ބިގް ބޮސް 11: ހީނާ އާއި ހިތެން ވެސް ޖަލަށް
ބިގް ބޮސް 11: ހީނާ އާއި ހިތެން ވެސް ޖަލަށް

ބިގް ބޮސް 11 ގައި މިހާތަނަށް ނުފެންނަ ވަރުގެ ބޮޑު އަރާރުންގަނޑެއް މި ހަފުތާގައި ވަނީ ފެނިފަ އެވެ. ބިސް ބޮސްގެ ގޭގައި ތިބި ބައިވެރިން ދެ ބައިވެ އެއް ބަޔަކު އަނެއް ބަޔަކާ ވަރަށް ގަދަޔަށް ޒުވާބުކުރި އެވެ. މި ކަންތައްގަނޑުގެ ތެރޭގައި ހިތެން އާއި ހީނާ އަށް ވަނީ ޖަލަށް ދާން ޖެހިފަ އެވެ.

އެއް ގްރޫޕްގައި ޕްރިޔަންކް ޝަރުމާ، ހީނާ ޚާން، ބިނަފްޝާ ސޫނާވާލާ އަދި ލަވް ތިޔާގީ ތިބިއިރު އަނެއް ގްރޫޕްގައި ތިބީ ޝިލްޕާ ޝިންޑޭ، އަރްޝީ ޚާން، ބަންދްގީ ކަލްރާ، ޕުނީޝް ޝަރުމާ އަދި އާކާޝް ދަދްލާނީ އެވެ.

ވަރުގަދަ އަރާރުމުގެ ތެރޭގައި ބިގް ބޮސް އިން ލަގްޒަރީ ބަޖެޓް ޓާސްކް އިއުލާން ކުރި އެވެ. ޕުނީޝް އަކީ ގޭގެ މިހާރުގެ ކެޕްޓަން ކަމަށް ވާތީ އޭނާ ހުރީ ސުޕަވައިޒަރަކަށެވެ. އެހެން ބައިވެރިންނަށް ޖެހުނީ ގާޑްން އޭރިއާގައި އޮތް ރޮކެޓެއްގައި އިށީންނާށެވެ. ކެޕްޓަންކަން ބޭނުން މީހުން އެންމެ ކުރިން މި ރޮކެޓުން ނުކުމެގެން ދިޔައީ އެވެ. އަދި ގިނަ މީހުން މި ޓާސްކް ފުރިހަމަ ނުކުރާކަން އެނގުމުން އަނެއްކާ އެންމެންގެ މެދުގައި ވަރަށް ބޮޑު އަރާރުމެއް ވަނީ ހިނގައިފަ އެވެ.

ދެން ދައްކާ އެޕިސޯޑެއްގައި ހައުސްމޭޓުން ޓާސްކް ފުރިހަމަ ނުކުރެވުމުގެ އިލްޒާމް އެކަކު އަނެކަކުގެ ބޮލުގައި އަޅުވަން މަސައްކަތް ކުރާ ތަން ފެންނާނެ އެވެ. ހީނާ ބުނަނީ ހުރިހާ ކަމެއް ދިމާވީ ސުޕަވައިޒަރަކަށް ހުރި ޕުނީޝް ނިދީމަ ކަމަށެވެ. މި އަރާރުމެއްގައި ބައިވެރިން އުޅެނިކޮށް އެންމެ ގޯސްކޮށް މި ޓާސްކްގައި ޕާފޯމްކުރި ދެ މީހެއްގެ ނަން ބުނުމަށް ބިގް ބޮސް ހުރިހާ ބައިވެރިންނަށް އެންގި އެވެ.

ބިޒްނަސް އޮފް ސިނަމާގައިވާ ރިޕޯޓެއްގައިވާ ގޮތުން ވަރަށް ބޮޑަށް ބަހުސް ކުރުމަށް ފަހު ބައިވެރިން ނިންމަނީ ހިތެން ތޭޖްވާނީ އާއި ހިނާ އަކީ އެންމެ ގޯސްކޮށް މި ޓާސްކްގައި ޕާފޯމްކުރި ދެ މީހުން ކަމަށެވެ.

އެހެންވެ ބެނަފްޝާއާ އެކު ހިތެން އާއި ހީނާ އަށް ވެސް ޖަލަށް ދާން ޖެހުނީ އެވެ. ބިނަފްޝާ ޖަލަށް ލީ އާކާޝް ދަދްލާނީގެ އިސްތަށިގަނޑަށް ދަމައިގަތުމުން އަދަބެއްގެ ގޮތުންނެވެ.