އެހެން މީހުންނާ މެދު ވިސްނައިގެން އުޅެން ދަސްކުރުން
އެހެން މީހުންނާ މެދު ވިސްނައިގެން އުޅެން ދަސްކުރުން

އިންސާނީ ތަބީއަތަށް ބަލާއިރު އެކަކު އަނެކަކާ ގުޅިގެން ނޫނީ ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. މާތްﷲ އިންސާނުން ހައްދަވާފައި ވަނީ އިންސާނީ ނަސްލުގެ އެހެން މީހުންނާ ގުޅިގެން އުޅޭ ގޮތަށެވެ. މިކަން މިހެން އޮތް ނަމަވެސް އިންސާނާގެ ތަބީއަތުގައި ފަރުދީ ގޮތުން ކޮންމެ އިންސާނެއްގެ ވެސް ބޭނުންތަކަކާއި އެދުންތަކެއް އޮވެއެވެ. ނަތީޖާއެއްގެ ގޮތުން އެހެން މީހުންނާ މުއާމަލާތުތައް ކުރަން ޖެހޭއިރު މި ދެންނެވި ބޭނުންތަކާއި އެދުންތަކުގެ ނުބައި އަސަރު އެހެން މީހުންނަށް ބައެއް ފަހަރު ފޯރައެވެ.

މިގޮތުން އެހެން މީހުންގެ ހައްގުތައް ނިގުޅައި ގަނެވޭ ގޮތް ވެއެވެ. މިފަދައިން ހައްގެއް ގެއްލިގެން ދާކަށް ހަމަ އެކަކު ވެސް ބޭނުމެއް ނުވާނެ އެވެ. މިސަބަބަށްޓަކައި އިސްލާމް ދީނުގައި ކޮންމެ އިންސާނަކަށް ވެސް ލިބެން ޖެހޭ އަސާސީ ހައްގުތައް ހިމާޔަތް ކޮށްދެ އެވެ. މިގޮތުން ކޮންމެ އިންސާނަކު ވެސް އެހެން އިންސާނުންނަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކެއް ވެ އެވެ.

އެހެން މީހުންނަށް އަދާ ކުރަން ޖެހޭ ހައްގުތަކުގެ ގޮތުގައި އިސްލާމް ދީން ފާހަގަ ކުރާ ހައްގުތަކުގެ ތެރޭގައި ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރަށްޓެހިންނާއި އެއް މުޖުތަމައުގެ މީހުންނަށް އަދާކުރަން ޖެހޭ ހައްގުތަކެއް ވެއެވެ. ގާތްތިމާގެ މީހުންނަކީ ތިމާގެ ދިރިއުޅުމުގައި އާންމުކޮށް އެކިއެކި މުއާމަލާތުތަކުގައި އެންމެ ބޮޑަށް ގުޅެން ޖެހިފައިވާ މީހުންނެވެ. އެއަށްފަހު ރަށްޓެހިންނާއި އަވަށްޓެރިންނާއި އެއް މުޖުތަމައުގެ މީހުންނެވެ.

މި އެންމެންނާ އެކުގައި މިގޮތަށް ގުޅިގެން އުޅުމުގައި މި މީހުންނަށްޓަކައި ހައްގުތަކެއް އަދާ ކުރުމަށް އިސްލާމް ދީން އަމުރު ކުރެ އެވެ. މިގޮތުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ރިވެތި ޚުލްގު އެމީހުންނާ މެދު އަބަދުވެސް ބޭނުންކުރަން ގޮވާލަ އެވެ. އެމީހުންނަށް ގޯނާއެއްކޮށް ހަޑިހުތުރު ބަސްތައް ރައްދު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

އަބަދުވެސް އެމީހުންނަށް ވާގިވެރިވުމަކީ އިސްލާމް ދީން އެދޭ ގޮތެވެ. އެއިން މީހަކު ބަލިވެއްޖެ ނަމަ ގޮވާލަން ދިއުމާއި، ނިޔާވެއްޖެ ނަމަ ޖަނާޒާގައި ބައިވެރިވުމާއި، މުސީބާތެއް ކުރިމަތިވެއްޖެ ނަމަ ހިތްވަރުދީ އެހީތެރިވުމާއި، އެމީހުންގެ ތެރެއިން ފަގީރުންނާއި މިސްކީނުންނާއި ނުކުޅެދޭ މީހުންނަށް ވާގިވެރިވުމާއި، ޔަތީމުންނަށް އޯގާތެރިވުމާއި، މަސައްކަތެއް ލިބިފައިނުވާ މީހާ އަށް މަސައްކަތެއް ހޯދައިދިނުމުގައި އެހީތެރިވުމާއި މިފަދަ ކަންތައްތަކަކީ ވެސް ހަމަ އެމީހުންނަށްޓަކައި އަދާކުރަން ޖެހޭ ހައްގުތަކެވެ.

ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި އެހެން މީހުންނަށް ދަތިވެ އުނދަގޫވާ ގޮތަށް ކަންކަން ކުރުމުން ދުރުހެލިވުމަކީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. މިގޮތުން ތިމާ އެބަޔަކާ އެކު ދިރިއުޅޭ މުޖުތަމައުގައި ތަފާތު އެކިއެކި ޚިދުމަތްތައް ލިބިގަންނަ އިރު ތިމާ ނޫން އެހެން މީހުން ވެސް ހަމަ އެ ޚިދުމަތް ލިބިގަންނަން ބޭނުންވާނެ ކަން ވިސްނައިގެން އުޅެން ޖެހެ އެވެ.

މިސާލަކަށް ޚިދުމަތެއް ހޯދުމަށް ތަނަކަށް ދާއިރު ފުރަތަމަ ދާ މީހަކަށް ފުރަތަމަ ފުރުސަތު ދޭން ޖެހޭނެ އެވެ. ކޮންމެ ތަނެއްގައި ޚިދުމަތް ދޭން ނަންބަރު ދޫކޮށްފައި ނެތަސް އެހެން މީހުންނާ މެދު ވިސްނާނަމަ ތަރުތީބުން އެ ފުރުސަތު ދޭން ޖެހޭނެ އެވެ. އެހެންނޫންނަމަ އެހެން ބައެއްގެ ހައްގަކަށް އަރައިގަނެވެނީ އެވެ. ހަމަ އެފަދައިން އަނެކާއަށް ތަންދެއްކުމަކީ ވެސް ވިސްނަން ޖެހޭ ކަމެކެވެ.

މިސާލަކަށް މަގުގައި ދުއްވާ އުޅަނދެއް ޕާކު ކުރާ ނަމަ އެހެން މީހުން ވެސް ޕާކު ކުރަން ޖެހޭނެކަން ދަންނަން ޖެހޭނެ އެވެ. ހިނގާ މީހުން ހިނގަން ޖެހޭނެކަން ދަންނަން ޖެހޭނެ އެވެ. ނުވަތަ މިސާލަކަށް ތިމާ އަށް އައްވާއި ވާރެއިން ސަލާމަތްކަން ހޯދަން ކުރާ ކަމެއްގައި މަގުމަތިން ހިނގާފައިދާ މީހުން ތެމިގެންދާ ފަދަ ގޮތަކަށް ފުރާޅު ނުވަތަ ދިޔަދޮވި ބޭއްވުން ފަދަ ކަންކަމަކީ އެހެންމީހުންނާ މެދު ތިމާ ނުވިސްނާ ކަމުގެ ހެއްކެކެވެ.

އިސްލާމް ދީނުގައި އެހެން މީހުންނަށް އަދާކުރަން ޖެހޭ ހައްގުތައް ތިމާގެ މީހުންނާއި އަވަށްޓެރިންނާއި ރައްޓެހިންނާއި އެއް މުޖުތަމައުގެ މީހުންނާ ހަމައިން ނިމިގެންނެއް ނުދެ އެވެ. އެއަށް ވުރެ ބޭރަށް އެ ހައްގުތައް ފޯރުވާން ޖެހެ އެވެ. މުޅި ދުނިޔޭގައިވާ ހުރިހާ މުސްލިމުންނަކީ ވެސް އެހެން މުސްލިމުންގެ ފަރާތުން ހައްގުތަކެއް ލިބެން ޖެހޭ ބައެކެވެ. އެހެންކަމުން ހުރިހާ މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ގާއިމުކޮށް ހެޔޮކަންތަކާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅައިދޭ ގަވައިދުތަކެއް އިސްލާމީ ޝަރީއަތުގައި ވަނީ އެކުލެވިފަ އެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ފުރަތަމަ ކަމަކަށް އިޖުތިމާއީ އަޚްލާގު ހިފެހެއްޓުމުގެ ގޮތުން މުޅިން ދޫކޮށްލެވިފައިވާ މިނިވަންކަމަކާ އެކު އުޅުން އިސްލާމް ދީން ހުއްދައެއް ނުކުރެ އެވެ. މިސާލަކަށް ދިރިއުޅުމުގެ އެކިއެކި ކަންތައްތަކުގައި ހިލޭ އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކުރަން ބައެއް ފަހަރު ޖެހެއެވެ.

މިފަދަ ހާލަތްތަކުގައި އެންމެންވެސް ތަބާވާން ޖެހޭ ގަވައިދުތަކަކާއި އުސޫލުތަކެއް ވެއެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކީ ކުރެވޭ މުއާމަލާތުތައް ދީނީ ހަމަތަކުގެ މަތިން ސައްހަވުމެވެ. ދެ ވަނަ ކަމަކީ އަންހެނުންނާއި ފިރިހެނުން ވެސް އެމީހުންގެ އިއްފަތްތެރިކަން ދެމެހެއްޓުމެވެ. އިސްލާމްދީން އެދޭ ފަދަ ނިވާކަން ބޮޑު ހެދުން އެޅުމެވެ.

އެންމެހާ މީސްތަކުންގެ އަޚްލާޤު ރަނގަޅު ގޮތުގައި ހިފެހެއްޓުމަށްޓަކައި، އަޚްލާޤު ފަސާދަވާ ފަދަ މުނިފޫހިފިލުވުމާއި ކުޅިވަރުތަކަކީ އިސްލާމް ދީން ލޯބިކުރާ ކަންތައްތަކެއް ނޫނެވެ. މުނިފޫހިފިލުވުމަކީ އިސްލާމީ ނަޒަރުން ބަލާ އިރު އޭގެ ޒާތުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނީ ދިރިއުޅުމުގެ ބުރަ ވަޒީފާ އަދާކުރަމުންދާ އިރު ހިތްތަކަށް ރާހަތެއް ލިބުން ކޮންމެހެން ބޭނުންވާނެ އެވެ. ނަމަވެސް މިގޮތުން ކުރާ ކަންތައްތައް ދީން މަނާކުރާ ކަމަކަށް ވެގެންނެއް ނުވާނެ އެވެ. އަދި ތިމާގެ ސިއްހަތާއި މުދާ ގެއްލިގެންދާ ފަދަ ގޮތެއްގައި ކުރެވޭ ކަމަކަށް ވެސް ވެގެން ނުވާނެ އެވެ.

ތިން ވަނަ ކަމަކަށް މުސްލިމް ޖަމާއަތުގެ ވަޙުދަތާއި ބާއްޖަވެރިކަން ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ މެދުގައި ދެބަސްވުން އިސްލާމް ދީން ވަނީ މަނާކޮށްފަ އެވެ. ދެބަސްވާ ފަދަ ކޮންމެ ކަމެއް ދިމާވިއަސް އެކަމުގެ ހައްލު ހޯދުމަށް އިސްލާމް ދީނުގެ އަސްލަށް ރުޖޫއަވާން ޖެހެ އެވެ. ކީރިތި ޤުރުއާނަށާއި މާތްރަސޫލާގެ ސުންނަތަށް ރުޖޫއަވާން ޖެހެ އެވެ.

އަނެއް މުހިންމު ކަމަކީ މުސްލިމުން ޣައިރު މުސްލިމުންނާ އެކިއެކި ކަންކަމުގައި މުއާމަލާތުތައް ކުރަންޖެހޭ އިރު އެމީހުންނަށް އަދުލުވެރި ވެވޭ ފަދަ ގޮތެއްގައި މެނުވީ އެފަދަ މުއާމަލާތުތައް ނުކުރުމެވެ. މިސާލަކަށް އެމީހުން ގަބޫލު ކުރާ ކަލާނގެތަކަށް (އެއީ ހައްގު ނޫން ކަމުގައިވާ އިރު ވެސް) ހުތުރު ބަސްތައް ރައްދުކޮށް މަލާމާތް ކުރުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫނެވެ.

އެމީހުންނާ ދެކޮޅުވެރިކަމެއް އަދާވަތްތެރިކަމެއް އިސްވެ ބާއްވައިގެން ނުވާނެ އެވެ. އެމީހުން ސުލްހަވެރިކަމާ އެކު މުސްލިމުންނާ ގުޅުން ބާއްވަން ބޭނުންވާ ހިނދަކު އެމީހުންގެ ހައްގުތައް ވެސް ރައްކާތެރިކޮށްދޭން ޖެހެ އެވެ. މުސްލިމުންގެ ހައްގަކަށް އެމީހުން އަރައިގަތުމުން ނޫނީ ދެކޮޅުވެރިކަމެއް ބާއްވައި އަދި ހަނގުރާމަ ކުރުމެއް ވެސް ނެތެވެ.

މި އިޝާރާތް ކޮށްލެވުނީ ދިރިއުޅުމުގެ ހަޔާތުގައި އެކިއެކި ކަންކަމުގައި އެހެންމީހުންނާ މެދު ވިސްނަން ޖެހޭ ކަންކަމުގެ ބައެއް މިސާލު ތަކެވެ. މިފަދަ މިސާލުތައް ބައިވަރު ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރެއިން ފެނިގެންދާނެ އެވެ. ވީމާ އެ ފަދަ ކޮންމެ ހާލަތެއްގައި ވެސް ތިމާ ނޫން އެހެންމީހުން ވާކަން ދަންނަން ޖެހެއެވެ. ތިމާ ޚިދުމަތެއް ބޭނުންވާ ފަދައިން އެހެންމީހުންވެސް ހަމަ އެ ޚިދުމަތް ބޭނުންވާނެ ކަން ދަންނަން ޖެހެއެވެ. މިއީ ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭ ކަމެކެވެ. ކޮންމެ މުސްލިމަކު ވެސް އެހެން މީހުންނާ މުއާމަލާތު ކުރުމުގައި ގެންގުޅެން ޖެހޭ ގަވައިދު ތަކެކެވެ. މި ގަވައިދުތަކަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ.