10 ނޮވެމްބަރ 2017 - 07:55

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމް ކުރިއަށް އޮތް އިރު، ޑެނިއަލް ކްރެއިގް ފަސް ވަނަ ފަހަރަށް އިނގިރޭސީ ޖާސޫސީ އެޖެންޓްގެ ރޯލުން ފެންނާނެކަން މިހާރު އޮތީ ކަށަވަރުވެފަ އެވެ. އަދި ފިލްމް ރިލީޒް ކުރާ ތާރީހު ވެސް އޮތީ ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ. އެއީ ނޮވެމްބަރު 8، 2019 އެވެ.

ފިލްމާ ބެހޭ ގޮތުން އަދި ޔަގީން ނުވާ ކަންކަމުގެ ތެރޭގައި ފިލްމްގެ ނަމާއި ޑައިރެކްޓަރާއި ބަތަލާ ވެސް ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ކްރެއިގް ވަނީ 2015 ގައި ރިލީޒް ކުރި ބޮންޑްގެ އެންމެ ފަހުން ފިލްމް "ސްޕެކްޓްރާ" ގެ ބަތަލާ މޮނިކާ ބެލޫޗީ ފިލްމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ ޕްރޮޑަކްޝަނުން ޓީމުން މިހާރު ވަނީ މޮނިކާ "ބޮންޑް ގާލް" ގެ ގޮތުގައި ދެވަނަ ފަހަރަށް ސްކްރީނަށް ގެންނަން މަސައްކަތް ފަށާފައި ކަމަށްވެ އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ނޫސްވެރިން މޮނިކާއާ ސުވާލު ކުރުމުން އޭނާ ވަނީ އެއަށް ޖަވާބެއް ދޭން އިންކާރުކޮށްފަ އެވެ.
"ނެތް ތިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެވޭކަށް،" ރޯމްގައި އަންގާރަ ދުވަހު އޭނާ ބުންޏެވެ.
މޮނިކާގެ ތަރުޖަމާނާ ހަވާލާދީ ވެރައިޓީން ބުނެފައި ވަނީ "ބޮންޑް ގާލް" ގެ ގޮތުގައި އޭނާ އަލުން ފެނިދާތޯ ސުވާލު ކުރުމުން އެ ވާހަކަ އޭނާ ދޮގެއް ވެސް އަދި ތެދެއް ވެސް ނުކުރި ކަމަށެވެ. އެހެންވެ ބެލެވޭ ގޮތުން އެ ރޯލް މޮނިކާ ވަނީ ހުށަހަޅައިފަ އެވެ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އޭނާއަކީ މިހާތަނަށް ބޮންޑް ގާލް ކުޅުނު އުމުރުން އެންމެ ދުވަސްވީ ބަތަލާކަމެވެ. "ސްޕެކްޓްރާ" ކުޅުނު އިރު، މޮނިކާ އުމުރުން 51 އަހަރެވެ. އަނެއްކޮޅުން އެކްޓަރު ކްރެއިގަށް ވުރެ ވެސް އޭނާ ދޮށްޓެވެ. ކްރެއިގަށް މިހާރު 49 އަހަރެވެ.
ބޮންޑްގެ ކުރިއަށް އޮތް ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ކްރެއިގް ޓައިޓްލް ރޯލް ކުޅުނު ހަތަރު ފިލްމްގެ ސްކްރީންޕްލޭ ވެސް ލިޔުނު ނީލް ޕްރްވިޒް އާއި ރޮބަޓް ވޭޑް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ފިލްމް ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ 2014 ގައި ރިލީޒް ކުރި ފިލްމް "71" ގެ ފްރާންސްގެ ޑައިރެކްޓަރު ޔެން ޑެމެން އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރާ "ވައިޓް ބޯއި ރިކް" އެވެ.