09 ނޮވެމްބަރ 2017 - 14:16

ބިދޭސީއަކު ދިވެއްސަކަށް ދިން 7،500 ޑޮލަރު (115،000ރ.) އަކީ ހަދިޔާއެއްގެ ގޮތުގައި ދިން ފައިސާއެއް ކަން، ފައިސާ ލިބުނު މީހާ އަށް ސާބިތުކޮށް ނުދެވުމުން އެ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަޕާނުގެ ރައްޔިތަކު ދިވެއްސަކަށް އެކި ދުވަސްމަތިން ދިން 7،500 ޑޮލަރު އަނބުރާ ހޯދަން ޖަޕާނު މީހާ ދައުވާ ކުރުމުން ދިވެހި މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ފައިސާއަކީ އެ ދެ މީހުންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ސަބަބުން ޖަޕާނު މީހާ އޭނާ އަށް ދިން ފައިސާއެއް ކަމަށެވެ. އެއީ އަނބުރާ ދައްކާ ގޮތަށް ދިން ފައިސާއެއް ނޫން ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައިވަނީ އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ދިން ފައިސާއެއް ކަން ސާބިތުކޮށް ދިނުމަކީ ފައިސާ ލިބުނު މީހާގެ ޒިންމާއެއް ކަމަށާއި އެކަން އެ މީހާ އަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ޖަޕާނު މީހާއަކީ ދިވެހި މީހާ އަށް ގާނޫނީ ގޮތުން ޚަރަދެއްް ކުރަންޖެހޭ މަގާމެއްގައި ނުވަތަ އެފަދަ ގުޅުމެއް އޮތް މީހަކަށް ނުވާތީ އެވެ. އެހެންވެ، އެ ފައިސާ ދިނީ އަނބުރާ ދައްކާ ގޮތަށް ކަން ސާބިތުކޮށް ދިނުމަކީ ފައިސާ ދިން މީހާ އަށް ލާޒިމް ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
މަދަނީ ދައުވާ ސާބިތުކޮށް ދިނުމަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ވިޔަސް ދައުވާ ލިބޭ ފަރާތުން ނަގާ ދިފާއުތައް ސާބިތުކޮށް ދިނުމަކީ އެ މީހަކު އަމިއްލަ އަށް ކުރަންޖެހޭނެ ކަމެއް ކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވެސް ފާހަގަކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ ފައިސާ ލިބުނު ކަމަށް ދިވެހި މީހާ އެއްބަސްވެފައިވާތީ އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުގައި ލިބުނު އެއްޗެއް ކަން ސާބިތުކޮށް ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ގާޒީ މުހައްމަދު ހަލީމް ކުރެއްވި އެ ހުކުމުގައި ދިވެހި މީހާއަށް އަންގާފައިވަނީ 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކައި، ނިންމުމަށެވެ.