10 ނޮވެމްބަރ 2017 - 07:49

ގަތަރުގެ ދޯހާ އިން އިންޑޮނީޝިއާގެ ބާލީއަށް ދަތުރުކުރި ގަތަރު އެއާވޭޒް ފްލައިޓެއް ތެރޭގައި މިދިޔަ އާދިއްތަ ދުވަހު ދެމަފިރިއެއްގެ ޒުވާބު ހޫނުވެ އިންޑިއާގެ ޗެންނައި އަށް އިމަޖެންސީގައި ފްލައިޓް ޖައްސައިފި އެވެ.
އީރާނުގެ މި ދެމަފިރިންގެ މެދުގައި މައްސަލަ ޖެހުނީ ފިރިހެން މީހާގެ ފޯނުން އަންހެންމީހާއަށް ފެނުނު ފޮޓޯތަކަކާއި މެސެޖްތަކަކުން، ފިރިމީހާ ބޭވަފާތެރިވާކަން ފަޅާ އެރުމުންނެވެ. ފިރިހެންމީހާގެ ފޯނު އަންހެންމީހާ ހުޅުވީ ފިރިހެން މީހާއަށް ނިދިފައި އިން ވަގުތު އޭނާގެ ފިންގަޕްރިންޓް ފޯނުގެ ހޯމް ބަޓްންގައި ޖައްސައިގެންނެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި ދެމަފިރިން ފްލައިޓްގައި ތިބީ ކުޑަ ދަރިއަކު ވެސް ގޮވައިގެންނެވެ.
އަންހެންމީހާ މަސްތުގެ ހާލުގައި އިނދެ ފިރިހެންމީހާއާ އަރާރުންވެ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެއްދި އެވެ. ބޯޓުގެ ކުރޫން އަންހެން މީހާ މައިތިރިކުރަން ވަރަށް މަސައްކަތް ކުރި ކަމަށް ވެސް ނޫހުގައިވެ އެވެ.
ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން މަތިންދާބޯޓު އިމަޖެންސީގައި ޖެއްސީ އެވެ. ޗެއްނާއީ އަށް ބޯޓު ޖައްސައި މި ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު ބޯޓުން ބޭލުމަށް ފަހު ފުރައިގެން ދިޔައީ އެވެ.
މި މީހުންގެ އެއްވެސް ސެކިއުރިޓީ މައްސަލައެއް ނެތުމުން އެމީހުންނަށް ހަމަ ވަގުތުން ކުއާލާ ލަމްޕޫރަށް ދިއުމުގެ ފުރުސަތު ލިބުނެވެ. އެތަނުން އެމީހުން ވަނީ ދޯހާއަށް އެނބުރި ގޮސްފަ އެވެ.
ގަތަރު އެއާވޭޒް އިން ޓައިމްސް އޮފް އިންޑިއާ އަށް ބުނި ގޮތުގައި ފަސިންޖަރުންގެ ޕްރައިވަސީ އަށް އިހްތިރާމް ކުރުމުގެ ގޮތުން އެކަމާ ގުޅޭ ގޮތުން އެ އެއާލައިނުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ.