މެޕްސް ކޮލެޖުގެ 40 ޕްރޮގްރާމަކަށް ކުރިމަތިލާން ހުޅުވާލައިފި
މެޕްސް ކޮލެޖުގެ 40 ޕްރޮގްރާމަކަށް ކުރިމަތިލާން ހުޅުވާލައިފި

މެޕްސް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތައް މީގެ ތެރޭގައި ހިމެނެ އެވެ. މި ކޯސްތަކަށް ކުރިމަތިލާން އަންނަ މަހުގެ 31 ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.

ކޯސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ މުހައްމަދު އަޒީޒް ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ އެ ކޮލެޖުގެ ކޯސްތަކުގެ އިތުރުން އިނގިރޭސިވިލާތުގެ ބެޑްފަޑްޝާ ޔުނިވާސިޓީ އާއި ދުނިޔޭގެ ފެންވަރުގެ އެހެން ކޯސްތަކެއް ވެސް ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މެޕްސް ކޮލެޖުން ފަށަން ހަމަޖައްސާފައިވާ ކޯސްތަކަކީ ވަޒީފާގައި އުޅެމުން ވެސް ފަސޭހައިން ކިޔެވުން ކުރިއަށްގެންދެވޭނެ ޕްރޮގްރާމްތަކެއް ކަމަށެވެ. ހަފުތާގެ މަދު ދުވަސްތަކުގައި އަދި ބްލޮކް މޯޑަށް ވެސް ކޮލެޖުގެ ކޯސްތައް ހިންގާނެ ކަމަށް އަޒީޒް ވިދާޅުވި އެވެ.

މެޕްސް ކޮލެޖުން ފަށަން ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ބިޒްނަސް މެނޭޖްމަންޓާއި ޓޫރިޒަމާއި މާކެޓިން އަދި ޓީޗިންއާ ގުޅުންހުރި ކޯސްތަކެވެ. އެ ކޯސްތަކުން ގާތްގަނޑަކަށް 800 ދަރިވަރުންނަށް ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ ފޯ ރިސާޗު އެންޑް ޑިވެލޮޕްމަންޓް އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި މެޕްސްގެ ކެމްޕަސްތަކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރަށުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް އިންޓާންޝިޕް ހޯދައިދިނުމާއި އެ ކޮލެޖުން ކިޔަވައި ނިންމާ ދަރިވަރުންނަށް ވަޒީފާ ލިބޭނެ ގޮތްތައް ބަލަމުން އަންނަކަމަށް ވެސް ޝެހެނާޒު ވިދާޅުވި އެވެ.

މެޕްސްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް އިންސްޓޯލްމަންޓަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.