއަކާ ގުޅިގެން ޕީޑީއާރްއެމް ދޫކޮށްލި ދަގަނޑޭ އަންނަނީ އޭނާގެ ފިޓްނަސް ފެންވަރު ބެލުމަށް މާޒިޔާގެ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
"ބޮޑު އަނިޔާއަކުން އޭނާ ރިވަވާވަމުން އަންނަނީ. އެހެންވެ ފިޓްނަސް ފެންވަރު ހުރި ގޮތެއް ބަލަން ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަނީ،" އޮފިޝަލް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ދަގަނޑޭ ގެންދަން އޭނާގެ ކުރީގެ ކްލަބް ވެލެންސިއާ އިން ވެސް ވާހަކަދެއްކި އެވެ. އެކަމަކު އެއްބަސްވުމަކަށް ނާދެވުނީ އެވެ. ދަގަނޑޭ ގެންދާ ކްލަބަކަށް އަންނަ ހަފުތާގައި ފަށާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި އޭނާގެ ނަން ޓީމު ލިސްޓުގައި ޖެހޭނެ އެވެ. މާނައަކީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ފެށިގެން ދަގަނޑޭ އަށް އެ ޓީމަކަށް ކުޅުމުގެ ފުރުސަތު އޮތުމެވެ.
ވެލެންސިއާ އިން 2001 ވަނަ އަހަރު ކެރިއަރު ފެށި ދަގަނޑޭ 2014 ވަނަ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމްއާ ގުޅުނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި ވީބީ ސްޕޯޓްސްއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެލޭޝިއާ އަށް ބަދަލުވެ ފުރަތަމަ ސީޒަނުގައި އެ ޓީމަށް މެލޭޝިއާގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދި އެވެ.
މޭ މަހު އޭނާ ޕީޑީއާރްއެމް ދޫކޮށްލީ އަނިޔާއަކަށް ފަރުވާ ހޯދުމަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ ދެ ފަރާތުން އެއްބަސްވެގެންނެވެ. ދަގަނޑޭ އޭރު ބުނީ، އަނިޔާ އިން ސަލާމަތްވުމަށް ފަހު ކެރިއަރާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓް އެތައް ފަހަރަކު ހޯދާފައިވާ ދަގަނޑޭ ވަނީ އޭނާ ރާއްޖޭގައި ކުޅުނު ކޮންމެ ކްލަބަކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ރާއްޖޭގައި ކުޅުނު ފަހު ސީޒަނުގައި، 2013 ގައި ނިއު އިން ހުރިހާ މެޗަކުން މޮޅުވެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެ ފަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު ބޮޑު ހިއްސާއެއްވި އެވެ.